މާލޭގައި ކުރިއަށްދިޔަ ސާފް 20 އަހަރުން ދަށު މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝްއިން ހޯދައިފިއެވެ.
މިރޭގެ މެޗަކީ ފޯރިގަދަވާނެ ކަމަށް މާ ކުރިންވެސް ބެލެވިފައި އޮތް މެޗެކެވެ. އެއީ އިންޑިއާއާއި ބަންގްލަދޭޝްއަކީ ސާފް ސަރަހައްދުގެ އުމުރުފުރާ މުބާރާތްތަކުގައި އެންމެ ވާދަވެރި ދެ ގައުމު ކަމަށްވުމާއެކުގައެވެ.
ސާފްގެ އުމުރުފުރާ މުބާރާތްތައް ބާއްވަމުން ދަނީ އެކި އަހަރު އެކި އުމުރުފުރާތަކަށް ޓާގެޓް ކޮށްގެންނެވެ. އެއީ އެއް ޖީލަކަށް މުބާރާތުގައި ވާދަކުރުމުގައި ކުރިއަށްދެވޭނެ ގޮތަކަށް މުބާރާތް އިންތިޒާމުކުރުމަށެވެ. އެގޮތުން ސާފުން އުމުރުފުރާ މުބާރާތްތައް، 2015 ވަނަ އަހަރު ބާއްވަން ފަށައި، 18 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ އިތުރުން 20 އަހަރުން ދަށަށް އަމާޒުކޮށް ބާއްވާފައިވެއެވެ. މިއީ ރާއްޖޭގައި ސާފްގެ އުމުރުފުރާ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.
މިހާތަނަށް އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އިންޑިއާ އޮތް އިރު، 2019 ވަނަ އަހަރުގެ ފައިނަލުގައި އިންޑިއާއިން 2-1 އިން ބަންގްލަދޭޝް ބަލިކުރިއެވެ. 2022 ވަނަ އަހަރު ފައިނަލުން ބަންގްލަދޭޝް ބަލިވީ އިތުރު ވަގުތަށް ގޮސް، 5-2 ގެ ނަތީޖާއަކުންނެވެ. ދެން މިދިޔަ އަހަރު ފައިނަލުގައި އިންޑިއާ މޮޅުވީ ޕެނަލްޓީގައި 4-3 އިންނެވެ.
އެންމެފަހުން 20 އަހަރުން ދަށަށް ބޭއްވި 2024 ވަނަ އަހަރު މުބާރާތުގެ ތަށި ނެގީ ބަންގްލަދޭޝްއިންނެވެ. މިއީ 20 އަހަރުން ދަށަށް ބޭއްވި މުބާރާތް ބަންގްލަދޭޝްއިން ނެގި ދެވަނަ ފަހަރެވެ.
މިރޭގެ މެޗަށްވެސް ގިނަ ސަޕޯޓަރުންތަކެއް ދަނޑަށް ވަދެފައިވާ އިރު، މެޗު ވެގެން ދިޔައީ މި ފަހަކަށް އައިސް ގައުމީ ދަނޑުން ފެނުނު އެންމެ ފޯރިފަދަ އެއް މެޗަށެވެ. ފެށުނީއްސުރެން ސަޕޯޓަރުންގެ އަޑު ކެނޑިގެން ގޮސްފައެއް ނުވެއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗުން ބަންގްލަދޭޝް މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. އެއީ ޕެނަލްޓީގައެވެ. ޕެނަލްޓީއަށް ދިޔައީ ފުރިހަމަ ވަގުތު ގޯލެއް ނުޖެހި އެއްވަރުވުމުންނެވެ.
މެޗުގެ ކުރީކޮޅުގައި ބޮޑަށް ނުރައްކާކޮށް، ކުރިއަށް ޖެހުނީ ބަންގްލަދޭޝްއިންނެވެ. އެމްޑީ މުރްސިދު އަލީއާއި އެމްޑީ މަނިކްގެ ގިނަ ހުރަސްތަކެއް ފެނިގެން ގޮސްފައިވާ އިރު، ރޮނަން ބެންޖަމިން ސުލިވަންގެ ހަމަލާ މަތަކުރީ އިންޑިއާ ކީޕަރު ސޫރަޖް ސިންހް އަހޭބަމްއެވެ.
ކޯނަރުތަކުގައިވެސް ބަންގްލަދޭޝް ބޮޑަށް ނުރައްކާ ކޮށް ފެނުނު އިރު، އަނެއްކޮޅުން އިންޑިއާއިން ކުރިއަށް ޖެހޭ ވަގުތުތަކުގައި ނުރައްކާ ކުރީ އޮމަންގް ޑޯޑުމްއެވެ. މުބާރާތުގައި މޮޅަށް ކުޅެމުން އަންނަ ޑޯޑުމްގެ ނުރައްކާ ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް ހާފު ނިމުނީ ގޯލެއް ނުޖެހި، 0-0 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެއްވެސް ޓީމަކަށް ހުސް ފުރުސަތެއް ލިބިފައި ނުވާ އިރު، އެންމެ ރަނގަޅު ފުރުސަތަކަށް ފެނުނީ މެޗުގެ ފަހުކޮޅުގައި ރޮނަންއަށް ލިބުނު ފުރުސަތެވެ. ބެންޗުން އެރި އޭނާގެ އެއްމާބަނޑު ޑެކްލަން ތިއެޑޯ ސްލިވިއަން ދިން ބޯޅައިގައި ރޮނަން ފޮނުވާލި ބޯޅައަށް އިންޑިއާ ކީޕަރު ކުރިއަށް ނުކުމެ، ސަލާމަތްކުރިއެވެ.
އެއާއެކު މެޗު ޕެނަލްޓީއަށް ގޮސްފައިވާ އިރު، އިންޑިއާގެ ނިންގްތޯހޮންޖަމް ރިޝީ ސިންހް ފޮނުވާލި ޕެނަލްޓީ ބަންގްލަދޭޝް ކީޕަރު އެމްޑީ އިސްމައީލް ހުސައިން މާހިން މަތަކުރިއެވެ. ބަންގްލަދޭޝްގެ މުރްސިދު އަލީ އެޓީމަށް ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކޮށްދިން އިރު، އިންޑިއާއިން ދެން ޖެހި ޕެނަލްޓީ އެމްޑީ އަރްބާޝް ކާމިޔާބުކުރިއެވެ.
ބަންގްލަދޭޝްގެ ޗަންދަން ރޯއީގެ ޕެނަލްޓީއާއި އިންޑިއާގެ އަހޮންގްޝަންބަން ޖެހި ސަމްސޮން ޖެހި ޕެނަލްޓީވެސް ކާމިޔާބުކުރި އިރު، ބަންގްލަދޭޝްގެ އަބްދުލް ރިޔާޒް ފަހީމްވެސް ޕެނަލްޓީ ވެއްދިއެވެ. އިންޑިއާގެ ވިޝާލް ޔާދެވްވެސް އަނެއްކޮޅުން ޕެނަލްޓީ ވެއްދިއެވެ.
އެ ޕެނަލްޓީއަށްފަހު އިންޑިއާގެ ކީޕަރު ސޫރަޖަށް އަނިޔާވެގެން ކަމަށް ބުނެ، އޭނާ ވެއްޓިފައިވާ އިރު، އިންޑިއާއިން މަސައްކަތް ކުރީ ކީޕަރު ބަދަލުކުރާށެވެ. އެހެން ނަމަވެސް، އެކަމަށް ހުއްދައެއް ނުލިބުނެވެ. އޭގެފަހުން ބަންގްލަދޭޝްގެ ސަމިއުލް ރަކްސަމް ޖެހި ޕެނަލްޓީ ނާކާމިޔާބުވި އިރު، އިންޑިއާއަށް ފައިދާ ނަގަން ލިބުނު ފުރުސަތުގައި ޑޯޑުމް ޖެހި ޕެނަލްޓީ ދިޔައީ މަތިންނެވެ.
ބަންގްލަދޭޝް މޮޅުވެި ޕެނަލްޓީ ޖެހީ ރޮނަންއެވެ.
މުޙައްމަދު ޝަމްޢޫން
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް