ސާފް 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ނިންމާލީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. މިއީ ރާއްޖޭގައި ސާފްގެ އުމުރުފުރާ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ 2021 ވަނަ އަހަރުފަހުން ސާފްގެ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

މިފަހަރުގެ މުބާރާތް ހޯސްޓް ކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އާ އެކްސްކޯއިން ހުށަހެޅި އިރު، އޭގެ ކުރިން އޮތް އެކްސްކޯގެ ހާލަތާއެކު ސާފަށް އޮތީ ރާއްޖެއަށް އިތުބާރުވެސް ގެއްލިފައެވެ. 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕަށް ދޭން ޖެހޭ އިނާމު ފައިސާއަށް ވާ 75000 ޑޮލަރުގެ މައްސަލައެއްވެސް އޮތެވެ.

އެފަހަރު ޗެމްޕިއަންކަން ހޯދި އިންޑިއާއަށް 50،000 ޑޮލަރު ދޭން އެފަހަރު ކަނޑައަޅާފައިވާ އިރު، ރަނަރަޕަށް ދިޔަ ނޭޕާލަށް ދޭން އެފަހަރު ކަނޑައަޅާފައި ވަނީ 25،000 ޑޮލަރެވެ.

ރާއްޖޭގައި ބޭއްވި ސާފް މުބާރާތުގެ އިނާމު ފައިސާ ސާފަށް ނުދޭތީ، 2024 ވަނަ އަހަރު ބޭއްވި ސާފްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމެއްގެ އިތުރުން، ކޮންގްރެސްގައިވެސް ވަނީ ރާއްޖެއަށް ފިޔަވަޅު އަޅަން މަޝްވަރާ ކޮށްފައެވެ.

ތަކުރާރުކޮށް، މި ފައިސާ ދައްކަން އެފްއޭއެމަށް ސާފުން ދިން މުހުލަތުތަކުގައިވެސް އެކަން ކޮށްފައިނުވާތީ، ސާފްގެ މެމްބަރުން އައީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އެކަން ނިންމަން މިފަހަރުގެ އެކްސްކޯއިން ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަސް ތެރޭގައި އެ ދަރަނި އަދާކޮށް، ސާފާއެކު ގުޅުން ރަނގަޅުކުރަން މަސައްކަތް ފަށައިފައެވެ.

"މި ފުރުސަތު ލިބުނީމަ ސާފަށް ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދެން ސާފާއި އެފްއޭއެމްއާވެސް އަދި އޭއެފްސީއާއި ފީފާ އަދި ބައިނަލްއަގުވާމީ ފުޓުބޯޅައާ އެފްއޭއެމްއާވެސް ވަރަށް ބޮޑަށް ގުޅުން ކުޑަވެފައި އޮތް ދަނޑިވަޅެއްގައި ސާފާ ގުޅުން ރަނގަޅުކޮށް، މިކަން މި ކުރެވުނީ،" ކާމިޔާބު 20 އަހަރުން ދަށުގެ މުބާރާތަށްފަހު އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، އަހުމަދު ޒަރިީރު މީޑިއާއަށް ވިދާޅުވިއެވެ.

7 މާޗް 2026، މާލެ، އެފްއޭއެމް އޯޑިނަރީ ކޮންގްރެސް 2026ގެ ތެރެއިން ޒަރީރު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އަހުމަދު ތޯރިގު (ޓޮމް) އެފްއޭއެމްއާ ހަވާލުވިފަހުން މިހާތަނަށް ބޭއްވި އެންމެ ބޮޑު މުބާރާތަކީ މިފަހަރުގެ ސާފް 20 އަހަރުން ދަށުގެ މުބާރާތެވެ. ޒަރީރުގެ ނަޒަރުގައި މުބާރާތަށް ދިމާވި އެންމެ ބޮޑު ޗެލެންޖަކީ ތަމްރީނުތަކަށް އެކަށީގެންވާ ވަސީލަތްތައް މާލެ ސަރަހައްދުގައި ނެތުމެވެ.

"މި މުބާރާތުގައި ހަތް ޓީމު ވާދަކުރުމާއެކު، މިކަހަލ މުބާރާތެއް މާލޭގައި ހޯސްޓް ކުރުމަކީ ޗެލެންޖްތަކެއް ހުންނާނެ ކަމެއް. ޓީމުތައް އެކޮމޮޑޭޓް ކުރުމުގައި އުނދަގޫކަމެއް ނެތް ނަމަވެސް، ތަމްރީނުތަކަށް ހުރި ޗެލެންޖްތަކެއް. ދަނޑުތައް މަދުވެ، ތަމްރީނުތަކަށް ފުރުސަތު ނުލިބުމުގެ ޝަކުވާ އައި ޓީމުތަކުންވެސް. ޓާފް ދަނޑުގައި ޕްރެކްޓިސް ކުރަން ޖެހުމާއެކު އެކަންކަން ފާހަގަކުރި. އެހެން ނަމަވެސް ދެން ހުރި ކަންކަން ވަރަށް ރަނގަޅު ކަންވެސް ފާހަގަކުރި ޓީމުތަކުން. ޓްރާންސްޕޯޓާއި އެކޮމޮޑޭޝަންގެ ކަންކަންވެސް،" ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ފާހަގަކުރެއްވީ މުބާރާތަކީ އެފްއޭއެމްގެ އާ ހިންގާ ކޮމިޓީއާއެކު މިހާރު އާދެވިފައިވާ ހިސާބު ވަޒަންކުރަން ލިބުނު ފުރުސަތެއް ކަމަށެވެ. އެގޮތުން ވަސީލަތްތަކަށް ބައެއް ޝަކުވާ ހުރި ނަމަވެސް، އެހެން ހުރިހާ ކަމެއް އެފްއޭއެމްގެ ފަރާތުން ރަނގަޅުކަން، ޓީމުތަކުން ފާހަގަކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

23 މާޗު 2026، މާލެ، ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއާއި ސްރީ ލަންކާ ވާދަކުރި މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މިފަހަރުގެ މުބާރާތުގެ ތެރެއިން ރާއްޖޭގެ ސީނިއާ ޓީމުންވެސް ގައުމީ ދަނޑުގައި މެޗެއް ކުޅެފައިވެއެވެ. އެއީ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗެވެ. އޭގެ އިތުރުން މުބާރާތް ނުނިމެނީސް، ހެންވޭރު ދަނޑުވެސް ބޭނުން ނުކުރެވޭ ގޮތް ވިއެވެ. އެއީ އިންތިހާބާ ދިމާކޮށް، އިލެކްޝަން ކޮމިޝަނުން އެތަނުގައި ޓެންޓް ޖެހުމުންނެވެ.

ވިނަ ދަނޑުގެ ވަސީލަތްތައް މާލޭ ސަރަހައްދުގައި މަދުވުމުން އެ ޗެލެންޖް ބޮޑުވި ނަމަވެސް، ޒަރީރުގެ ނަޒަރުގައި މުބާރާތް ވެގެންދިޔައީ ކާމިޔާބު މުބާރާތަކަށެވެ. އެކަމަށްޓަކައި އެކިއެކި ފަރާތްތަކުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރަމުން ޒައްރަ ވިދާޅުވީ، މުބާރާތް ކާމިޔާބުކުރެވުނީ ގިނަ ބަޔަކު ގުޅިގެން ކަމަށެވެ.