މިއަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވާކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލީލަކީ ގައުމީ ހިދުމަތުގެ ފަހުރުވެރި ރިކޯޑުތަކެއް އޮތް ބޭފުޅެއް ކަމަށެވެ. ގާސިމް ވިދާޅުވީ ރާއްޖޭގެ ދިފާއުގައި ޖަލީލުވަނީ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ. އަދި ޖަލީލަކީ ގައުމީ ޝަރަފް އަރުވާފައިވާ، ނިޝާން އަސްކަރީގެ އިއްޒަތުގެ ވެރިއެއްކަމަށް ގާސިމް ވިދާޅުވިއެވެ.

ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރުމަހު ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލައިން ގައުމު ސަލާމަތްކުރުމަށް، ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް ޖަލީލުގެ ގަދަފަދަ ގައުމީ އަޒުމު ސާބިތުކޮށްދޭކަމަށް ގާސިމް ވިދާޅުވިއެވެ.

"އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ގައުމަށްޓަކައި ތައްޔާރަށް. ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު. ފަސްބައިގާ ކިލަނބުކަމެއް ނެތް. އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް. ނުހަނު ހުލްގު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖުރިބާކާރު ޝަހުސިއްޔަތެއް" ގާސިމް ވިދާޅުވިއެވެ.

"މިހުރިހާ ހަގީގަތްތަކެއް މިހެން ހުރީތީވެ، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަގަމަށް މޫސާ ޖަލީލަށްވުރެ ތަޖުރިބާކާރު، އަމާނާތްތެެރި، ހިދުމަތްތެރި، ގާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން"

އެހެންވެ އޭނާ އެދިވަޑައިގަންނަވަނީ މާލޭގެ ރައްޔިތުން ޖަލީލަށް ވޯޓު ދެއްވުންކަމަށް ގާސިމް ވިދާޅުވިއެވެ.