ވިލާ ގްރޫޕުގެ ބާނީ، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް، އިންސާނިއްޔަތަށް ފޯރުކޮށްދެއްވާފައިވާ ދީލަތި އެހީތެރިކަން ބަލައިގަނެ މެލޭޝިއާގެ ސެންޓަ ފޯ އެންޓަޕްރިނިއަޝިޕް (އޭސީއީ) އިން ދޭ "އޭޝިއާސް ބެސްޓް އެންޓަޕްރިނިއާ ފިލެންތުރޮޕިސްޓް 2026" އެވޯޑް އޭނާއަށް ލިބިވަޑައިގެންފިއެވެ.

ރޭ މެލޭޝިޔާގެ ޕޫޓްރަޖާޔާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެވޯޑާ ގާސިމްގެ ފަރާތްޕުޅުން ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަލުން އުމަރު އަރުކާން ގާސިމެވެ.

ވިޔަފާރިވެރިންގެ އިޖުތިމާއީ ޒިންމާއާއި އިންސާނީ އެހީތެރިކަމަށް ހިތްވަރުދޭ ޖަމިއްޔާއެއް ކަމަށްވާ އޭސީއީއިން ފާހަގަކުރި ގޮތުގައި، ގާސިމަށް މި ޝަރަފު އެރުވީ އޭނާގެ އަމިއްލަ ކުންފުނިތަކާއި ވިލާ ފައުންޑޭޝަން މެދުވެރިކޮށް މުޖުތަމައުގެ ލާބައަށް ކޮށްދެއްވާފައިވާ ގުނާ އަދަދު ނުކުރެވޭ ހިދުމަތްތަކުގެ ސަބަބުންނެވެ.

މުޅި އޭޝިއާ ސަރަހައްދަށް އަމާޒުކޮށް ބޭއްވި މި ރަސްމިއްޔާތުގައި ގާސިމްގެ އިތުރުން ސަރަހައްދުގެ އެހެން ހަތަރު ވިޔަފާރިވެރިއަކަށް "އޭޝިއާސް ބެސްޓް އެންޓަޕްރިނިއާ ފިލަންތްރޮޕިސްޓް އައިކަން" ގެ އެވޯޑް ދީފައިވެއެވެ.

އަދި، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުގެ ހިދުމަތްތައް ފާހަގަކޮށް، އެ ގައުމުގެ "ފާދަ އޮފް އެންޓަޕްރިނިއަޝިޕް ޑިވެލޮޕްމަންޓް" ގެ ޝަރަފުވެރި ލަގަބުވެސް ގާސިމަށް ވަނީ އަރުވާފައެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަމާއި ފިނޭންސް މިނިސްޓަރުކަން ފަދަ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ގާސިމަކީ ރާއްޖޭގެ ސިއްހީ އަދި ތައުލީމީ ދާއިރާއަށް ބޮޑެތި ހޭދަތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އާސަންދައިގެ ހިދުމަތް ފެށުމުގެ ކުރިން، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ގިނަ އަދަދެއްގެ ދިވެހީން އިންޑިއާއަށް ފޮނުއްވައި، އެ މީހުންގެ ހުރުމާއި ބޭސްފަރުވާގެ ހުރިހާ ހަރަދެއް ބެލެހެއްޓެވީ ގާސިމްގެ އަމިއްލަ ހޭދައިގައެވެ.

މީގެއިތުރުން، އެތައް ހާސް ދަރިވަރުންނަކަށް މަތީ ތައުލީމު ހާސިލުކުރުމުގެ ދޮރު ހުޅުވައިދެއްވުމަށް ލޯނާއި ހިލޭ އެހީ ދެއްވާފައިވެއެވެ.

ގާސިމްގެ އިންސާނިއްޔަތުކަމުގެ މި ދިގު ތާރީހު ފެށިގެން އައީ ޒުވާން ދުވަސްވަރު މާލޭގެ ސެންޓްރަލް ހޮސްޕިޓަލުގެ އާދައިގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރު، އެތަނަށް އަންނަ މީހުންނަށް އަމިއްލަ މުސާރައިން ބޭސް ގަނެދެއްވި ހިސާބުންނެވެ.