ދައުވާ ނުނިމި ނުވަ އަހަރަށްވުރެ ދިގުލައިގެންދާތީ، ގދ. މަޑަވެލި ގަމަރީ އިއުތިސާމް މުހައްމަދު ސައީދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ބާތިލުކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
އަމިއްލައަށް ތައްޔާރުކޮށްގެން މާލޭގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި އިއުތިސާމް ހިމެނޭހެން، ހއ. ހޯރަފުށީ ވިދުވަރުގެ ނާސިއު މުހައްމަދާއި، އެރަށު އަލަނާސިގޭ މުހައްމަދު ތަސްލީމްއާއި، ހދ. ނައިވާދޫ ރިވެލި ޝިމާން ޝަރީފް ފުލުހުން ހައްޔަރުކުރީ 2017 ވަނަ އަހަރުއެވެ.
އެއަށްފަހު ހަމަ އެ އަހަރު އެމީހުންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުވާ ކުރިއެވެ.
އެކަމާ ގުޅިގެން 2017 އިން ފެށިގެން ދައުވާކުރި މީހުން ތިބީ ޖަލުގައި ބަންދުކޮށްފައެވެ. ނަމަވެސް 2018 ވަނަ އަހަރު ޝަރުތުތަކަކާއެކު އެމީހުން ބަންދުން ދޫކޮށްލިއެވެ. އެ ޝަރުތުތަކުގެ ތެރޭގައި ކޯޓަށް އެއްބާރުލުން ދިނުމާއި، އެ ބާވަތުގެ ކުށެއް ތަކުރާރު ނުކުރުމާއި މާލޭން ބޭރަށް ނުދިއުން ހިމެނެއެވެ.
ނަމަވެސް 2021 ވަނަ އަހަރު އިއުތިސާމްގެ މައްޗަށް ކުރި ކުށެއްގެ ތުހުމަތުތަކަކާ ގުޅިގެން އޭނާ ބަންދުން ދޫކޮށްލަށް ކުރި އަމުރު ބާތިލުކޮށް، ކުރިން ހައްޔަރުކުރި ކުށުގެ މައްޗަށް އަލުން އޭނާ ބަންދު ކުރިއެވެ. އޭރު ހައްޔަރުކުރި މައްސަލަ އޭނާގެ މައްޗަށް ސާބިތެއް ނުވި ނަމަވެސް ބޮމުގެ މައްސަލައިގައި މިހާތަަނަށްވެސް އޭނާ ހުރީ ބަންދުގައެވެ.
ބޮން ގޮއްވަން އުޅުނު މައްސަލަ ކުރިއަށް ނުގޮސް، މިހާތަަނަށްވެސް އޭނާ ބަންދުގައި ހުންނަން ޖެހުމުން އެ ދައުވާ ބާތިލުކޮށްދިނުމަށް ކުރިމިނަލް ކޯޓަށް ހުށަހެޅިއެެވެ.
މި މައްސަލަ އިއުތިސާމްގެ ފަރާތުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން އޭނާގެ ގާނޫނީ ވަކީލު އަހްމަދު އަބްދުﷲ އަފީފު ވިދާޅުވީ، ދައުލަތުން ދައުވާ ހުށަހެޅުމަށްފަހު ދައުވާފޯމަށް ބަދަލު ގެނައުމާއި ކުރިން ހުށަހަޅާފައި ނެތް ސިއްރު ހެއްކެއް ދައުވާގައި ހިމެނުމަށް ދައުލަތުން ކުރި މަސައްކަތްތަކެއްގެ ސަބަބުން ދައުވާ މާބޮޑަށް ލަސްވެފައިވާ ކަމަށެވެ.
އެ މިންވަރަށް ދައުވާ ލަސްވުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު އިއުތިސާމަށް ގެއްލުނު ކަމެއް ކަމަށާއި، އެހެންކަމުން މައްސަލަ ބާތިލުކޮށްދިނުމަށް އެދި ކުރިމިނަލް ކޯޓަށް ހުށަހެޅީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މައްސަލަ ލަސްކުރުމުގެ ނިޔަތުގައި ދައުލަތުން ގަސްތުގައި ކުރިކަމެއް ފެންނަން ނެތް ކަަމަށާއި، މައްސަލަ މައުލޫއީގޮތުން ބެލުމުގެ ކުރިން، މައްސަލަ ބާތިލުކުރެވެން ނެތް ކަމަށް ކުރިމިނަލް ކޯޓުން ނިންމި ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރި ކަމަށެވެ.
ޖިނާއީ މައްސަލައެއް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ނުދިއުމަކީ އެކަމުގެ ސަބަބުން މުއްތަހަމަށް ލިބިދޭ މި މައްސަލައިގައި ބަޔާންކުރާ އެކަށީގެންވާ އަވަސްމިނެއްގައި ޝަރީއަތް ކުރުމުގެ ހައްގާ ހިލާފަށް ކުރެވޭ ކަމެއް ކަމަށާއި އެފަދަ ހިލާފުވުންތަކަށް އެކަށީގެންވާ ހައްލެއް އޮންނަންޖެހޭ ކަމަށް ހައިކޯޓުުން ބަޔާންކުރި ނަމަވެސް، ޖިނާއީ އަދުލުގެ ނިޒާމް ނަހަމަގޮތުގައި ބޭނުންކޮށް މައްސަލައިގެ ޝަރީއަތް ލަސްކުރުމުގެ ނިޔަތުގައި ދައުލަތުގެ ފަރާތުން ކޮށްފައިވާ ކަމެއް އޮތްކަމަށް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިނުވާތީ، މި މައްސަލައިގައި ކުރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ގާނޫނީ ނުވަތަ ޝަރުއީ ސަބަބެއް ނެތްކަމަށް ހައިކޯޓުން މި މައްސަލައިގައި ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލަ އިއުތިސާމްގެ ފަރާތުން ނިންމަން އެދޭ ތިން ކަމެއް ވަކީލު މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ.
އޭގެ ތެރެއިން އެއް ކަމަކީ ދައުވާއަށް ބަދަލު ގެނައުމާއި ސިއްރު ހެކި އެކެއް ހުށަހެޅުމުގައި އަމަލު ކޮށްފައިވާގޮތަކީ އެނާއަށް ލިބިފައިވާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީއަތް ކުރުމުގެ ހައްގަށް އުނިކަން ލިބޭފަދަ ގޮތަށް ކޮށްފައިވާ ކަންތައްތަކެއްކަމަށް ކަނޑައަޅައިދިނުމެވެ.
ދެވަނަ ކަމަކީ ހިނގަމުންދާ ޖިނާއި މައްސަަލައެއް އެކަށީގެންވާ މިންވަރަށްވުރެ ލަސްވުމުން އެ މައްސަލަ ބާތިލުކުރަންޖެހޭ ހަމައެކަނި ހާލަތަކީ އެ މައްސަލައިގައި އިންސާފު ލިބުމަކީ މުސްތަހީލު ކަމެއް ކަމަކަށްވާ ހާލަތު ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ބާތިލުކޮށްދިނުމެވެ. އެއާއެކު އިއުތިސާމްގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނުނިމި އެކަށީގެންވާ މިންވަަރަށްވުރެ ލަސްވުމަކީ އޭނާއަށް ގާނޫނުއަސާސީ ކަށަވަރުކޮށްދީފައިވާ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު ގެއްލޭ ކަމެއް ކަމުގައިވާތީ މި މައްސަލަ އިތުރަށް ކުރިއަށްގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ބާތިލުކުރުމަށް ކުރިމިނަލް ކޯޓަށް އަންގަައި ހުކުމްކޮށްދެއްވުމެވެ.
އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓް