ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ފުވައްމުލަކު ސިޓީން މީހަކު ހައްޔަރުކޮށްފިއެވެ.
ފުވައްމުލަކުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ރަށު މިސްކިތްމަގު އަވަށަށް ނިސްބަތްވާ މީހެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކަމަށެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ފުލުހުން މިއަދު ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުވައްމުލަކު ސިޓީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައެވެ.
ފުލުހުން، އެ މީހާ ކޯޓަށް ހާޒިރުކުރުމަށްފަހު، ކޯޓުން ނެރެ، ފުލުހުންގެ އުޅަނދަށް އަރުވާ މަންޒަރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
އެނގިފައިވާ ގޮތުގައި ފުވައްމުލަކު ބަޔަކު ވަނީ، އެ މައްސަލައިގައި ތުހުމަތުވާ މީހާގެ ގައިގައި ތަޅައި އަނިޔާވެސްކޮށްފައެވެ. އެ މީހާގެ ގައިގައި ތަޅައި، އެ މީހާގެ އަންނައުނު ބާލުވާފައި ހުރި ވީޑިއޯއެއްވެސް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
އެ މައްސަލައިގައި ފުލުހުންގެ ކޮމެންޓެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ