ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދިޔަ ވިޔަފާރި ޕްރޮޕޯސަލް ޕިޗިން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެ މުބާރާތް ނިންމުމުގެ ގޮތުން އޯޝަން ޕާލް ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި އެއްވަނައަށް ހޮވުނީ ޓީމް އޭ3ޒެޑް އެވެ. ދެވަނަ ހާސިލުކުރީ ޓީމް އެންދެރި ކަމަށްވާ އިރު، ތިންވަނައަށް ދިޔައީ ޓީމް ލުމޯރާ އެވެ. މުބާރާތުގެ ވަނަތަކަށް ދެވުނު ފައިސާގެ އިނާމު ސްޕޮންސަރު ކޮށްދީފައިވަނީ ދިވެހި އިންވެސްޓްމެންޓް ޕާޓްނާސް އާއި އަމާނާ ތަކާފުލް އިންނެވެ.

ޓީމް އޭ3ޒެޑްގެ މެންބަރުން:

  • ޒާރާ އިބްރާހީމް ހަސަން
  • ⁠އާއިޝަތު ޒިޝާ ހުސައިން
  • ⁠ހަދީޖާ އަލްޔާ ޝަފީއު
  • ⁠ޒީކް އަބްދުالله ހަސަން

ޓީމް އެންދެރިގެ މެންބަރުން:

  • ނާހީ މުހައްމަދު
  • ⁠އަހްމަދު އިއްޒު އިލްޔާސް އަބްދުالله
  • ⁠އަހްމަދު ސިމާދު

ޓީމް ލުމޯރާގެ މެންބަރުން:

  • އާއިޝަތު މަންހާ މަސްއޫދު
  • ⁠ޒާރާ އިބްރާހީމް ރުޝްދީ
  • ⁠އާއިޝަތު މިޝާ އިބްރާހީމް

ނިންމުމުގެ ރަސްމިއްޔާތުގައި އައިޔޫއެމްގެ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމެންޓް ސްޓަޑީސްގެ ޑީން ޑރ. މުހައްމަދު ޒާހިރާއި ބީސީސީގެ ޗީފް ސްޓްރެޓެޖިކް އޮފިސަރު މަރިޔަމް ނަޝާގެ އިތުރުން ޔުނިވާސިޓީގެ ލެކްޗަރާއިންނާއި ފުވައްމުލަކުގެ މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތް ރޭވިފައި އޮތީ ބައިވެރިންނަށް ޕްރޮޕޯސަލް ލިޔުމުގެ ތަމްރީނު ފޯރުކޮށްދޭ ގޮތަށެވެ. ކޮންމެ ގްރޫޕަކަށް މެންޓަރެއް ހަމަޖެއްސުމުގެ އިތުރުން، ކާމިޔާބު ވިޔަފާރިވެރިއެއްގެ ތަޖުރިބާ ހިއްސާކުރުމާއި 21 ވަނަ ގަރުނުގެ ވަޒީފާގެ ހުނަރާއި ވިޔަފާރީގެ ހުނަރާ ގުޅޭ ޕެނަލް މަޝްވަރާއެއް ވެސް ކުރިއަށް ގެންދެވުނެވެ.

އައިޔޫއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި ހަރަކާތުގެ މައިގަނޑު އަމާޒަކީ މުޖުތަމައުގެ ޒުވާނުންނަށް އަމިއްލަ ވިޔަފާރީގެ މަގުން އާމްދަނީ ހޯދުމަށް ހިތްވަރު ދިނުމެވެ. މި މުބާރާތް ސްޕޮންސާ ކޮށްފައިވަނީ ދިވެހި އިންވެސްޓްމެންޓް ޕާޓްނާސް، އަމާނާ ތަކާފުލް، ރަށި އިވެންޓްސް އަދި އޯޝަން ޕާލް ފުވައްމުލަކުންނެވެ. މިއީ ފުވައްމުލަކު ސިޓީ ކައުންސިލުގެ އެއްބާރުލުމާއެކު ހިންގުނު ހަރަކާތެކެވެ.