ފުވައްމުލަކު ސިޓީގައި ހިންގަމުން ދިޔަ ޑްރަގް ކެފޭއެއް ބަންދުކޮށް، ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، ދޫޑިގަން، މާދޫގެ، އަހްމަދު ރަޝީދު (32އ) އަދި ފުވައްމުލައް، ދޫޑިގަން، ރޫބީ، މުހައްމަދު ޝާޒް(36އ) އެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރުމުން 17 ގްރާމުގެ މަސްތުވާތަކެތި ފެނުނުކަމަށް ފުލުހުން ބުންޏެވެ.

އަދި މާދޫގޭގައި، އަހްމަދު ރަޝީދު ދިރިއުޅޭ ބައިގައި މަސްތުވާތަކެތި ކެފޭގެ އުސޫލުން ފޯރުކޮށްދީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންގެންދާ މައްސަލައާ ގުޅިގެން، އަހްމަދު ރަޝީދު ދިރިއުޅޭ ބައި 90 ދުވަހަށް ބަންދުކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުންވަނީ އަމުރުކޮށްފައިކަމަށް ފުލުހުން ބުންޏެވެ.

ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އެ އަމުރު ނެރެފައިވަނީ މިމަހުގެ 19 ވަނަ ދުވަހުކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވަނީ މުހައްމަދު ޝާޒް 15 ދުވަހަށް ބަންދުކުރުމަށާއި، އަހްމަދު ރަޝީދު 12 ދުވަހަށް ބަންދުުކުރުމަށް އަމުރުކޮށްފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.