ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް (ކެމްސް) އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން "ޓައިގާ ޓޭންކް – ފުވައްމުލައް 2026" ގެ ނަމުގައި ވިޔަފާރި ޕްރޮޕޯސަލް ޕިޗިން މުބާރާތެއް މިމަހުގެ 20 އިން 21 އަށް ފުވައްމުލަކު ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ފުވައްމުލަކުގެ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ހަރަކާތުގެ ބޭނުމަކީ އީޖާދީ އަދި އުފެއްދުންތެރި ވިޔަފާރީގެ ސަގާފަތެއް ރަށުގައި އާލާކުރުމެވެ. ހަމައެކަނި ވަޒީފާ ހޯދުމަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ވިޔަފާރިއެއް ފެށުމަކީ ވެސް ކެރިއަރެއްގެ ގޮތުގައި ބެލުމަށް ޒުވާނުންނަށް ހިތްވަރު ދިނުން މީގެ ތެރޭގައި ހިމެނެއެވެ. ޕްރޮގްރާމު ނިމޭ އިރު ބައިވެރިންނަށް ވިޔަފާރީގެ އަމަލީ ހުނަރާއި އިތުބާރު ލިބި، މުޖުތަމައަށް ހިދުމަތް ކުރެވޭނެ ފެންވަރުގެ ވިޔަފާރިތަކެއް ބިނާ ކުރެވޭނެ ގާބިލުކަން ލިބިގެންދާނެ ކަމަށް އައިޔޫއެމުން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމް ފެށިފައިވަނީ މިމަހުގެ ދެވަނަ ދުވަހު އައިޔޫއެމް ފުވައްމުލަކު ކެމްޕަހުގައި ކުރިއަށްގެންދިޔަ ބިޒްނަސް ޕްރޮޕޯސަލް ލިޔުމުގެ މަސައްކަތު ބައްދަލުވުމަކުންނެވެ. ކޮންމެ ޓީމަކަށް ވެސް މެންޓަރެއް ކަނޑައަޅައި، އެ ފަރާތެއްގެ އިރުޝާދުގެ ދަށުން ޕްރޮޕޯސަލް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މިމަހުގެ 20 ވާ ހުކުރު ދުވަހުގެ ހަވީރު 4:30 އިން 6:00 އަށް ފުވައްމުލަކު ސިޓީ ކައުންސިލުގެ ކުރުދުމާ މާލަމުގައި ފުވައްމުލަކުގައި ކާމިޔާބީ ހޯދަމުން އަންނަ ވިޔަފާރިވެރިއެއްގެ ތަޖުރިބާ ހިއްސާ ކުރާ "ސަކްސެސް ސްޓޯރީ އޮފް އޮންޓްރެޕްރެނިއަރސް" ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެ ރޭ 8:30 އިން 10:00 އަށް 21 ވަނަ ގަރުނުގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތަކާއި ވިޔަފާރިވެރިކަމުގެ ހުނަރުތަކާ ގުޅޭ ޕެނަލް ޑިސްކަޝަނެއް ވެސް ހިމެނެއެވެ.

ޖެހިގެން އަންނަ 21 ވަނަ ދުވަހު ހެނދުނު 8:00 އިން މެންދުރު 12:00 އަށް ކުރުދުމާ މާލަމުގައި ބައިވެރިންގެ ވިޔަފާރި ހުށަހެޅުންތައް ކުރިއަށް ގެންދެވޭނެއެވެ. ނިންމުމުގެ ރަސްމިއްޔާތު އެ ރޭ 8:00 ގައި އޯޝަންޕާލްގައި ބާއްވާ ގޮތަށް ވަނީ ރޭވިފައެވެ. އެންމެ މޮޅު ތިން ޓީމު ހޮވާނީ ފަނޑިޔާރުންގެ ޕެނަލުން ދޭ 85 މާކްސް އާއި އާންމުންގެ ވޯޓުން ލިބޭ 15 މާކްސް އެއްކޮށްލައިގެން ކަމަށްވާ އިރު، ގަދަ ތިން ޓީމަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މި ހަރަކާތުގެ ސްޕޮންސަރުންނަކީ އަމާނާ ތަކާފުލް (މޯލްޑިވްސް) ޕީއެލްސީ، ދިވެހި އިންޝުއަރެންސް، އޯޝަން ޕާލް އަދި ރަށި އިވެންޓްސް އެވެ. މި ހަރަކާތްތައް ބެލުމަށް ވަނުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލައިފައެވެ.