ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ކުޅުނު ދެވަނަ ލެގުތަކުގެ ނަތީޖާތަކާއެކު އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާއިންވެސް ކުއާޓާ ފައިނަލް ޔަގީން ކޮށްފިއެވެ.

ބާސާއިން އަމިއްލަ ދަނޑުގައި ރޭ ނިއުކާސަލް ބަލިކުރީ 7-2 އިންނެވެ. ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައިވާ އިރު. ރޭގެ މެޗުގެ ކުރީކޮޅުގައިވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ރަފީނިއާ މެޗުގެ ކުރީކޮޅުގައި ބާސާއަށް ލީޑު ނަގައިދިން ނަމަވެސް، 15 ވަނަ މިނެޓުގައު އެންތަނީ އެލަންގާ ވަނީ މެޗު އެއްވަރު ކޮށްފައެވެ.

އޭގެ އިރުކޮޅެއްފަހުން މާކް ބާނަލް ބާސާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން އިރު، ހާފު ނިމުމުގެ ކުރިން ނިއުކާސަލް އެއްވަރުކޮށް، ވާދަކުރެވޭނެ ކަން ދައްކާލިއެވެ. އެ ގޯލްވެސް ޖެހީ އެލަންގާއެވެ.

ދާދި ހަމަހަމަކޮށް ފުރަތަމަ ހާފު ނިމުމު ނަމަވެސް، ދެވަނަ ހާފުގައި ބާސާއިން އުނދަގޫކަމެއް ނެތި، މެޗު ޑޮމިނޭޓް ކުރިއެވެ. އެޓީމުގެ ތަފާތަކަށްވީ ރަފީނިއާއާއި ލެމީން ޔަމާލްގެ އިތުރުން ރޮބާޓް ލެވަންޑޯސްކީއެވެ. ލެވަންޑޯސްކީ ދެ ގޯލް ޖެހި އިރު، ރަފީނިއާ ވަނީ ދެ އެސިސްޓް ކޮށްދީ ގޯލެއް ޖަހައިފައެވެ. އަދި ޔަމާލް އެސިސްޓެއް ފުރިހަމަ ކުރި އިރު، އަނެއް ގޯލް ޖެހީ ފާމިން ލޮޕޭޒެވެ.

އެތުލެޓިކޯއިން ޓޮޓެންހަމް ކަޓުވާލީ އެގްރިގޭޓް 7-5 އިން މޮޅުވެގެންނެވެ. ރޭ ރަށުން ބޭރުގައި އެތުލެޓިކޯ ވަނީ 3-2 އިން ބަލިވެފައެވެ. އެހެން ނަމަވެސް ފުރަތަމަ ލެގުގައި ހޯދި މޮޅާއެކު އެތުލެޓިކޯއަށް ވަނީ ކުއާޓާގެ ފުރުސަތު ޔަގީންވެފައެވެ.

ފުރަތަމަ ހާފުގައި ކޯލޯ މުއާނީ ޖެހި ގޯލުން ޓޮޓެންހަމް ހިތްވަރު ހޯދި ނަމަވެސް، ދެވަނަ ހާފުގައި އަނެއްކާވެސް އެތުލެޓިކޯއިން މެޗު އެއްވަރުކުރިއެވެ. އެ ގޯލް ޖެހީ ޖޫލިއަން އަލްވަރޭޒެވެ. އޭގެފަހުން ޒަވީ ސިމޮންސްގެ ދެ ގޯލާއެކު ޓޮޓެންހަމްއިން އުންމީދާއެކު ކުޅެމުން ދިޔަ ނަމަވެސް، ޑޭވިޑް ހެންކޯ ޖެހި ގޯލުން އެޓީމުން ނަތީޖާ ޔަގީންކުރިއެވެ.