ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް ލިވަޕޫލާއި ބަޔާން މިއުނިކުންވެސް ކުއާޓާ ފައިނަލް ޔަގީން ކޮށްފިއެވެ.
ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގުގެ މެޗުތައް ރޭ ކުޅެފައިވާ އިރު، ލިވަޕޫލުން ގަލަޓަސަރާއީ ބަލިކުރީ 4-0 އިންނެވެ. އެ ނަތީޖާއިން ރޭ ލިވަޕޫލް މޮޅުވި އިރު، ފުރަތަމަ ލެގުގައި ކުޅުނު މެޗުން އޮތީ 1-0 އިން ބަލިވެފައެވެ.
މި ސީޒަނުގައި އުނދަގޫތަކަކާ ކުރިމަތިވެފައިވާ ލިވަޕޫލަށް ރޭ ޕްރެޝަރު މެޗަކާ ކުރިމަތިވެފައިވާ އިރު، މެޗު އަނބުރާލީ ތަފާތު ޖޯޝެއްގައެވެ. ޑޮމިނިކް ޝޮބޮސްލާއީ ރީތި ގޯލަކާއެކު އެޓީމަށް ލީޑު ނަގައިދިން އިރު، އޭގެ ފަހުން ހިތްވަރުކުރީ ގަލަޓަސަރާއީ ފޯވަޑެވެ.
މުހައްމަދު ސަލާހްގެ ދެ ފުރުސަތެއް ކީޕަރު މަތަކުރި އިރު، ކީޕަރު އުގާކަން ސާކިރު ވަނީ ސަލާހްގެ ޕެނަލްޓީއެއްވެސް މަތަކޮށްފައެވެ.
ލީޑު ފުޅާކުރުމަށް ކުރަމުންދިޔަ މަސައްކަތް ހޫގޯ އެކިޓީކޭ ކާމިޔާބުކުރީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. ސަލާހްގެ ބޯޅައިން އެ ގޯލް ޖެހި އިރު، އޭގެ ދެމިނެޓް ފަހުން ސަލާހް ވަނީ އިތުރު ފުރުސަތެއް ފަހިކޮށްދީފައެވެ. އެފަހަރު ނިންމާލީ ރަޔްނ ގްރެވެންބާހެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ސަލާހް ގޯލް ޖަހައި ފޯމު ދައްކާލީ ބޮޑު މޮޅެއް ޔަގީން ކޮށްދީފައެވެ.
ލިވަޕޫލުން ކުއާޓާގައި ވާދަކުރަން ޖެހޭނީ އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ.
ބަޔާނުން ރޭގެ މެޗަށް ނުކުތްއިރުވެސް ތަފާތު ބޮޑުކޮށް ފުރަތަމަ ލެގު ކާމިޔާބުކޮށްފައިވާ އިރު، އަމިއްލަ ދަނޑުގައި ދެވަނަ ލެގުން އެޓަލާންޓާ ބަލިކުރީ 4-1 އިންނެވެ.
އެގްރިގޭޓް 10-2 އިން ބަޔާން ދެ ލެގު ކާމިޔާބުކުރި އިރު، ރޭގެ މެޗަށް އެޓީމަށް އޮތް ހަމައެކަނި ހާސްކަމަކީ ކީޕަރުގެ ދަތިކަމެވެ. އެންމެ ފުރަތަމަ ބޭނުންކުރާ ދެ ކީޕަރުންނަށްވެސް އަނިޔާވެފައިވާ އިރު، ރޭގެ މެޗާ ހަމައަށްވެސް ތިންވަނަ ކީޕަރު ޖޯނަސް އާބިގް ފިޓް ނުވެދާނެ ކަމަށް އޮތީ ބެލެވިފައެވެ.
އެ ހާލަތުގައި އޮތް ނަމަ، ބަޔާނަށް ޖެހިފައި އޮތީ އުމުރުން 16 އަހަރުގެ ލެއޮނާޑް ޕްރެސްކޮޓް ފުރަތަމަ 11 ނެރޭށެވެ. އެހެން ނަމަވެސް އާބިގް ފިޓްވުމާއެކު ވިންސެންޓް ކޮމްޕެނީ ވަނީ އޭނާ ބޭނުން ކޮށްފައެވެ.
ރޭގެ މެޗުގައި ހެރީ ކޭން ދެ ގޯލް ޖެހި އިރު، ދެން ގޯލްތައް ޖެހީ ލުއިސް ޑިއާޒާއި ލެނާޓް ކާލްއެވެ.
އެެޓަލާންޓާގެ ގޯލް ޖެހީ ލަޒާރް ސަމާޑްޒިކެވެ.
ބަޔާނުން ކުއާޓާގައި ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު