އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތީގެ ހާލަތު ގޯސްވެފައި އޮތުމާއެކު ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާއި ދެކުނު އެމެރިކާގެ ޗެމްޕިއަން އަދި އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ވާދަކުރަން އޮތް ފައިނަލިސީމާ މެޗު ކެންސަލް ކޮށްފިއެވެ.

މިފަހަރުގެ ފައިނަލިސީމާ މެޗު ކުޅެން ރާވާފައި އޮތީ މިމަހުގެ 26 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާ ދީގެން ފެށި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ އެހެން ގައުމުތަކަށްވެސް ނުރައްކާ ކުރަމުންދާ އިރު، ގަތަރާއި އެހެން ގައުމުތަކުގައި ހުރި އެމެރިކާ ބޭސްތަކަށް އީރާންގެ ހަމަލާތައް އަމާޒުކޮށްފައިވެއެވެ.

ގަތަރުގެ ހާލަތު ގޯސްވުމާއެކު ފައިނަލިސީމާ މެޗު ދެ ލެގުގެ ކުރިމަތިލުމަކަށް ބަދަލުކުރެވޭތޯ ޔޫއެފާއިން ހުށަހެޅިއެވެ. އެއީ އެއް މެޗު ރެއާލް މެޑްރިޑްގެ ސަންތިއާގޯ ބާނަބޭއޫގައި ކުޅުމަށްފަހު އަނެއް މެޗު، އާޖެންޓީނާގެ ބުއެނޯސް އެއާސް ގައި ކުޅުމަށެވެ. އެހެން ނަމަވެސް އާޖެންޓީނާއިން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށް ޔޫއެފާއިން ބުންޏެވެ.

ޔޫއެފާއިން ބުނީ މިހާރު ގަތަރުގައި އޮތް ހާލަތުން ފައިނަލިސީމާ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

ދެކުނު އެމެރިކާގެ ފުޓުބޯޅަ އިދާރާއާއި އާޖެންޓީނާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނިއުޓްރަލް ދަނޑެއްގައި މެޗު ކުޅުމަށް، އިޓަލީއަަށް މެޗު ބަދަލުކުރަން އާޖެންޓީނާއިން އެއްބަސްވި ކަމަށެވެ. އެހެން ނަމަވެސް މެޗު ބަދަލުކުރާނަމަ، 31 ވަނަ ދުވަހަށް މެޗުގެ ތާރީހު ބަދަލުކުރަން އާޖެންޓީނާއިން ބޭނުންވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނީ މެޗު ކެންސަލް ކުރަން ޖެހުނީ ޔޫއެފާއަށް އެ ތާރީހަށް އެއްބަސްނުވެވިގެން ކަމަށެވެ.

އެންމެ ފަހުން، ފައިނަލިސިމާ މެޗެއް ކުޅެފައިވަނީ 2022 ވަނަ އަހަރުއެެވެ. އެ ފަހަރު ޔޫރަޕްގެ ޗެމްޕިއަން އިޓަލީ އަތުން 3-0 އިން މޮޅުވެ، ތަށި އުފުލާލީ އާޖެންޓީނާ އިންނެވެ. އެއީ، ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ ކޮޕަ އެމެރިކާގެ ޗެމްޕިއަނުންނާއި ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅޭ ޔޫރަޕްގެ ޗެމްޕިއަނުން މެޗެއްގައި ނުކުތް ތިންވަނަ ފަހަރެވެ.

އޭގެކުރިން، 1985 ވަނަ އަހަރު އުރުގުއޭ އަތުން ފްރާންސް މޮޅުވި އިރު، 1993 ވަނަ އަހަރު ޑެންމާކް އަތުން އާޖެންޓީނާ ވަނީ ޕެނަލްޓީ ޖަހައިގެން މޮޅުވެފައެވެ.