އެމެރިކާޔާއި އީރާނުގެ ހަގުރާމަޔާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަނެއްކާވެސް އައު ރާގަކަށް އައު ވާހަކަތަކެއް ދައްކައިފިއެވެ. މިފަހަރު ދެއްކީ ކޮންވާހަކަތަކެއް ބާވައެވެ. ގަތަރުގެ ބޮޑުވަޒީރު މުހައްމަދު އަބްދުއްރަހުމާން އާލްޘާނީއާއެކު ވޮޝިންޓަނުގައި ބޭއްވުނު ވަރަށް ދިގު މަޝްވަރާތަކަކަށްފަހު ޓްރަމްޕު ބުންޏެވެ. ހަގުރާމަ މުޅިން ހުއްޓައިލުމުގެ ކޮޅުމައްޗަށް މިތިބީ އާދެވިފަައެވެ. ހަމަލަތައް އަލުން ފެށުމަކީ ދެން ވަރަށްވެސް ދުރުގައިވާ ވަރަށްވެސް ނާދިރު ކަމެކެވެ. އެހެންވީމާ ހަގުރާމައިގެ އަސްކަރީ ފިޔަވައި މިހާރު އޮތީ ނިމިފައިކަމަށް އެންމެންވެސް ގަބޫލުކުރަންވީއެވެ. ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރުވުމާއި ޓްރަމްޕުގެ ބަސްމަގާއި ރާގަށް ބަދަލު އައުންފަދަ ކަންކަމުގެ ސަބަބުން ދުނިޔެއަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ވަނީ ލިބިފައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުވެސް ވަނީ ދަށަށް ގޮސްފައެވެ. މިދެންނެވި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ މުގުލުގައި އޮތީ ގަތަރެވެ.

ގަތަރުގެ ބޮޑުވަޒީރު އެމެރިކާއަށް ވަޑައިގެން ރައީސް ޓްރަމްޕާއި ނާއިބުރައީސް ޖޭޑީ ވޭންސާއެކު ބޭއްވެވި މަޝްވަރާތަކުގައި އީރާނުގެ ބައެއް މެސެޖުތައްވެސް ވަނީ ހިއްސާ ކުރައްވައިފައެވެ. އެ މެސެޖުތަކަކީ އީރާނުގެ އެދުންތައް ނުވަތަ ޝަރުތުތަކާ ބެހޭ މެސެޖުތަކެވެ. އެމެރިކާގެ މިޑްޓާރމް އިލެކްޝަނަށްފަހު ރައީސް ޓްރަމްޕާއި އޭނާގެ ސަރުކާރުގެ ބަސްމަގަށް އައިސްފައިމިވާ ބަދަލާމެދު އީރާނުގެ ރައުޔަކީ ކޮބައިބާވައެވެ. އީރާނުވެސް އޮތީ އުންމީދެއްގައި ބާވައެވެ. އީރާނުގެ ގައުމީ ސަލާމަތާބެހޭ އެންމެ އިސް މަޖިލީހުގެ ވެރިޔާ މުހުސިން ރިޒާއީ ވިދާޅުވީ ޒާތްޒާތުގެ ބަހަނާ ނުދައްކައި އެމެރިކާއިން މިހާރު ކުރަންވީ ކަމަކީ އީރާނުގެ ހަތް ޝަރުތަކަށް ދީލައިލުން ކަމުގައެވެ. އެކަން ނުކުރާހާ ހިނދަކު އީރާނުން އެމެރިކާޔާއެކު ދައްކާނެ ވާހަކަތަކެއް، ކުރާނެ މަޝްވަރާތަކެއްވެސް ނުހުންނާނެ ކަމުގައެވެ. އެކަންނުކޮށް ތިބެގެން މަޝްވަރާޔޭ، ވާހަކަތަކޭ ކިޔަކަސް އެއީ މުޅިން ނަގުލީ ދޮގު ވާހަކަތަކެއް ކަމަށް ރިޒާއީ ވިދާޅުވިއެވެ. އެއީ އެމެރިކާގެ ޚިޔާލީފޮލާ ކަމަށްވެސް ސިފަކުރެެއްވިއެވެ.

އެމެރިކާޔާއި އީރާނުގެ ހަގުރާމަ ހުއްޓުވޭތޯ ޑިޕްލޮމެޓިކް އައު މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާއިރު އީރާނުން ބުނަމުންދަނީ ސީދާ މަޝްވަރާތައް ފެށުމުގެ ކުރިން އީރާނުގެ ހަތް ޝަރުތަކަށް އެމެރިކާއިން ދީލާލަން ޖެހޭނެ ކަމުގައެވެ. އީރާނުގެ ގައުމީ ސަލާމަތާބެހޭ އެންމެ އިސް މަޖިލީހުގެ ވެރިޔާ މުހުސިން ރިޒާއީ ވަނީ އެ ހަތް ޝަރުތު ކަޅާއި ހުދުން ބަޔާންކުރައްވައިފައެވެ. ފުރަތަމަ ޝަރުތަކީ ހުރިހާ މަައިދާނެއްގައި ހަގުރާމަ ހުއްޓައިލުމެވެ. ޚާއްސަކޮށް ލުބުނާނުގައެވެ. މީގެ މާނަޔަކީ އިޒްރޭލް ސިފައިން ލުބުނާނަށް ދެމުންގެންދާ ހަމަލަތައް އެމެރިކާއިން ގަދަކަމުންވިޔަސް ހުއްޓުވައި ދިނުމެވެ. ދެވަނަ ޝަރުތަކީ އެމެރިކާޔާއި ހުޅަގުގެ ގައުމުތަކުން ހިފަހައްޓާފައިވާ އީރާނުގެ ފައިސާޔާއި މުދާ ދޫކުރުމެވެ. މިދެންނެވި ގައުމުތަކުން ގަޑުކޮށް ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ މިންވަރު އެތައް ބިލިޔަން ޑޮލަރަކަށް އަރައެވެ. ތިންވަނަ ޝަރުތަކީ އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އެމެރިކާއިން ގާއިމުކޮށްފައިވާ ނޭވަލް ބްލޮކޭޑް އުވައިލުމެވެ.

ހަތަރުވަނަ ޝަރުތަކީ އީރާނުގެ އެތެރޭގެ ކަންތައްތަކާ ބެހުން އެމެރިކާއިން ހުއްޓައިލުމެވެ. އީރާނުގެ ދާޚިލީ ކަންތައްތަކާ ނުބެހުމެވެ. ފަސްވަނަ ޝަރުތަކީ އީރާނުގެ އިސްލާމީ އިންގިލާބާ ދެކޮޅު ފަރާތްތަކާ މުއާމަލާތުކޮށް އެއްބާރުލުން ދިނުން އެމެރިކާއިން ހުއްޓާލުމެވެ. މިދެންނެވި ވާހަކައިގެ މުރާދަކީ އީރާނުގެ ކުރީގެ ވަލީއަހުދާއި އެނޫންވެސް އިދިކޮޅު ފަރާތްތަކަށް ފައިސާދީ ސަޕޯޓްކުރުން ނިމުމަކަށް ގެނައުމެވެ. ހަވަނަ ޝަރުތަކީ އީރާނުގެ ސަރަހައްދަށް ހަމަލަދިނުން މުޅިން ހުއްޓައިލުމެވެ. ހަތްވަނަ އަދި އެންމެފަހު ޝަރުތަކީ އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމަށް އަޅާފައިވާ އެންމެހައި ފިޔަވަޅުތައް އުވައިލުމެވެ. މަތީގައި ބަޔާން މިކުރެވުނީ އީރާނުގެ ޝަރުތުތަކެވެ. މި ޝަރުތުތަކުގެ ތެރޭގައި މީގެކުރިން ހުށަނާޅާ ކަހަލަ އައު ޝަރުތުތަކެއްވެސް ހިމެނެއެވެ. އޭގެތެރޭގައި އީރާނުގެ ދާޚިލީ ކަންކަމާއި ނުބެހުމާއި އީރާނުގެ އިދިކޮޅު ފަރާތްތަކަށް އެހީނުވުން ހިމެނެއެވެ. މި ޝަރުތުތަކާމެދު ވިސްނައިލީމާ ފެންނަނީ އީރާނުގެ ސިޔާސީ މަގާމު ކުރިއަށްވުރެވެސް ހަރުދަނާވެ ވަރުގަދަވެފައިވާ މަންޒަރެވެ. ޚާއްސަކޮށް އެމެރިކާޔާއި އިޒްރޭލުގައި ބޭއްވުނު އިންތިޚާބުތަކަށް ފަހުގައެވެ.

އިޒްރޭލާއި އެމެރިކާގެ އިންތިޚާބުތަކަށްފަހު އީރާނުގެ ޕޮޒިޝަން ވަރުގަދަވެއްޖެއޭ މިދެންނެވީ ސީރިއަސް ސަބަބުތަކެއް ހުރެގެންނެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެގެން ޓްރަމްޕު މިހަގުރާމައެއް ފެށީ އީރާނުގެ ވެރިކަން ބަދަލުކުރުމުގެ ނިޔަތުގައެވެ. އެކަމެއް ނުވިއެވެ. އިޒްރޭލުގެ އިންތިޚާބުގައި ނަތަންޔާހޫ ބަލިވެއްޖެއެވެ. އޭނާގެ ބައިގަޑަށް ނިކަމެތިކަން ލިބިއްޖެއެވެ. ނަތަންޔާހޫގެ އެންމެބޮޑު ވާދަވެރިޔާ ގާދީ އެއިޒަންކޮޓް އެދަނީ އައު ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ވެރިކަން ނިމުމާއެކު އައުބޮޑުވަޒީރު އެއިޒަންކޮޓްގެ ފުރަތަމަ ނިންމުމަކަށްވެސް ވާނީ ހަގުރާމަތަކަށް ނިމުން ގެނައުމެވެ. އެގޮތުން ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ އުދުވާންތަކަށްވެސް އޭނާ ނިމުން ގެންނާނެއެވެ. ދެންއޮތީ އެމެރިކާގެ އިންތިޚާބުގެ ނަތީޖާއެވެ. އެމެރިކާގެ މިޑްޓާރމް އިލެކްޝަނުގައި ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީ ވަނީ ބޮޑުތަނުން ބަލިވެފައެވެ. ގާނޫނުހަދާ މަޖިލީހުގެ ދެގޭގެ ކޮންޓްރޯލްވެސް އިދިކޮޅު ޑިމޮކްރެޓުން ވަނީ ނަގައިފައެވެ.

ޓްރަމްޕާއި އޭނާގެ ބައިވެރިންނަށް މިލިބުނު ބޮޑު ނާކާމިޔާބީގެ އަސްލަކީ އީރާނުގެ ހަގުރާމަކަމަށް ޚުދު އެބައިގަޑުވެސް ވަނީ އެއްބަސްވެފައެވެ. ތަކެތީގެ އަގުއުފުލި ރައްޔިތުންގެ ޖީބަށް ބާރުބޮޑުވުމުގެ ސިއްރަކީ މި ހަގުރާމަކަމަށް އެއްބަސްވާން އެންމެފަހުން މަޖުބޫރުވެސްވީއެވެ. އީރާނާ ދެކޮޅަށް ހަގުރާމަ ފަށަން ޓްރަމްޕަށް އެންމެ ބޮޑަށް ހިތްވަރުދީ މުޅި އުދުވާން ރާވައިދިން މީހަކީ ދިފާއީވަޒީރު ޕީޓް ހެގްސެތެވެ. އެމެރިކާގެ ގާނޫނުހަދާ މަޖިލީހުން އެދަނީ ހެގްސެތު މަގާމުން ވަކިކުރުމަށް ތައްޔާރު ވަމުންނެވެ. ހެގްސެތަށްފަހު ދެންއޮތީ ޚާރިޖީވަޒީރު މާރކޯ ރޫބިއޯގެ ކަންތަކެވެ. މިކަންކަން މިހެންއޮތީމާ ދެން ޓްރަމްޕަކަށްވެސް އީރާނާ ދެކޮޅުހަދައި ހަގުރާމަ ފުޅާކުރުމަށް މާބޮޑު ޖާގައެއް ނެތެވެ. ޑިމޮކްރެޓުންގެ ފުރަތަމަ ސަތޭކަ ދުވަހުގެ އެޖެންޑާގައި ހަގުރާމައަށް ނިމުން ގެނައުންވެސް ހިމެނެއެވެ. އެހެންވީމާ ޓްރަމްޕު އެހެރީ ގޮތްހުސްވެފައެވެ. ޓްރަމްޕާއި ނަތަންޔާހޫއަށް ގޮތްހުސްވުމަކީ އީރާނުގެ ކާމިޔާބީއެކެވެ. އީރާނުގެ އައު ޝަރުތުތަކުން ފާޅުވަނީ މިދެންނެވި ކާމިޔާބީގެ ކުލަވަރެވެ.