އެމެރިކާގެ މަތިންދާބޯޓު އުފުލާ ތިންވަނަ މަނަވަރު މިހާރުވަނީ އީރާނުގެ އައްސޭރިޔާ ގާތަށް ފޮނުވައިފައެވެ. މިމަނަވަރުގެ ނަމަކީ ޔޫއެސްއެސް ތިއޮޑޯރ ރޫޒްވެލްޓެވެ. ރޫޒްވެލްޓަކީ އެމެރިކާގެ ސައްބީސްވަނަ ރައީސެވެ. އޭނާގެ ނަމުން ނަންދެވިފައިވާ މި މަނަވަރަކީ ނިއުކުލިއަރ ހަކަތައިން ދުއްވާ މަނަވަރެކެވެ. މި މަނަވަރު ވަނީ އެތައް ހަގުރާމައެއްގައި ބައިވެރިވެފައެވެ. ޚިދުމަތަށް ނެރެފައިވަނީ 1986 ގައެވެ. އޭގެފަހުން މެދުއިރުމަތީގައި އެމެރިކާއިން ހިންގާފައިވާ އަސްކަރީ ހުރިހާ އޮޕަރޭޝަނަކާއި ހަގުރާމައެއްގައި މި މަނަވަރު ވަނީ ޝާމިލްކޮށްފައެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަގުރާމަޔަށް މީގެކުރިން ފޮނުވާފައިވާ މަތިންދާބޯޓު އުފުލާ ދެ މަނަވަރަކީ ޔޫއެެސްއެސް ޖޯޖް ވޮޝިންޓަނާއި ޔޫއެސްއެސް ޖޯޖް ޑަބްލިޔު ބުޝްއެވެ. އެ ދެ މަނަވަރާއި އެޔާ ގުޅިފައިވާ އެހެން ކުދި މަނަވަރުތަކުގެ އަރުމާދުތައް މިހާރުވެސްވީ އީރާނުގެ އައްސޭރިޔާ މާދުރުނޫން ހިސާބެއްގައި އިންޑިޔާ ކަނޑުގައެވެ.

ތިއޮޑޯރ ރޫޒްވެލްޓް އެހިސާބަށް ދިއުމުން ތިން އަރުމާދު ހަމަވީއެވެ. ފަހުގެ ތާރީޚެއްގައި އެއްތާކަށް ތިން އަރުމާދު ޖަމާކޮށްގެން އެމެރިކާއިން ހަގުރާމައެއް ކުރާ މިއީ ފުރަތަމަ ފަހަރެވެ. ތިއޮޑޯރ ރޫޒްވެލްޓަކީ ވައިގެ ހަގުރާމައިގެ ކަންކަން ބެލެހެއްޓުމަށް ޚާއްސަ އުޅަނދެކެވެ. މިމަނަވަރު އެހިސާބަށް ދިޔުމާއެކު ދެން ވައިގެ ހުރިހާ އޮޕަރޭޝަނެއް ކޯޑިނޭޓް ކުރާނީ މި މަނަވަރުންނެވެ. މި މަނަވަރާއެކު އެއްގަމުގެ އޮޕަރޭޝަނެއް ހިންގުމަށް ބޭނުންވާ ދެހާސް މީހުންގެ މައްޗަށް އެކުލެވޭ ޚާއްސަ ކޮމާންޑޯއިން އުފުލާ މަނަވަރެއްވެސް ވަނީ ފޮނުވައިފައެވެ. އެހެންވީމާ ކުރީއްސުރެ އެހިސާބުގައި ގާއިމުކޮށްފައިވާ ލަޝްކަރަށް ދިހަހާސް މީހުން އަނެއްކާވެސް އިތުރުވީއެވެ. އީރާނުގެ ވަށަވަށައިގެން އެމެރިކާގެ 53 ހާސް ސިފައިން މިހާރު އެބަތިއްބެވެ. އައު ހަގުރާމައަކަށް ތައްޔާރުވެގެންނެވެ. މިހިސާބުން އުފެދޭ ސުވާލަކީ މަތިންދާބޯޓު އުފުލާ އައު މަނަވަރަކާއި އެޔާ ގުޅިފައިވާ އަރުމާދު ފޮނުވުމުގެ ބޭނުމަކީ ކޮބައިހެެއްޔެވެ.

އެބޭނުމަކީ އީރާނާ ދެކޮޅަށް އަލުން ހަގުރާމަ ވަރުގަދަ ކުރުން ހެެއްޔެވެ. ނުވަތަ އީރާނަށް ބިރުދެއްކުން ހެއްޔެވެ. އެމެރިކާގެ ބޭނުމަކީ އީރާނަށް ބިރުދައްކައި އަމާންދިނުމަށް މަޖުބޫރު ކުރުން ކަމަށްވަންޏާ އެކަން ކުރެވޭތީއެއް ނުފެނެއެވެ. މީގެކުރިން އީރާނުން ހަރަކާތްތެރި ވަމުންއައީ އިސްވެ އެމެރިކާއިން ހަމަލަ ދިނުމުންނެވެ. އެކަމަކު މިހާރު އެކަން ބަދަލުވެއްޖެއެވެ. އެމެރިކާއިން އިސްވެ ހަމަލާދިނުމުގެ ކުރިން އީރާނުންވެސް މިހާރު އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލަދޭން ފަށައިފިއެވެ. ބަހުރައިނުގައިވާ އައްރިފާ އެއަރބޭހަށް މިހަފުތާގައި އީރާނުން ދިން ހަމަލަޔަކީ މިކަމުގެ ހެއްކެކެވެ. އައްރިފާ އެއަރބޭހަކީ ހެލިކޮޕްޓަރާއި ހަގުރާމަމަތީ ޖެޓުތައް އޮޕަރޭޓްކުރާ މަރުކަޒެކެވެ. އެންމެފަހުގެ ރާޑަރު ސިސްޓަމްތައް އެކުލެވޭ ޒަމާނީ މަރުކަޒެކެވެ. މިދިޔަ ހުކުރު ދުވަހާއި އާދީއްތަ ދުވަހު އީރާނުން ވަނީ މި މަރުކަޒަށް ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލަތަކުގައި އެމެރިކާގެ ތަކެއްޗާއި މީހުންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ރާޑަރު ސިސްޓަމްތައް ވަނީ ހަލާކުވެފައެވެ. މި ހަމަލަތަކަކީ ތިއޮޑޯރ ރޫޒްވެލްޓާއި އެޔާއެކު އައި އައު މަނަވަރުތަކަށް މަރުހަބާ ކިޔުމުގެ ގޮތުން އީރާނުން ހިންގި އޮޕަރޭޝަނެކެވެ. އެހެންވީމާ އެމެރިކާއިން ކުރާނެކަމެއް ކުރަންދެން ބަލަން އީރާނު ދެން ނޯންނާނެކަމާއި ބޭނުންވެއްޖެ ހާލަތެއްގައި އިސްވެ ހަމަލަދޭން ފަސްނުޖެހޭނެކަންވެސް އީރާނު މިއޮތީ ސާބިތުކޮށްދީފައެވެ. އީރާނާއި ގާތަށް އައު މަނަވަރުތައް ފޮނުވުމުގެ މާނަޔަކީ އެ މަނަވަރުތައް އީރާނުގެ އައްސޭރީގައި ގާއިމުކުރުމެެއް ނޫނެވެ. މިއިން ކޮންމެ މަނަވަރެއް ހަރަކާތްތެރިވަނީ އީރާނުގެ އައްސޭރިން ފެށިގެން އެއްހާސް ކިލޯމީޓަރު ބޭރުގައެވެ. އެއަށްވުރެ ކައިރިވާކަށް ނުކެރެއެވެ. މިފަހަރު އަލަށް ފޮނުވި ޔޫއެސްއެސް ތިއޮޑޯރ ރޫޒްވެލްޓްވެސް ހަރަކާތްތެރިވަނީ އެހައި ހިސާބު ދުރުގައެވެ. އީރާނުން އެންމެ ގިނައިން ބޭނުންކުރާ ނޭވަލް މިސައިލްގެ ރޭންޖުން ބޭރުގައެވެ. އައު އަރުމާދެެއް ފޮނުވައިގެން ފޮނުތަކެއް އެރުވިޔަސް ރައީސް ޓްރަމްޕުގެ އަމާޒަކީ ހަގުރާމަ އަލުން ފެށުން ނޫންކަމަށް ވެދާނެއެވެ.

ޓްރަމްޕު މިހާރު ބޭނުންވަނީ ހަގުރާމަ ފުޅާކުރުން ނޫންކަމަށް ވެދާނެއެވެ. މިހެން ހީކުރެވޭ ދެ ސަބަބެއް އެބައޮތެވެ. އެއްސަބަބަކީ އެމެރިކާގެ މިޑްޓާރމް އިލެކްޝަނުގެ ނަތީޖާ ނުކުތް ގޮތެވެ. ޓްރަމްޕާއި އޭނާގެ ރިޕަބްލިކަން ޕާޓީ ވަނީ ބޮޑުތަނުން ބަލިވެފައެވެ. ބަލިވުމުގެ ހަގީގީ ސަބަބަކީވެސް މި ހަގުރާމައެވެ. އެހެންވީމާ ހަގުރާމަ އަލުން ފެށުމުގެ ހިތްވަރެއް ހަކަތައެއް ޓްރަމްޕުގެ ކިބަޔަކު ނުވެއެވެ. އެހެރީ ފިޔަކޮށާލެވިފައެވެ. އެ ހިތްވަރު ހުރިނަމަ މިދިޔަ ހުކުރު ދުވަހާއި އާދީއްތަ ދުވަހު އީރާނުން ދިން ހަމަލައިގެ ރައްދުގައި ލައްކަ ގިނަ ކަންކަން ކުރީހެވެ. އީރާނުގެ ޑްރޯންތައް އަމާޒަށް ވާސިލްވުމުގެ ކުރިން ވައިގެތެރޭގައި ގޮއްވާލައިފީމޭ، އެއްވެސް ގެއްލުމެއް ނުލިބެޔޭ ކިޔައިފައި ހިމޭންކަން އިޚުތިޔާރު ކުރީއެވެ. މިއީ ތަންކޮޅެއް ކުރިން އެމެރިކާއިން އަމަލުކުރި އުސޫލެއް ނޫނެވެ. އީރާނުގެ އައްސޭރިޔާ ގާތަށް ޔޫއެސްއެސް ތިއޮޑޯރ ރޫޒްވެލްޓް ފޮނުވުމުގެ ނިންމުން ޓްރަމްޕު ނިންމީ މިޑްޓާރމް އިލެކްޝަނުގެވެސް ކުރިންނެވެ.

އެ އިލެކްޝަނުން އޭނާ މޮޅުވެއްޖެނަމަ ހަގުރާމަ އަލުން ފެށުމަށް އޮތީ ގަސްތުކޮށްފައެވެ. އެކަމަކު އޭނާއަށް ކުރިމަތިވީ ނާކާމިޔާބީއެވެ. އެހެންވީމާ ރައީސް ޓްރަމްޕު މިހާރު ބޭނުންވަނީ ހަގުރާމައެއް ނުކޮށް ސުލްހައެއްވެސް ނުގެނެސް ވާނުވާއެއްގެ ތެރޭގައި އީރާނު ބޭއްވުން ކަމަށް ވެދާނެއެވެ. މިހާރު ގާއިމުކޮށްފައިވާ ނޭވަލް ބްލޮކޭޑުގެ ސަބަބުން އީރާނު ނޭވާހޮޅިއަށް އެޅި އަމާން ދީފާނެކަމުގެ އުންމީދުގައެވެ. ޓްރަމްޕުގެ ވިސްނުންހުރިގޮތް އީރާނަށްވެސް މޭރުން އެބަވެއެވެ. ހަގުރާމައެއް ނުފަށައި ސުލްހައެއްވެސް ނުގެނެސް ވާނުވާއެއްގެ ތެރޭގައި އީރާނު ނުބޭއްވޭނެ ކަމަށާއި އެމެރިކާގެ ހަމަލައެއްގެ އިންތިޒާރުގައިވެސް ނުބޭއްވޭނެ ކަމަށް އީރާނުން އެބުނަނީ އެހެންވެއެވެ. އީރާނަކީ ކިއުބާއެއް، ވެނެޒުއެލާއެއް ނޫންކަމަށާއި ބޭނުންހާ ގޮތަކަށް އީރާނާ ނުކުޅެވޭނެ ކަމަށް އެބުނަނީވެސް އެހެންވެއެވެ.