އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި އެސްޓަން ވިލާ ބަލިކުރި އިރު، ލިވަޕޫލާއި ޓޮޓެންހަމް އެއްވަރުވެއްޖެއެވެ.
ރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވިލާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލާއި ޓޮޓެންހަމް ވާދަކުރި މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، ޔުނައިޓެޑުން މިހާރު ތިންވަނައިގައި އޮތީ 30 މެޗުން 54 ޕޮއިންޓާއެކުގައެވެ. ވިލާ ރޭ ބަލިވުމާއެކު އެޓީމުން ހަތަރު ވަނައިގައި އޮތީ 30 މެޗުން 51 ޕޮއިންޓާއެކުގައެވެ.
ލިވަޕޫލުން ރޭ ފަހުވަގުތު އެއްވަރުވެ، އެޓީމު ފަސްވަނައިގައި އޮތީ 30 މެޗުން 49 ޕޮއިންޓާއެކުގައެވެ. އަދި ޓޮޓެންހަމްއަށް ރޭގެ ޕޮއިންޓަކީ މުހިއްމު ޕޮއިންޓެކެވެ. އެއީ ރެލިގޭޝަނުން ސަލާމަތްވުމަށެވެ. ޓޮޓެންހަމްއިން 16 ވަނައިގައި އޮތީ 30 މެޗުން 30 ޕޮއިންޓާއެކުގައެވެ.
ޔުނައިޓެޑުން ކުޅުނު މެޗުގައި ލީޑު ނެގީ ކަސެމީރޯއެވެ. އެއީ ބްރޫނޯ ފެނާންޑޭޒްގެ އެސިސްޓަކުން އޭނާ ޖެހި ގޯލެކެވެ. އޭގެ އިރުކޮޅެއްފަހުން ރޮސް ބާކްލޭގެ ގޯލަކުން ވިލާ އެއްވަރުކުރި އިރު، މެޗު އެއްވަރުވާން ދަނިކޮށް ޔުނައިޓެޑަށް އަނެއްކާވެސް ލީޑު ނަގައިދިނީ މަޓެއަސް ކޫންޏާއެވެ. އެއީވެސް ފެނާންޑޭޒްގެ އެސިސްޓަކުންނެވެ.
ފެނާންޑޭޒް މިހާތަނަށް ޔުނައިޓެޑަށް 100 އެސިސްޓް ފުރިހަމަކޮށްފައިވާ އިރު، އޭނާ މި ސީޒަނުގައިވެސް 16 އެސިސްޓް ހަދާފައިވެއެވެ. އެއީ ކުރިން ޑޭވިޑް ބެކަމް އަތުގައި އޮތް ރެކޯޑެކެވެ.
މިހާތަނަށް ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހަދާފައިވާ ކުޅުންތެރިންނަކީ ތިއަރީ އޮންރީއާއި ކެވިން ޑި ބްރޭނާއެވެ. އެއީ 20 އެސިސްޓެކެވެ. ފެނާންޑޭޒްއަށް އަދި އަށް މެޗު އޮތް އިރު، އެ ރެކޯޑު މުގުރާލުމަށް ބޮޑު ފުރުސަތެއް އެބައޮތެވެ.
ޔުނައިޓެޑްގެ ފަހު ގޯލް ޖެހީ ބެންޖަމިން ޝެސްކޯއެވެ.
ލިވަޕޫލުން ކުޅުނު މެޗުގެ 18 ވަނަ މިނެޓުގައި ޑޮމިނިކް ޒޮބޮސްލާއީ ޖެހި ހިލޭ ޖެހުމަކުން ގޯލް ޖެހި އިރު، ޓޮޓެންހަމްއިން އެއްވަރުކުރީ ރިޗާލިސަން ޖެހި ގޯލަކުންނެވެ.
މި ސީޒަނުގެ ލީގުގައި އަށް މެޗެއްގައި ލިވަޕޫލް ކޮޅަށް 90 މިނެޓް ފަހުން ގޯލް ވަދެފައިވާ އިރު، ރޭގެ މެޗުގައިވެސް ޕޮއިންޓް ގެއްލުނީ އެންމެ ފަހު މިނެޓުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު