އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ބްރައިޓަން ބަލިކޮށްފައިވާ އިރު، އެޓީމާ އެންމެ ގާތުން ލީގަށް ވާދަކުރަމުންދާ މެންޗެސްޓާ ސިޓީން ނޮޓިންހަމް ފޮރެސްޓް ކައިރިން އެއްވަރުވެއްޖެއެވެ.

ލީގުގެ ފަހު އަށްވަރަކަށް މެޗަށްވެފައިވާ އިރު، މިވަގުތު ތަށްޓަށް ވާދަކުރަމުން ދަނީ ސިޓީއާއި އާސެނަލެނެވެ. އާސެނަލުން 2004 ވަނަ އަހަރުފަހުން ފުރަތަމަ ފަހަރަށް ލީގު ހޯދަން މަސައްކަތް ކުރަމުންދާ އިރު، ރޭ ރަށުން ބޭރުގައި ބްރައިޓަން ބަލިކުރީ 1-0 އިންނެވެ.

ތާވަލުގެ އޮތް ގޮތުން އެއީ މުހިއްމު ނަތީޖާއެކެވެ. ދެވަނައިގައި އޮތް ސިޓީން އަމިއްލަ ދަނޑުގައި ފޮރެސްޓް ކައިރިން 2-2 އިން އެއްވަރުވުމާއެކު، އާސެނަލަށް މިވަގުތަށް ހަތް ޕޮއިންޓްގެ ލީޑެއް ލިބިފައިވެއެވެ. އާސެނަލުން 30 މެޗުން 67 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ސިޓީން ދެވަނައިގައި އޮތީ 29 މެޗުން 60 ޕޮއިންޓާއެކުގައެވެ.

ރޭ އާސެނަލުން ކުޅުނު މެޗުގެ ނުވަ ވަނަ މިނެޓުގައި އެޓީމުގެ ހަމައެކަނި ގޯލް ޖަހައިދިނީ ބުކަޔޯ ސަކާއެވެ. އޭގެފަހުން އާސެނަލުން ބޮޑަށް ޑިފެންސަށް ސަމާލުކަން ދިން އިރު، ރޭގެ މެޗުގައިވެސް ޑޭވިޑް ރާޔާ ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ.

އަނެއްކޮޅުން ނަތީޖާގެ ފަރަގު ބޮޑުކުރުމަށް ލެއާންޑްރޯ ޓްރޮސާޑަށް ރަނގަޅު ދެ ފުރުސަތު ލިބި، ބޭކާރުވެގެން ގޮސްފައިވެއެވެ.

ސިޓީން ފޮރެސްޓް ކައިރިން އެއްވަރުވި މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ސިޓީއެވެ. އެންޓޮއިން ސެމެންޔޯގެ ގޯލުން ސިޓީ ލީޑު ނެގީ ރަޔަން ޗެރްކީގެ އެސިސްޓަކާއެކުގައެވެ. ފުރަތަމަ ހާފު ނިމުނުއިރު ސިޓީން ލީޑުގައި އޮތް ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، މޯގަން ގިބްސްވައިޓް ޖެހި ގޯލުން ފޮރެސްޓް އެއްވަރުކުރިއެވެ.

އޭގެ އިރުކޮޅެއްފަހުން ރޮޑްރީ، ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް، އެލިއޮޓް އެންޑަސަން އަނެއްކާވެސް ފޮރެސްޓަށް އެއްވަރުކޮށްދީ، ސިޓީ މާޔޫސް ކޮށްލިއެވެ.

ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑުން ނިއުކާސަލް ކައިރިން ބަލިވީ 2-1 އިންނެވެ. އެއީ މައިކަލް ކެރިކް އެޓީމުގެ ކޯޗުކަމާ ހަވާލުވިފަހުން، ޔުނައިޓެޑް ބަލިވި ފުރަތަމަ މެޗެވެ.

ފުރަތަމަ ހާފު ފަހުކޮޅުގައި ޖޭކޮބް ރަމްސީއަށް ދެއްކި ރަތް ކާޑާއެކު ނިއުކާސަލްއިން ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް، އެންތަނީ ގޯޑަންގެ ޕެނަލްޓީން ލީޑު ނެގީ އެޓީމުންނެވެ. އޭގެ މިނެޓް ކޮޅެއްފަހުން ކަސެމީރޯ މެޗު އެއްވަރުކޮށް ދެވަނަ ހާފަށް ދިޔަ ނަމަވެސް، ވިލިއަމް އޮސޫލާގެ ގޯލުން ނިއުކާސަލްއިން ވަނީ ފަހުވަގުތު މެޗު ކާމިޔާބު ކޮށްފައެވެ.

ރޭ ޗެލްސީން ރަށުން ބޭރުގައި ފަހަތުން އަރައި އެސްޓަން ވިލާ ބަލިކުރީ 4-1 އިންނެވެ. ވިލާގެ ޑަގްލަސް ލުއިޒް ލީޑު ނެގި ނަމަވެސް، ޖުއާ ޕެޑްރޯގެ ހެޓްރިކާއި ކޯލް ޕާމާގެ ގޯލަކުން ޗެލްސީން ނަތީޖާ އަނބުރާލިއެވެ.

ރޭ ބަލިވި ނަމަވެސް ޔުނައިޓެޑް އޮތީ ތިންވަނައިގައެވެ. އެއީ 29 މެޗުން 51 ޕޮއިންޓާއެކުގައެވެ. ވިލާ ހަތަރު ވަނައިގައި 29 މެޗުން 51 ޕޮއިންޓާއެކު އޮތް އިރު، ޗެލްސީ ފަސްވަނައިގައި އޮތީ 29 މެޗުން 48 ޕޮއިންޓާއެކުގައެވެ.