އުތުރު އެމެރިކާގެ ގައުމުތަކުގައި ބާއްވާ މިއަހަރުގެ ވޯލްޑް ކަޕްގައި ކުޅުމާމެދު ސުވާލުތަކެއް އެބަހުރި ކަމަށް އީރާނުގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް މެހްދީ ތާޖް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ވޯލްޑް ކަޕް ބާއްވަން ނިންމާފައި ވަނީ އެމެރިކާއާއި މެކްސިކޯގެ އިތުރުން ކެނެޑާގައެވެ. ވޯލްޑް ކަޕަށް ހަތަރު ވަރަކަށް މަސް ދުވަހަށްވެފައިވާ އިރު، އެމެރިކާގައި މި ދަނޑިވަޅު މުބާރާތް ބޭއްވުން އެއީ އެންމެ ރަނގަޅު ނިންމުންތޯ މިހާރުވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެމެރިކާ ތެރޭގެ ސަލާމަތީ ކަންތައްތައްވެސް ޗެލެންޖަކަށްވެފައިވާ އިރު، އެގައުމާއި އިޒްރޭލުން އެކުވެގެން މިހާރު ދަނީ އީރާނާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. އެގޮތުން އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރުވެސް އަވަހާރަ ކޮށްލާފައިވުމާއެކު، އިރާނުންވެސް ވަނީ ރައްދު ހަމަލާ އެގައުމުގެ ދިފާއުގައި ދޭން ފަށައިފައެވެ.

އެ ހާލަތުގައި މަޝްރަހު އޮތް އިރު، އީރާނުގެ ފުޓުބޯޅަ އިދާރާގެ ރައީސް ތާޖު ވިދާޅުވީ އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަކަށް އީރާން ދިޔުމާމެދު މިހާރު އޮތީ ސުވާލުތަކެއްގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އެންމެ ފަހު ބަސް ބުނާނީ ގައުމީ ކުޅިވަރާ ބެހޭ އިސްވެރިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުން ވޯލްޑް ކަޕް ބޮއިކޮޓް ކޮށްފާނެ ހާލަތަކަށް ހިނގައިދާނެ ކަމަށް ބެލެވޭ ކަމަށް ނޫސްތައް ބުނެއެވެ. އެއީ އެމެރިކާގައި އެގައުމުގެ ކުޅުންތެރިންނަށް ރައްކާތެރިކަން ކަށަވަރު ނުވެދާނެތީ ކަމަށްވެސް އެ ނޫސްތައް ބުނެއެވެ.

އެހެން އެވާހަކަ ދެކެވެމުންދިޔުމާއެކު އެކަމަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، އިރާނުން ވޯލްޑް ކަޕްގައި ނުކުޅުމަށް ވިސްނި ނަމަވެސް، އެކަމަށް ފަރުވާލެއް ނެތް ކަމަށެވެ. އަދި އެކަމަށް ނުވިސްނާ ކަމަށް ވިދާޅުވެ. ޓްރަމްޕް ފާހަގަކުރީ އީރާނަކީ ބަލިކަށިވަމުންދާ ގައުމެއް ކަމަށެވެ.

ޓްރަމްޕްގެ އެ ވާހަކަތަކަށް އެހެން ބައެއް ނޫސްތަކުން ވަނީ ފާޑު ކިޔައިފައެވެ. އެގޮތުން ވޯލްޑް ކަޕް ބާއްވާ ގައުމެއްގެ ރައީސަކު، މުބާރާތަށް ކޮލިފައިވެފައިވާ ގައުމެއްގެ ގައުމީ ޓީމާ ގުޅޭ ގޮތުން އެކަހަލަ ވާހަކައެއް ދެއްކުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.