ލޯކަލް ކައުންސިލްތަކަކީ ސަރުކާރުގެ ވަކި ފަށަލައެއްގެ ގޮތުގައި ދެކި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތްކުރުމަކީ ކައުންސިލްތަކުގެ އެންމެ މުހިއްމު އަމާޒަށް ވާންޖެހޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ގަލޮޅު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ ކައުންސިލްތަކުން ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅުމަކީ ދައުލަތަށް އޭގެ ގެއްލުން ވަރަށް ބޮޑަށް ކުރިމަތިވާ ކަމެއް ކަމަށެވެ.
"ލާމަރުކަޒު ކުރާއިރުގަ އަޅުގަނޑުމެން އެންމެ ބޮޑަށް ދެންމެވެސް އަޅުގަނޑު މި ދަންނަވާލިހެން ބާރުވެރިކަން ދޭއިރުގަ ހާއްސަގޮތެއްގަ ވަރަށް ހާއްސަކަމެއް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވަރަށް މުހިއްމު ވާހަކަފުޅެއް އެބައޮތް. ކައުންސިލްތަކަކީ އަބަދުވެސް ވިސްނަންވާނީ އެއީ ސަރުކާރުގެ ފަށަލައެއްކަން. ސަރުކާރުގެ ފަށަލައެއްކަން ނުވީމާ އެކަމުގެ ގެއްލުން ދިވެހި ދައުލަތަށް ވަރަށް ބޮޑަށް ދިމާވޭ" ހަލީލް ވިދާޅުވިއެވެ.
"ތިބޭފުޅުންނަށް އަޅުގަނޑު ކުޑަކުޑަ މިސާލެއް ދަންނަވާލާނަން. އައްޑޫ އަތޮޅަށް އަންނަން އޮތް ވަރަށް ބޮޑު ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓްގެ ބިން ހޯދުމަށްޓަކައި، ދިވެހި ސަރުކާރުން މަސައްކަތް ފެށި ހިސާބުން ފެށިގެން ކައުންސިލުން ހުރަސް އެޅީ"
ހަލީލް ވިދާޅުވީ އައްޑޫ ކައުންސިލުން، އެ މަޝްރޫއަށް ހުރަސް އެޅުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، އެ މަޝްރޫއުގެ ކަންކަން ގާނޫނޫ ބަދަލުކޮށްގެންކަމަށް ވިޔަސް ކުރިއަށް ގެންދަން ކަމަށެވެ. ހަލީލް ވިދާޅުވީ އެއީ ގޫގުލް ކުންފުނިން އައްޑޫގައި ކުރިއަށް ގެންދަން ނިންމި ބޮޑު މަޝްރޫއެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ލަމަރުކަޒީ ނިޒާމުގެ އަސްލު ބޭނުމަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާއި، ރައްޔިތުން ބާރުވެރިކުރުވުން ކަމަށެވެ. ރައީސް މުއިއްޒަކީ ރައްޔިތުންގެ އަޑު އައްސަވާ ބޭފުޅެއްކަން ފާހަގަކުރައްވައި، ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އާ ހަމައަށް ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ޝަކުވާތައް އަމިއްލަފުޅަށް ނޯޓުކުރައްވާ ރައީސަކު ރާއްޖޭގެ ތާރީހުގައި ނުދެކޭކަމަށް ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ މީގެ ކުރިން ބާރުވެރިކަމެއް ނެތް ބައެއް ނަމަވެސް، މި ސަރުކާރުން އެ ކޮމިޓީތަކުގެ ރައީސާއިންނަކީ ފުލްޓައިމް މުސާރަ ލިބޭ ވަޒީފާއެއްގެ ގޮތުގައި ހަމަޖައްސަވައި، އަންހެނުން ބާރުވެރިކުރުވުމަށް އަމަލީ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށެވެ.
ކުރީ ސަރުކާރުން އިންތިހާބާ ދިމާކޮށް "ކަނޑުފަޅުން" ގޯތި ދިން ނަމަވެސް، މި ސަރުކާރުން ދަނީ ފޭސް ތިނަކާއި ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކައި، ރައްޔިތުންނަށް ހަގީގީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންކަމަށް ހަލީލް ވިދާޅުވިއެވެ.
"މި ސަރުކާރުގެ ތަފާތަކީ އެމީހުންގެ (އެމްޑީޕީ) ވީ ވައުދުވެސް މި ރައްޔިތުންނަށްޓަކާ ފުއްދައިދެއްވުން. ފޭސް ތިނެއް ހިއްކިއްޖެ ހުޅުމާލޭގަ. އިރާދުކުރެއްވިއްޔާ އެއޮތީ ގުޅީފަޅުގެ ބޮޑު އިންސައްތައެއް ހިއްކިފަ. ﷲ އިރާދަކުރެއްވިއްޔާ ކައިރި މުސްތަގުބަލެއްގައި ގިރާވަރު ފަޅުވެސް ހިއްކާ ނިމިގެންދާނެ. އަދި މި މާލޭގެ ރައްޔިތުންނާ، މި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްޓަކާ ރައީސް އެގެންދަވަނީ ކައިރީގަ އޮތް މާ ބޮޑު ފަޅެއް ހިއްކަން ފައްޓަވާފައި، ދާދި ފަހުން ވިދާޅުވި ތިން ސަތޭކަ ސާޅީހަކަށް ހެކްޓަރު ހިއްކާ ނިމިފަ މި ހިއްކާ ނިމިފައޮތްކަން. މީ ތަފާތަކީ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގަންނަވަނީ ރައްޔިތުންނަށް ގޯތިވެސް ލިބޭނެގޮތަށް އެކަން ކުރައްވާފައި" ހަލީލް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުގެ ނަމުގައި ކުރީ ސަރުކާރުންވަނީ ކައުންސިލްތަކަށާއި، ރައްޔިތުންނަށް އޮޅުވާލާފައިކަމަށް ހަލީލް ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތަކަށް ބަޖެޓް ދޫކުރާނެކަމަށް ބުނެ، އެ ބަޖެޓް ކައުންސިލްތަކަށް ދޫނުކޮށް ކުރީ ސަރުކާރުން ހިފެހެއްޓިކަމަށް ހަލީލް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން ވޯޓު ދޭންވީ ޕީއެންސީގެ ފަރާތުން ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންނަށްކަމަށް ހަލީލް ވިދާޅުވިއެވެ.
"މުރާލި ދޫނިތަކެއް އަޅުގަނޑުމެން މިތިބީ ނެރެފަ. އެހެންވީމަ އެ ދޫނިތައް އުދުއްސާލުމަށްޓަކާ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހަކީ ވަރަށް މުހިއްމު ދުވަހެއް. ހުރިހާ ބޭފުޅުންވެސް ޒާހިރާ އެ ވިދާޅުވިހެން ހަމަ ގޯލަށް ގޯލު ޖަހާ ޖަހާ ޖަހާ އެއްކަލަ ގޯލު ޖަހާނެ ފުރާޅެއް އެއީ އަޅުގަނޑުމެންގެ ވޯޓުފޮށި" ހަލީކް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް