ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ކޮލިފިކޭޝަން ޕްލޭ އޮފްގައި ކުޅުނު ދެ ލެގުގެ މެޗުތައް ކާމިޔާބުކޮށް، ޕީއެސްޖީއާއި ރެއާލް މެޑްރިޑްްގެ އިތުރުން ގަލަޓަސަރާއީން ގަދަ 16 ޔަގީން ކޮށްފިއެވެ.
ރޭގެ މެޗުތަކަށް ނުކުތް އިރު، އެ ތިން ޓީމުވެސް އޮތީ ފުރަތަމަ ލެގުގެ މެޗުތައް ކާމިޔާބު ކޮށްފައެެވެ. ދެވަނަ ލެގުގައި ނަތީޖާ ބަދަލުވިޔަ ނުދީ ހިފަހައްޓާލަން ކުރި މަސައްކަތުގައި އެންމެ ބޮޑަށް އުނދަގޫވީ ގަލަޓަސަރާއީއަށެވެ. ޔުވެންޓަސްއިން ރޭގެ ދެވަނަ ލެގު 3-2 އިން ކާމިޔާބުކުރި އިރު، އެމެޗުގެ އެގްރިގޭޓް ނަތީޖާ 5-7 އިން ކާމިޔާބުކުރުމަށް ގަލަޓަސަރާއީއަށް އިތުރު ވަގުތުގައި ކުޅެން ޖެހުނެވެ.
ޕީއެސްޖީއާ މޮނާކޯގެ ދެވަނަ ލެގު 2-2 އިން އެެއްވަރުވިި އިރު، ޕީއެސްޖީ ގަދަ 16 އަށް ދަތުރުކުރީ 5-4 އިންނެވެ. ދެން ކުޅުނު މެޗުގައި ރެއާލް މެޑްރިޑާއި ބެންފިކާ، ރެއާލް ދަނޑުގައި ކުރިމަތިލި އިރު، އެމެޗަކީ ސަމާލުކަން ބޮޑުވެފައި އޮތް މެޗެއްވެސް މެއެވެ.
ރެއާލުން ދެވަނަ ލެގުވެސް 2-1 އިން ކާމިޔާބުކުރި އިރު، ބެންފިކާގައި ކުޅުނު މެޗުގައި ނަސްލީ ތަފާތުކުރުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެއީ ބެންފިކާގެ ޖިއާންލޫކާ ޕްރެސްޓިއާނީ، ވިނީޝިއަސް ޖޫނިއާއާ ދިމާކުރިކަމުގެ މައްސަލައެކެވެ. އެ މައްސަލައިގައި ރޭގެ މެޗަށް ޕްރެސްޓިއާނީ ހުރީ ސަސްޕެންޝަނުގައެވެ.
ގަލަޓަސަރާއީއާއި ޔުވެންޓަސް ވާދަކުރި މެޗުގެ އިތުރު ވަގުތަށް ދިޔައީ ޔުވެންޓަސްއިން 3-0 އިން ލީޑު ނެގުމުންނެވެ. މެނުއަލް ލޮކަޓެލީއާއި ފެޑެރީކޯ ގަޓީގެ އިތުރުން ވެސްޓަން މެކެނީގެ ގޯލްތައް ފެނިގެން ގޮސްފައިވާ އިރު، ޔުވެންޓަސްއިން ބޮޑުބައެއްގައި ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ 48 ވަނަ މިނެޓުގައި ލޮއިޑް ކެލީއަށް ރަތް ކާޑު ދެއްކުމުންނެވެ.
އިތުރު ވަގުތުގައި ގަލަޓަސަރާއީން ގޯލްތައް ޖަހައިދިނީ ވިކްޓޯ އޮސިމެންއާއި ބާރިސް އަލްޕާ ޔިލްމާޒެވެ.
މޮނާކޯއާއި ޕީއެސްޖީ ވާދަކުރި މެޗުގައި މޮނާކޯގެ މަގްނޭސް އަކްލިއޯޗޭ ގޯލެއް ޖަހާފައި ވަނިކޮށް، މާކީނިއޯސް މެޗު އެއްވަރުކުރި އިރު، މޮނާކޯއަށް އުނދަގޫވީ 58 ވަނަ މިނެޓުގައި ރަތް ކާޑެއް ދެއްކުމުންނެވެ. އެއީ މަމަޑޫ ކުލިބާލީއަށް ދެއްކި ރަތެކެވެ.
އޭގެ އިރުކޮޅެއްފަހުން ހަވީޗާ ކަވަރަޓްޝޭލިއާ ޖެހި ގޯލުން ޕީއެސްޖީ ލީޑު ނެގި އިރު، މޮނާކޯއަށް އެއްވަރުކޮށްދިނީ ޖޯޑަން ޓެޒޭއެވެ.
ރެއާލް ކުޅުނު މެޗުގެ 14 ވަނަ މިނެޓުގައި ރަފާ ސިލްވާ ވަނީ ގޯލެއް ޖަހައި އެގްރިގޭޓް ނަތީޖާ އެއްވަރު ކޮށްފައެވެ. އެހެން ނަމަވެސް އޭގެ ދެ މިނެޓް ފަހުން އޮރެލިއެން ޗުއަމެނީ ޖެހި ގޯލުން ރެއާލް އެއްވަރުކޮށް، ވިނީޝިއަސް ޖަހައިދިން ގޯލުން މެޗުގެ ލީޑު ނަގައި، ގަދަ 16 ޔަގީން ކުރިއެވެެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު