ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ޕްލޭ އޮފް ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑުން ބެންފިކާ ކައިރިން ބަދަލު ހިފި އިރު، ޑޯޓްމުންޑާއި ޕީއެސްޖީގެ އިތުރުން ގަލަޓަސަރާއީން ފައިދާ ނަގައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ފޯމެޓަށް މިދިޔަ ސީޒަނުގައި ގެނައި ބަދަލާއެކު، ގަދަ 16ގެ ފުރަތަމަ އަށް ޖާގަ ލިބެނީ ލީގުގެ ބުރުގެ ގަދަ އަށް ޓީމަށެވެ. އަނެއް އަށް ޖާގައެއް ޕްލޭ އޮފް ބުރު (ގަދަ 32 ގެ ބުރުގައި) ވާދަކުރާނީ ނުވަ ވަނައިން 24 ވަނައާ ދޭތެރޭގެ ޓީމުތަކެވެ. ޓީމުތައް ގުރު އަތަކަށްފަހު ކުޅޭނީ ޕްލޭ އޮފް ދެ ލެގެވެ.
ރޭ ފުރަތަމަ ލެގުގެ ނަތީޖާތަކަށް ބަލާއިރު، އެންމެ ސަމާލުކަން ބޮޑުވީ ރެއާލާއި ބެންފިކާ ވާދަކުރި މެޗަށެވެ. އެއީ ލީގު ބުރުގެ އެންމެ ފަހު މެޗުގައި ބެންފިކާއިން ރެއާލް ބަލިކޮށް، 24 ވަނައިގައި ކޮލިފިކޭޝަން ފުރުސަތު ހޯދުމުންނެވެ. ޖޯސޭ މޮރީނިއޯ ކޯޗުކަން ކޮށްދޭ ބެންފިކާއިން ރެއާލް ބަލިކޮށް، އެންމެ ފަހުސިކުންތު ކީޕަރު ލައްވައި ޖެހި ގޯލުން ޕްލޭ އޮފް ފުރުސަތު ހޯދި އިރު، އެ ނަތީޖާއާއެކު ރެއާލަށް ގަދަ 16 ޔަގީންކުރަން ލިބުނު ފުރުސަތު ގެއްލުނެވެ.
ރޭގެ މެޗު ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، މެޗު ތެރެއިން ނަސްލީ ތަފާތުކުރުމުގެ މައްސަލައެއް ފެންމަތިވެފައިވެއެވެ. ރެއާލް 1-0 އިން ރަށުން ބޭރުގައި ހޯދި މޮޅުގައި އެޓީމުގެ ހަމައެކަނި ގޯލް ޖަހައިދިނީ ވިނީޝިއަސް ޖޫނިއާއެވެ. އެއީ ދެވަނަ ހާފުގައެވެ.
ވިނީޝިއަސް އަރިމަތިން ކުރިއަށް ޖެހި ފޮނުވާލި ބޯޅަ ގޯލްގެ ކަނަށް އަމާޒުކޮށްލާފައިވާ އިރު، އެ ގޯލަށްފަހު އުފާފާޅުކުރީ އިދިކޮޅު ސަޕޯޓަރުން ކުރިމަތީގައެވެ. އެއީ ކޯނަރު ދަނޑިއަށް ގޮސް ނަށާލުމަށްފަހުއެވެ.
އެހިސާބުން ބެންފިކާ ސަޕޯޓަރުން ހިތްހަމަ ނުޖެހިފައިވާ އިރު، ވިނީޝިއަސް ރެފްރީ ގާތު އިޝާރާތް ކުރީ ބެންފިކާގެ އާޖެންޓީނާގެ ވިންގް، ޖިއާންލޫކާ ޕްރެސްޓިއާނީ ޖާޒީ މޫނު މަތީގައި އަޅައި ނަސްލީ ގޮތުން ދިމާކުރި ކަމަށެވެ. ވިނީޝިއަސް އެކަމަށް އިޝާރާތް ކުރުމުން ރެފްރީ ވަނީ 11 މިނެޓަށް މެޗު ހުއްޓާލައިފައެވެ.
އަލުން މެޗު ފަށައިގެން ވިނީޝިއަސްއަށް ލިބުނު ކޮންމެ ބޯޅައެއްގައި ބެންފިކާ ސަޕޯޓަރުން އޭނާއަށް ނުރުހުން ފާޅުކުރި އިރު، މެޗަށްފަހު ރެއާލްގެ އެހެން ކުޅުންތެރިންވެސް ވަނީ ޕްރެސްޓިއާނީ ދެއްކި ވާހަކަ އަޑު އިވުނު ކަމަށް ބުނެއެވެ. އަދި އޭނާ ސަސްޕެންޑް ކުރަން ޖެހޭ ކަމަށްވެސް ބުންޏެވެ.
އެކަމާ ގުޅިގެން ވިނީޝިއަސް ވަނީ އަސަރުގަދަ ސްޓޭޓްމަންޓެއް ނެރެފައެވެ. އިންސްޓާގްރާމްގައި އޭނާ ބުނީ އެއްވެސް ހާލެއްގައި ނަސްލީ ތަފާތުކުރުން ވަރިހަމަކޮށްގެން ނުހުންނާނެ ކަމަށާއި، އަބަދުވެސް އެކަމުގެ ދެކޮޅަށް އަޑު އުފުލާނެ ކަމަށެވެ. މީގެ ކުރިންވެސް ވިނީޝިއަސްއާ ނަސްލީގޮތުން ދިމާކޮށްފައިވާ އިރު، ބައެއް ސަޕޯޓަރުންނަށް ވަނީ އަދަބުވެސް ދީފައެވެ.
ރޭ ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާއިރު، ގަލަޓަސަރާއީން ޔުވެންޓަސް ބަލިކުރީ 5-2 އިންނެވެ. މެޗުގެ ބޮޑުބައެއްގައި ޔުވެންޓަސް ކުޅުނީ ރަތް ކާޑަކާއެކުގައެވެ. ޕީއެސްޖީން ފަހަތުން އަރައި، ރަށުން ބޭރުގައި މޮނާކޯ ބަލިކުރީ 3-2 އިންނެވެ. ޑޯޓްމުންޑުން އަމިއްލަ ދަނޑުގައި ފައިދާ ނެގީ އެޓަލާންޓާ ކައިރިން 2-0 އިން މޮޅުވެގެންނެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު