ސަރުކާރު ޖަވާބުދާރީކުރުވަން އެހެން ބައެއްގެ އެހީތެރިކަން މިވަގުތު ބޭނުންނުވާކަމަށް، ޕީއެންސީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ގއ. ވިލިނގިލިން ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭނު ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރަށް އޮތްއިރު، އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރުކުރުވާ މަންޒަރެއް ނުފެންނަ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރުވުމުގެ ނަމުގައި ކައުންސިލްތަކަށް ކެންޑިޑޭޓުން ހޮވަން މަސައްކަތް ކުރާތަން ފެންނަ ކަމަށާއި، ނަމަވެސް އެއީ މިވަގުތު ބޭނުންތެރި ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަރުކާރު އެބަ ޖަވާބުދާރީ ކުރުވަން މިހާރު. އެހެންވީމާ އަޅުގަނޑުމެންގެ ސަރުކާރު ޖަވާބުދާރީ ކުރުވާކަށް މި ވަގުތަކު އެހެން ބައެއްގެ އެހީތެރިކަމެއް ބޭނުމެއް ނުއެއް ވޭ،" ޝުޖާއު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ދަމަހައްޓައި، ކަންކަން ރަނގަޅު މަގަށް އެޅުވުމަށް ސަރުކާރު ކޯލިޝަނުގެ ތެރެއިން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ތެރެއިން އަމިއްލައަށް ޖަވާބުދާރީވުމުގެ ނިޒާމެއް ގާއިމުވެފައި އޮތުމަކީ ރައްޔިތުންނަށް ލިބޭ ބޮޑު އިތުބާރެއް ކަމަށެވެ.

އެހެންކަމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ޖާގައެއް ނެތް ކަމަށާއި، ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން ހޮވުމަކީ ތަރައްގީގެ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.