ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ކުއާޓާ ފައިނަލްގެ ފަހު މެޗުތައް ކާމިޔާބުކޮށް، ގއ. ދެއްވަދުއާއި ވިލިމާލެއިން ސެމީ ފައިނަލް ޔަގީން ކޮށްފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާގެ ހަތަރު މެޗު މިރޭ ކުޅެފައިވާ އިރު، ފުރަތަަމަ ކުޅުނު މެޗުތަކުން ބ. އޭދަފުއްޓާއި ހދ. ނައިވާދޫން އޮތީ ސެމީ ޔަގީން ކޮށްފައެވެ. ފަހު ދެމެޗުގެ ތެރެއިން ގިނަ ބައެއްގެ ލޯތައް އަމާޒުވެފައި އޮތީ، މުބާރާތް ކުރިން ތިން ފަހަރު ނަގާފައި ތ. ތިމަރަފުއްޓާއި ރަނގަޅު ފޯމެއްގައި އޮތް ދެއްވަދޫގެ ކުރިމަތިލުމަށެވެ.
އެމެޗު ފޯރިގަދަކޮށް ފެނުނު އިރު، ފުރިހަމަ ވަގުތު ހަމަވީ 3-3 އިން އެއްވަރުވެފައި އޮވެގެންނެވެ. ޕެނަލްޓީގައި ދެއްވަދޫން ކުރި ހޯދީ 6-8 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން އަށްވަނަ މިނެޓުގައި މުހައްމަދު އިމްރާން (އިންމި) ޖެހި ގޯލުން ދެއްވަދޫ ލީޑު ނަގައި، 12 ވަނަ މިނެޓުގައި އިންމިގެ ދެވަނަ ގޯލެއްވެސް ފުރަތަމަ ހާފުގައި ފެނުނެވެ. އޭގެފަހުން އަބްދުﷲ ޒިޔާން ޖަންކީގެ ގޯލަކާއި އިބްރާހީމް ސިނާހް (ސިނާ) ޖެހި ގޯލުން ތިމަރަފުށިން އެއްވަރުކޮށް، އަހުމަދު އަފްލާޒްގެ ދުރު ޕެނަލްޓީން މެޗު އަނބުރާލިއެވެ.
އެ ނަތީޖާގައި މެޗު ނިންމާލަން ދަނިކޮށް، ފަހުކޮޅުގައި މުހައްމަދު ތޯހިރަށް ދެއްކި ރަތް ކާޑާއެކު ތިމަރަފުށިން ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދަނިކޮށް ދެއްވަދޫން ފަހު މިނެޓުގައި އެއްވަރުކުރީ އަލީ ހައިޝަމް (ޗުމްޕު) ޖެހި ގޯލުންނެވެ.
ޕެނަލްޓީގައި ދެއްވަދޫ މޮޅުކޮށްދޭން އިބްރާހީމް ޝަޒީލް ވަނީ މުހިއްމު ސޭވެއް ކޮށްފައެވެ.
އަނެއް މެޗުގައި ވިލިމާލެއިން ދ. ކުޑަހުވަދޫ ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ވިލިމާލެއަށް މޮޅަށް ކުޅުނު އިސްމާއީލް ވަޖީހު (ވައްޖެ) ދެ ގޯލް ޖެހި އިރު، އިސްމާއީލް ވިފާގާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)ވެސް ގޯލް ޖެހިއެވެ. އޭގެ އިތުރުން ކުޑަހުވަދޫގެ ހާރޫން އިބްރާހީމް (ހާންޑޯ) އަތުން ބައިކޮޅަށް ގޯލެއް ވަން އިރު، ކުޑަހުވަދޫގެ ގޯލް ޖެހީ މުހައްމަދު އަރީޝްއެވެ.
މުބާރާތުގެ ސެމީ ދެމެޗު އޮންނާނީ 11 ވަނަ ދުވަހުގެ ރޭގައެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް