ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުތައް ކާމިޔާބުކޮށް، ބ. އޭދަފުއްޓާއި ހދ. ނައިވާދޫން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރ. ދުވާފަރާއި އޭދަފުށި މިރޭ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން އެއްވަރުވެފައި އޮވެގެންނެވެ. އެއާއެކު ޕެނަލްޓީއަށް ގޮސް، އޭދަފުށިން މެޗު ކާމިޔާބުކުރީ 6-4 އިންނެވެ.
މެޗުގައި ފެނުނީ ވާދަވެރި ކުޅުމެކެވެ. ފުރަތަމަ ހާފުގައި ހަމަލާތައް މަދު ނަމަވެސް، ދެޓީމުންވެސް ނުރައްކާ ކުރިއެވެ. އެހެން ނަމަވެސް ހާފު ނިންމާލަން ޖެހުނީ ގޯލެއް ނުޖެހިއެވެ. ދެވަނަ ހާފުގެ މަންޒަރު އެއާ ތަފާތެވެ. ހާފުގެ ކުރީކޮޅުގައި އޭދަފުށީގެ އަލީ ނަސީމް (ދިއްލި) ޖަހައިދިން ހިތްގައިމު ގޯލުން އެޓީމު ލީޑު ނެގިއެވެ. ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބާރު ހަމަލާ އޭނާ އަމާޒުކޮށްލީ މަތީ ދާގަނޑަށެވެ.
އޭގެފަހުން ދުވާފަރުގެ ކިކް-އިންއެއްގައި އޭދަފުށީގެ އިމްތިޝާލް އަބްދުލް ރަހީމް އަތުން ބައިކޮޅަށް ގޯލެއް ވަދެ މެޗު އެއްވަރުވި އިރު، އަނެއްކާވެސް އޭދަފުށިން ލީޑު ނެގިއެވެ. އެ ގޯލް ޖެހީ ހުސައިން ޝަރީފް (މުޑާ) އެވެ.
އެ ގޯލާއެކު އޭދަފުށި މޮޅުވާން ދަނިކޮށް، 38 ސިކުންތު ބާކީ އޮއްވައި ދުވާފަރަށް އެއްވަރު ކޮށްދިނީ މުހައްމަދު ނޫހް އިބްރާހީމެވެ.
ޕެނަލްޓީއަށް އޭދަފުށިން ނުކުތް ކީޕަރު މުހައްމަދު ޝާން ވަނީ ދެ ޕެނަލްޓީ މަތަކޮށްފައެވެ.
ކުއާޓާ އަނެއް މެޗުގައި މިރޭ އއ. މަތިވެރި ކައިރިން ހދ. ނައިވާދޫ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ފުރަތަމަ ގޯލް ޖެހީ ފުރަތަމަ ލީޑު ނެގީ ނައިވާދޫންނެވެ. ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓެ) ގެ ގޯލުން ލީޑު ނެގި އިރު، އޭގެފަހުން މުހައްމަދު ޝަފްރާޒް ޖެހި ގޯލުން މެޗު އެއްވަރުކުރިއެވެ. ނައިވާދޫން 15 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ހުސައިން މައިޝަން ޖެހި ގޯލުންނެވެ.
އޭގެ އިރުކޮޅެއްފަހުން މަތިވެރީގެ ކީޕަރު ހުސައިން ސަބީލަށް ރަތް ކާޑު ދައްކާފައިވާ އިރު، ނައިވާދޫގެ އަނެއް ގޯލްތައް ދެވަނަ ހާފުގައި ޖެހީ މުހައްމަދު އަސްލަމްއާއި އަހުމަދު ހަމީދު (އަންމަޑޭ) އެވެ.
ފަހުކޮޅުގައި މެޗު ހޫނުވެގެން ދިޔައި އިރު، މަތިވެރީގެ ގޯލް ޖެހީ އަބްދުﷲ ފިޒާން އަބްދުލް ގަފޫރު (ފިޒޭ) އެވެ. މެޗުގެ އެންމެ ފަހުވަގުތު އޭނާއަށް ރަތެއް ދެއްކި އިރު، މަތިވެރީގެ އެސިސްޓެންޓް ކޯޗު، މުހައްމަދު ހަލަފުއަށްވެސް މެޗުގައި ރަތެއް ދައްކާފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް