ޗާގޯސް މައްސަލައިގައި ރާއްޖޭން ކުރަމުންދާ ކަންކަމަކީ އިނގިރޭސިވިލާތާއި އެމެރިކާގެ ރުހުން ލިބިގެން ކުރެވޭ ކަންކަމަށް ބެލެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވައިދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެފައިވަނީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ނިންމުމެއް ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅެފައިވަނީ ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް، ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް، ދޫކޮށްލެވިގެންނުވާނެ ކަމަށެވެ.
ނަމަވެސް ކުރީ ސަރުކާރުގެ ދުވަސްވަރު، ރާއްޖޭގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުން ބައެއް ފޯޅަވައްސާ ފުށުއަރާކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި، ދިވެހި ސަރުކާރުން ބައިވެރިވެ ދިވެހިރާއްޖޭގެ އީއީޒެޑްގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ވަނީ ދޫކޮށްލާފައި ކަމަށް ރައީސް ވިދާޅުވެފައިވެއެެވެ.
އެ މަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމަށް ގާނޫނީގޮތުން ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ކުރީ ސަރުކާރުން 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ހަވާލާދީ، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް، ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދު ކަމަށް ނިންމައިފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އެގޮތަށް ވިދާޅުވެފައިވަނިކޮށް، ރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ ދެކުނުގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމަށްޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން، ސަވައިލަންސް އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން އެ އޮޕަރޭޝަން ފެށިފަހުން ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކޭ-ޗޯގޯސް އެއްބަސްވުމަށް އެއްބަސްވެވަޑައިގަތީ ޗާގޯސް، މޮރިޝަސްއަށް ދިނުމަށް ނޫންކަމަށް އެކަށީގެންވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ދައުވާ ބަލަންޖެހޭ ކަމަށް އެމެރިކާ އަދި އިނގިރޭސިންނަށް މިހާރު ބުނެވޭނެ. ވީމާ ޗާގޯސް، މޮރިޝަސްއަށް ދެވެން ނެތް ކަމަށްވެސް ބުނެވޭނެ. ރާއްޖޭގެ ކޯސްޓްގާޑު އަމަލުކޮށްފައި އެވަނީ އެމެރިކާ އަދި އިނގިރޭސިންގެ ރުހުމާއެކު ކަމަށް ވެދާނެ،" ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ ބަޔާން ހުށަހަޅުއްވައިދެއްވަމުން ރައީސް އިތުރަށް ވިދާޅުވެފައިވަނީ މޮރިޝަސްއަށް ފޯޅަވަހި ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމުމުން ދިވެހި ސަރުކާރުން ދެ ސިޓީއެއް، އިނގިރޭސިވިލާތަށް ފޮނުވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ ފޯޅަވައްސަކީ އިސްތިއުމާރީ އެއްވެސް ބާރެއް މި ސަރަހައްދަށާއި ދިވެހި މާކަނޑަށް ފޭބުމުގެ އެތައް ގަރުނެއް ކުރީއްސުރެ ވެސް، ދިވެހީން އެތަނެއް ދަންނަ ތަނެއް ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ފޯޅައްވަސަކީ ދިވެހި ކާބަފައިން ދިވެހި ބަހުން އެ ތަނަށް ނަން ކިޔަމުން އަންނަ، ރާއްޖޭގެ ގުދުރަތީ ސަރަހައްދުގައި އޮތް ތަނެއް ކަމަށާއި ދިވެހި ނެވިކަމާއި ކަނޑުވެރިކަމުގެ ތެރޭން ލިޔެވިފައިވާ ފޮތްތަކުގައި އެ ތަނުގެ ވާހަކަ ބަޔާންކޮށްފައިވާ ކަމަށެވެ.
ދިވެހި ދައުލަތުގެ ރަސްމީ ލިޔުންތަކުގައި ދިވެހި ރަސްކަމުގެ ފަރާތުން ރާއްޖޭގެ ސިޔާދަތީ އިމުގެ ތެރޭގައި ފޯޅަވަހި ހިމަނާފައިވާކަން ތާރީހުން ކަަށަވަރުވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެ ކަންކަމާއެކު ފޯޅަވަހީގެ އަތޮޅުތަކަކީ އޭރު ވެސް މިހާރު ވެސް، ދިވެހި މަސްވެރީން ދުވަހުން ދުވަހަށް ފަސޭހަކަމާއެކު އެ ސަރަހައްދަށް މަހަށް ނިކުމެ ތިބޭ، ޒަމާނުއްސުރެ ދިވެހީންގެ ކަނޑުވެރިކަމާއި މަސްވެރި ސަގާފަތުގެ ދިރިއުޅުމުގެ ބައެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
"އެހެންކަމުން ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން މިފަދަ އެތައް ގޮތަކުން ކަށަވަރުވާތީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހިރާއްޖޭން އިއުތިރާޒުކޮށް އެކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް ދިވެހި ސަރުކާރުގެ ފަރާތުން ވާނީ، އިނގިރޭސި ސަރުކާރަށް 8 ނޮވެމްބަރު 2024 ގައި އަދި 18 ޖެނުއަރީ 2026 ގައި ލިޔުމުން ހުށަހަޅާފައި. އަދި 15 ޑިސެންބަރު 2025 ގައި އަޅުގަނޑާއި އިނގިރޭސިވިލާތުގެ ޑެޕިއިޓީ ޕްރައިމް މިނިސްޓަރު، ދަ ރައިޓް އޮނަރަބްލް ޑޭވިޑް ލެމީއާއެކު އޮތް އޮންލައިން ފޯން ކޯލެއްގައި މިކަން އަޅުގަނޑު ވާނީ އެމަނިކުފާނުގެ ސަމާލު ކަމަށް ގެނެސް، މިކަމުގައި ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންވާ ކަމަށް ދަންނަވާފައި،" ރައީސް ވިދާޅުވެފައިވެއެވެ.
ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ބަދަލުކުރުމާ ގުޅޭގޮތުން އެއްވެސް ގައުމަކުން ނުވަތަ ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި މަޝްވަރާކުރާ ނަމަ، އެކަމާ ގުޅޭގޮތުން ރާއްޖޭގެ ކަންބޮޑުވުންތައް ގަވައިދުން ހިއްސާކޮށް ވަކާލާތުކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ހުރިހާ ކަމަކަށް އަނގަލާން މީ ކާކު ހެއްޔެވެ؟ ދިވެހިން ބޭރުކުރީމާވެސް ތިޔަ އުޅެނީ މަތިން ބައިބް ޖެހިގެން މަމޮޅު ހެދިގެންނެވެ. ބޭރުކުރީމާ ބޭރުގައި ހުންނާށެވެ. ކަލޭގެ އަޑެއްވެސް ބަހެއްވެސް ދިވެހިން ބޭނުމެއް ނުވެއެވެ.
ހުސޭނުބެ - 4 މަސް ކުރިން