ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގަދަ 16 ގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް، ވިލިމާލެއާއި ދ. ކުޑަހުވަދޫން ކުއާޓާ ފައިނަލް ޔަގީންކޮށްފިއެވެ.

ވިލިމާލެއިން ކުއާޓާ ޔަގީންކުރީ ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން ކ. ގާފަރު ކަޓުވާލުމަށްފަހުއެވެ. ގާފަރުން މީގެ ކުރިން ދެ ފަހަރަށް މުބާރާތުގެ ފައިނަލުގައި ކުޅެފައިވާ އިރު، އެޓީމު ޕެނަލްޓީގައި ކެޓީ 9-8 ގެ ސްކޯއަކުންނެވެ.

މެޗު 0-0 އިން އެއްވަރުވެފައިވާ އިރު، ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް ކީޕަރުންގެ ތަފާތު ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ. ފައްޔާޒް ފަޔާޒް (ފައިއްޓެ) ގާފަރަށް ރަނގަޅު ސޭވްތަކެއް ކޮށްދިން އިރު، އަނެއްކޮޅުން ވިލިމާލޭގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް)ވެސް މެޗު ތެރޭގައި މޮޅަށް ކުޅުނެވެ.

އޭގެ އިތުރުން ތޮލާލް ވަނީ ޕެނަލްޓީގައި ގާފަރުގެ ދެ ޕެނަލްޓީއެއް މަތަކޮށްފައެވެ. އެއީ ޝަނާން ރަޝާދާއި ގާފަރުގެ ކީޕަރު މުހައްމަދު ސަމްއާން ޖެހި ޕެނަލްޓީއެވެ.

ތޮލާލް ޕެނަލްޓީ ސޭވްކުރަނީ --- ވަން ފޮޓޯ/ ހަމްދާޏް އަހުމަދު

ރޭ ކުޑަހުވަދޫން ކުއާޓާ ޔަގީންކުރީ 3-1 އިން ށ. ކަނޑިތީމު ބަލިކޮށްގެންނެވެ. އަނިޔާގެ މައްސަލައިގެ އިތުރުން ސަސްޕެންޝަނުގެ މައްސަލަތައް ދިމާވެފައިވާ ކަނޑިތީމުގެ ހަމައެކަނި ގޯލް، އިސްމާއީލް ނިހާން ޖެހި އިރު، ކުޑަހުވަދޫގެ ގޯލްތައް ޖެހީ މުހައްމަދު އަޔާޒާއި ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. އަޔާޒް މެޗުގައި ދެ ގޯލް ޖެހިއެވެ.

އަޔާޒްގެ ގޯލަކަށްފަހު އޭނާ އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މުބާރާތުގެ ގަދަ 16 ގެ މެޗުތައް ރޭ ނިމެން އޮތް ނަމަވެސް، ދެ މެޗެއް ވަނީ މިރެއަށް ފަސްކޮށްފައެވެ. އެއީ ވިއްސާރައިގެ ސަބަބުންނެވެ. ހދ. ނައިވަދުއާއި މ. ދިއްގަރު ވާދަކުރާ މެޗުގެ އިތުރުން ދެން ފަސްކުރީ ލ. އިސްދުއާއި އއ. މަތިވެރި ކުޅެން އޮތް މެޗެވެ. އެެ ދެ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.