ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ހަތެއްގެ ސެމީ ފައިނަލުގައި ގދ. ވާދުއާއި އައްޑޫ މަރަދޫ ކަޓުވާލައި، އައްޑޫ ހިތަދުއާއި ގއ. ދެއްވަދޫ ޒޯން ފައިނަލާއެކު ގަދަ 16 ޔަގީން ކޮށްފިއެވެ.

ޒޯން ބުރުގެ ފައިނަލްތަކާ ހަމައަށް ޓީމުތައް ދަތުރުކޮށްފައިވާ އިރު، ރޭ ވަނީ ވާދަވެރި ސެމީ ދެމެޗު ފެނިގެން ގޮސްފައެވެ. ޒޯން ހަތެއްގައި ސެމީ ފުރަތަމަ މެޗުގައި އައްޑޫގެ ހިތަދުއާއި މަރަދޫ ކުރިމަތިލާފައިވާ އިރު، އެމެޗު ހިތަދޫން ކާމިޔާބުކުރީ 2-0 އިންނެވެ.

މެޗުގައި ހިތަދޫގެ ގޯލްތައް ޖަހައިދިނީ މުހައްމަދު އިންޝާލްއާއި މުހައްމަދު ދާނިޝް އިބްރާހީމެވެ.

އަނެއް ސެމީއަށް ދެއްވަދޫން ރޭގެ މެޗަށް ނުކުތީ ގައުމީ ޓީމުން އެޓީމާ ގުޅުނު މުހިއްމު ކުޅުންތެރިންނާއެކުގައެވެ. ގައުމީ ޓީމާއެކު ސާފް ފުޓްސަލް ތަށި އުފުލާލި ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ބެންޗުން ފެނުނު ނަމަވެސް، އޭނާ ކުޅެފައެއް ނުވެއެވެ. އެހެން ނަމަވެސް، ހުޒައިފަތު ރަޝީދު (ހުޒޭ) އާއި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)ގެ އިތުރުން އަލީ ހައިސަމް (ޗުމްޕު)ވެސް ރޭ ކުޅެފައިވެއެވެ.

މެޗުގައި ރާހިލް އާއި ހުޒޭ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލް ޖަހައިދިނީ އަހްނަފް ރަޝީދު (އަހުއްކޮ) އެވެ. ވާދޫގެ ގޯލް ޖެހީ އިބްރާހީމް ޝައުފް މުހައްމަދެވެ.

ރާހިލްގެ ގޯލަށްފަހު އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިރޭ އޮންނަ މެޗުތައް

20:00 ގާފަރު - އޭދަފުށި (ޒޯން 3 ފައިނަލް)

20:00 ކުޑަހުވަދޫ - ދިއްގަރު (ޒޯން 5 ފައިނަލް)

22:00 ވިލިމާލެ - މައްޗަންގޮޅި (ޒޯން 8 ފައިނަލް)

22:00 ތިމަރަފުށި - އިސްދޫ (ޒޯން 6 ފައިނަލް)