ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ހަޔަކުން ލ. އިސްދުއާއި ތ. ތިމަރަފުށިން ގަދަ 16 ޔަގީންކޮށް، ޒޯން ފައިނަލަށް ތައްޔާރުވެފައިވާ އިރު، ވަރުގަދަ ލ. ގަން ކަޓައިފިއެވެ.
އެ ޒޯނުގައި ހަތަރު ޓީމުން ވާދަކޮށްފައިވާ އިރު، ފަހު ދެ މެޗަށް ރޭ ނުކުތް އިރު، ހަތަރު ޓީމަށްވެސް ގަދަ 16 ގެ ފުރުސަތު އޮތެވެ. އޭގެ ތެރެއިން ގަމާއި ތ. ކިނބިދުއަށް ގިނަ ގޯލުތަކެއް ޖަހަން ޖެހިފައި އޮތް އިރު، އިސްދުއާއި ތިމަރަފުށި މެޗު އެއްވަރުވިޔަސް، ގަދަ 16 އަށް ދާން އޮތީ އެ ދެ ޓީމެވެ.
ފަހު ދެ މެޗުވެސް ފޯރިގަދަކޮށް ފެނިފައިވާ އިރު، އިސްދުއާއި ތިމަރަފުށި އެއްވަރުވީ 2-2 އިންނެވެ. އެ މެޗު 1-1 އިން އެއްވަރުވާން ދަނިކޮށް ތިމަރަފުށިން ގޯލު ޖެހީވެސް ފަހުކޮޅުގައެވެ. އެ ހިސާބުން ކިނބިދޫ، ގަން ކައިރިން ބޮޑު ތަފާތަކުން ލީޑުގައި އޮތުމުން، އިސްދުއަށް ވަނީ ގޯލެއް ޖަހަން މަޖުބޫރުވެފައެވެ. ކިނބިދޫން ގަދަ 16 އަށް ދާން ކުޑަ ވަގުތުކޮޅެއް އޮއްވައި، އިސްދޫން ވަނީ ފަހު މިނެޓުގައި ގޯލު ޖަހައި، ތާރީހުގައި ފުރަތަމަ ފަހަރަށް ގަދަ 16 ޔަގީންކޮށްފައެވެ.
އިސްދުއާއި ތިމަރަފުށި ކުޅުނު މެޗުގައި އިސްދޫގެ ގޯލުތައް ޖެހީ ލޫތު އަހުމަދު ފަތުހީއެވެ. ތިމަރަފުށީގެ ދެ ގޯލުވެސް ޖެހީ އަހުމަދު އަފްލާޒެވެ.
މުބާރާތުގެ ވަރުގަދަ ބާރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ގަން ރޭ ކެޓީ ކިނބިދޫ ކައިރިން 4-2 އިން ބަލިވެގެންނެވެ. ގަމުގެ ދެ ގޯލު އަހުމަދު ހަލީމް (އަންމަޑޭ) ޖެހި އިރު، ކިނބިދޫގެ ގޯލުތައް ޖެހީ މުހައްމަދު ސަހާއު (ބޭލް) އާއި އަހުމަދު ހަމްދާން ހުސައިން އަދި އަބްދުﷲ ސަމީހެވެ. މެޗުގައި ބޭލް ދެ ގޯލު ޖެހިއެވެ.
މެޗުގެ ވަކި ހިސާބަކުން ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައިވާ އިރު، ގަމުގެ އަބްދުﷲ ޖުނައިދާއި ހުސައިން އަޒުމީ އަދި މުހައްމަދު އަކްމަލްއަށްވެސް ވަނީ ރަތް ކާޑު ދައްކައިފައެވެ. އަދި ކިނބިދޫގެ އަބްދުﷲ ސަމީހާއި ކީޕަރު އަބްދުﷲ ފަޔާޒަށްވެސް ވަނީ މެޗުގައި ރަތް ކާޑު ދައްކައިފައެވެ.
ގަމަކީ 2018 އަދި 2024 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި ކުޅެފައިވާ ޓީމެކެވެ. އޭގެ އިތުރުން އެޓީމުން ވަނީ 2023 ވަނަ އަހަރު މުބާރާތް ކާމިޔާބުވެސް ކޮށްފައެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިރޭ އޮންނަ މެޗުތައް
20:00 ނ. މާޅެންދޫ - ރ. ދުވާފަރު (ޒޯން 2)
20:00 ށ. ކަނޑިތީމު - ށ. ފޯކައިދޫ (ޒޯން 2)
21:00 އއ. މަތިވެރި - އދ. މަހިބަދޫ (ޒޯން 4)
21:00 ވ. ކެޔޮދޫ - އދ. އޮމަދޫ (ޒޯން 4)
22:00 ހދ. ނޮޅިވަރަންފަރު - ހއ. ކެލާ (ޒޯން 1)
22:00 ހއ. މާރަންދޫ - ހދ. ނައިވާދޫ (ޒޯން 1)
23:00 ގދ. ވާދޫ - ގދ. ދެއްވަދޫ (ޒޯން 7 ސެމީ ފައިނަލް)
23:00 ސ. މަރަދޫ - ސ. ހިތަދޫ (ޒޯން 7 ސެމީ ފައިނަލް)
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް