ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ހަތެއްގެ ސެމީ ފައިނަލް ޖާގަތައް ޔަގީން ވެއްޖެއެވެ.

އެ ޒޯނުގައި ޖުމުލަ ހަތް ޓީމު ހިމެނޭ އިރު، ގްރޫޕް އޭއިން ސެމީއަށް ދިޔައީ ގދ. ވާދުއާއި އައްޑޫ ހިތަދުއެވެ. ވާދޫ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދި އިރު، ހިތަދޫ ވަނީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިފައެވެ. އެ ގްރޫޕުން ކެޓީ ގދ. ކަނޑުހުޅުދުއާއި ފުވައްމުލަކު ދަޑިމަގެވެ.

ރޭގެ މެޗަށް ނުކުތް އިރުވެސް ދަޑިމަގު ކަޓާފައިވާ އިރު، ގައުމީ ޓީމުގައި ހިމެނުނު އަލީ ޝަމާލް އަބްދުﷲ (ޝަންމު) ރޭ ޓީމާ ގުޅުނެވެ. އަދި އަނެއްކޮޅުން ވާދޫގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ) ވެސް ރޭގެ މެޗުގައި ފެނިގެން ދިޔައެވެ.

ވާދުއާއި ދަޑިމަގު ވާދަކުރި މެޗު ވާދޫން ކާމިޔާބުކުރީ 2-1 އިންނެވެ. އެމެޗުގައި ވާދޫގެ ދެ ގޯލްވެސް ޖެހީ އަބްދުﷲ އާހިލް އަލީއެވެ. ދަޑިމަގުގެ ގޯލް ޖެހީ އަޖްމަލް އަހުމަދެވެ.

އެ ގްރޫޕްގެ އަނެއް މެޗުގައި ހިތަދުއާއި ކަނޑުހުޅުދޫ 0-0 އިން އެއްވަރުކޮށް، ހިތަދޫ ދެވަނައިގައި ޒޯން ސެމީ ޔަގީންކުރިއެވެ.

ހިތަދުއާއި ކަނޑުހުޅުދޫ ވާދަކުރި މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ޒޯން ހަތެއްގެ ގްރޫޕް ބީގައި ތިން ޓީމު ވާދަކޮށްފައިވާ އިރު، ރޭ ގްރޫޕްގެ ފަހު މެޗުގައި އައްޑޫ މަރަދޫން ވަނީ ގދ. ހޯޑެއްދޫ ކައިރިން 6-2 އިން މޮޅުވެފައެވެ. މަރަދޫގެ ހަސަން ލައުހް މެޗުގައި ހެޓްރިކް ފުރިހަމަ ކުރި އިރު، އަނެއް ގޯލްތައް ޖެހީ މުހައްމަދު އަޒާނާއި ހަސަން ޝިއުސްއެވެ.

ހޯޑެއްދޫގެ ގޯލްތައް ޖެހީ މުހައްމަދު އިއުފާފް އަބްދުﷲ އާއި ސައިން އަސްލަމެވެ.

އެ ގްރޫޕުގެ ދެވަނަ ދެއްވަދުއަށް ލިބުނީ ހޯޑެއްދުއާ ވާދަކުރި މެޗުން މޮޅުވެފައި އޮތުމުންނެވެ. ހޯޑެއްދު ކެޓީ ޕޮއިންޓެއް ނުލިބިއެވެ.

މަރަދޫން ރޭގެ މެޗުގައި ގޯލް ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިރޭ އޮންނަ މެޗުތައް

20:00 ހުޅުމާލެ - މައްޗަންގޮޅި (ޒޯން 8)

20:00 މާފަންނު - ވިލިމާލެ (ޒޯން 8)

21:00 ތ. ތިމަރަފުށި - ލ. އިސްދޫ (ޒޯން 6)

21:00 ލ. ގަން - ތ. ކިނބިދޫ (ޒޯން 6)

22:00 ކ. މާފުށި - ޅ. ކުރެންދޫ (ޒޯން 3)

22:00 ބ. އޭދަފުށި - ކ. ގާފަރު (ޒޯން 3)

23:00 ދ. ކުޑަހުވަދޫ - ފ. މަގޫދޫ (ޒޯން 5)