މިދިޔަ އަހަރު، ދުނިޔޭގެ ފިރިހެން އެކި ކްލަބުތަކުން ރެކޯޑު 24،558 ޓްރާންސްފާއެއް ކުރި އިރު، އެ ޓްރާންސްފާތަކަށް ކުރި ހަރަދު 13.08 ބިލިއަނަށް އަރާ ކަމަށް ފީފާއިން ހާމަކޮށްފިއެވެ.
ފީފާއިން އެކަން ހާމަކޮށްފައި ވަނީ އެ އިދާރާއިން އާންމުކުރި ދުނިޔޭގެ ޓްރާންސްފާތަކުގެ ރިޕޯޓުގައެވެ. ފީފާއިން ބުނީ އެ އަދަދުތަކަކީ 2024 ވަނަ އަހަރުގެ އަދަދުތަކާ އަޅާބަލާ އިރު، ހަތް ޕަސެންޓް އިތުރު އަދަދުތަކެއް ކަމަށެވެ. އަދި މިދިޔަ އަހަރަކީ ތާރީހުގައިވެސް އެންމެ ގިނަ ޓްރާންސްފާތައް ކުރި އަހަރު ކަމަށް ފީފާއިން ހާމަކޮށްފައިވެއެވެ.
ފީފާއިން ބުނީ އަންހެން ފުޓުބޯޅައިގެ އިތުރުން އެމެޗާ ލީގުތަކާއެކު މިދިޔަ އަހަރު 86،158 ޓްރާންސްފާ ޖުމުލަ ހިނގި ކަމަށެވެ.
މިދިޔަ އަހަރު ދުނިޔޭގައި ހިނގި އެންމެ އަގުބޮޑު ޓްރާންސްފާއަކީ ޖަރުމަނުގެ ތަރި ފްލޯރިއަން ވާޓްސްގެ ޓްރާންސްފާއެވެ. ބަޔާން ލެވަކޫސަންއިން އޭނާ ލިވަޕޫލަށް ބަދަލުވީ ރެކޯޑު 100 މިލިއަން ޕައުންޑަށެވެ. އޭގެ އިތުރުން އުމުރުން 22 އަހަރު ވާޓްސްގެ ޓްރާންސްފާގެ ތެރެއިން ބޯނަސްގެ ގޮތުގައި 16 މިލިއަން ޕައުންޑް ލިވަޕޫލުން ހަރަދުކޮށްފައިވާ ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ.
އޭގެ އިތުރުން ދުނިޔޭގައި ހިނގި އެންމެ އަގުބޮޑެތި ޓްރާންސްފާތަކުގެ ތެރޭގައި ލިވަޕޫލަށް ގެންދިޔަ ހޫގޯ އެކިޓީކޭއާއި އެސްޓަން ވިލާއިން އަލް ނަސްރަށް ގެންދިޔަ ޖޯން ޑުރާންގެ ޓްރާންސްފާގެ އިތުރުން ލެއިޕްޒިގުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ބެންޖަމިން ޝެސްކޯގެ ޓްރާންސްފާ ހިމެނެއެވެ. އަދި ނިއުކާސަލްއިން ސްޓަޓްގާޓުން ނިކް ވޮލްޓަމާޑޭވެސް ގެންދިޔައީ ބޮޑު އަގަކަށެވެ.
ފީފާ
ފީފާ
ފީފާ
ފީފާ