ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި މ. ދިއްގަރާއި ޅ. ކުރެންދޫގެ އިތުރުން ބ. އޭދަފުއްޓާއި ހދ. ނައިވާދޫން އަތޮޅު ތަށި ދިފާއުކޮށްފިއެވެ.
އިއްޔެ ހަވީރާއި ރޭ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ޖުމުލަ ހަތް އަތޮޅު ފައިނަލެއް ކުޅެފައިވެއެވެ. ރޭ މ. އަތޮޅުގެ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން ދިއްގަރާއި މަޑުއްވަރި ވާދަކުރި އިރު، އެ މެޗުން ދިއްގަރު މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ދިއްގަރުގެ އިސްމާއީލް ޒަޔާން ސުލައިމާން ހެޓްރިކް ފުރިހަމަ ކުރި އިރު، އެޓީމުގެ އަނެއް ގޯލް ޖަހައިދިނީ ހުސައިން ފާރިޝްއެވެ. މަޑުއްވަރީގެ ހަމައެކަނި ގޯލް ޖެހީ އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ތޮލާލް ނަސީރެވެ.
އަތޮޅުގެ އެންމެ ގިނަ ގޯލް ޖެހީ ނާލާފުށީގެ އަހުމަދު ރަފާހެވެ.
މިއީ ދިއްގަރުން މ. އަތޮޅު ތަށި ހޯދި ހަވަނަ ފަހަރެވެ. އެޓީމުން ވަނީ މިހާތަނަށް 2016، 2018، 2019، 2023 ގެ އިތުރުން 2025 އާއި މިއަހަރުވެސް އަތޮޅު ތަށި ހޯދައިފައެވެ.
ކުރެންދޫން ޖެހިޖެހިގެން ހަތަރު ވަނަ އަތޮޅު ތަށި ހޯދީ ނައިފަރު ކައިރިން 2-1 އިން މޮޅުވެގެންނެވެ. އެ އަތޮޅު ފައިނަލުގައި ކުރެންދޫގެ ގޯލްތައް ޖަހައިދިނީ އަބްދުލް ވާހިދު އިބްރާހީމް (ވާޑު)ގެ އިތުރުން މުހައްމަދު ނަބީހެވެ. ނައިފަރުގެ ގޯލް ޖަހައިދިނީ މުހައްމަދު އިޒާން އަލީއެވެ.
ޅ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވާޑެވެ. އެންމެ ގިނަ ގޯލް ޖެހީ ނައިފަރުގެ ހުސައިން ފައިސަލްއެވެ.
ބ. އޭދަފުށިން މިހާތަނަށް ހަތް ފަހަރު ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވާ އިރު، ރޭ މިއަހަރުގެ އަތޮޅު ތަށި ހޯދީ 2-0 އިން ދަރަވަންދޫ ބަލިކޮށްގެންނެވެ.
މެޗުގައި އޭދަފުށީގެ ގޯލްތައް ޖަހައިދިނީ ހުސައިން ޝަރީފް (މުޑާ) އާއި މުއާޒް އަލީއެވެ. އެ އަތޮޅުގެ ޓޮޕް ސްކޯރާއާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭދަފުށީގެ މުޑާއެވެ.
ނައިވާދޫންވެސް ހދ. އަތޮޅުގެ ރަސްކަން ދަމަހައްޓާފައިވާ އިރު، އެޓީމުން އަށްވަނަ އަތޮޅު ތަށި ރޭ ހޯދީ ނޮޅިވަރަންފަރު ކައިރިން ފައިނަލުގައި 4-2 އިން މޮޅުވެގެންނެވެ.
ނައިވާދޫގެ ހުސައިން މައިޝަން އާއި މުހައްމަދު އަސްލަމް، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހި އިރު، ނޮޅިވަރަންފަރުގެ އެއް ގޯލަކީ ނައިވާދޫ ކީޕަރު މުހައްމަދު ރިޒާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލް ޖެހީ އަކްރަމް އަބްދުލް ރަޝީދެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދުވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިއަދާއި މިރޭ އޮންނަ މެޗުތައް
16:00 ހއ. މާރަންދޫ - ހއ. ކެލާ (އަތޮޅު ފައިނަލް)
16:00 ރ. ދުވާފަރު - ރ. އިނގުރައިދޫ (އަތޮޅު ފައިނަލް)
20:00 ނ. ހޮޅުދޫ - ނ. މާޅެންދޫ (އަތޮޅު ފައިނަލް)
20:00 އއ. މަތިވެރި - އއ. ބޮޑުފޮޅުދޫ (އަތޮޅު ފައިނަލް)
21:45 ވ. ކެޔޮދޫ - ވ. ފުލިދޫ (އަތޮޅު ފައިނަލް)
22:00 ގދ. ހޯޑެއްދޫ - ގއ. ދެއްވަދޫ (ޒޯން 7)
23:00 ގއ. ކަނޑުހުޅުދޫ - ގދ. ވާދޫ (ޒޯން 7)
23:00 ސ. ހިތަދޫ - ޏ. ދަނޑިމަގު (ޒޯން 7)
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް