ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ، ޗެލްސީގެ އިތުރުން ބަޔާން މިއުނިކާއި ލިވަޕޫލުންވެސް މުހިންމު މޮޅުތަކެއް ހޯދައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ކުޅުން ކުރިއަށްދާ އިރު، ރޭގެ މޮޅުތަކާއެކު ބާސާއާއި ބަޔާންގެ އިތުރުން ލިވަޕޫލަށްވެސް ވަނީ އަނެއް ބުރަށް އޮޓޮމެޓިކުން ކޮލިފައިވާން ފުރުސަތު ބޮޑުކޮށްފައެވެ. އޭގެ އިތުރުން ޗެލްސީން ހޯދި މޮޅާއެކު، ލީގު ބުރުގައި ދެން ބާކީ އޮތް މެޗަށް ނުކުންނަ އިރު، އެޓީމަށްވެސް ވަނީ ކޮލިފިކޭޝަނަށް ފުރުސަތު ބޮޑުވެފައެވެ.
ރޭ ބަޔާނުން ރަތް ކާޑަކާއެކުވެސް އަމިއްލަ ދަނޑުގައި ޔޫނިއަން ސެއިންޓް ގިލޮއިސް ބަލިކުރީ 2-0 އިންނެވެ. މެޗުގައި ބަޔާންގެ ދެ ގޯލްވެސް ޖެހީ ހެރީ ކޭންއެވެެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ކޭން ދެ ގޯލް ޖެހި އިރު، އޭނާގެ ދެވަނަ ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.
އޭގެ އިރުކޮޅެއްފަހުން މިން-ޖައޭ ކިމްއަށް ރަތް ކާޑު ދެއްކި ނަމަވެސް ބަޔާނުން ހިފަހައްޓާލިއެވެ. ބަޔާން މިވަގުތު އޮތީ ލީގު ބުރު ތާވަލުގެ ދެވަނައިގައެވެ. އެއީ ހަތް މެޗުން 18 ޕޮއިންޓާއެކުގައެވެ.
ޗެލްސީންވެސް ރޭ މުހިންމު މޮޅެއް ހޯދި އިރު، އެޓީމަށް ޕަފޯސް އެފްސީ ކައިރިން ސަލާމަތްވީ 1-0 އިން ހަނި ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ދެވަނަ ހާފުގައި ޖަހައިދިނީ މޮއިސެސް ކައިސޭޑޯއެވެ.
ޗެލްސީ މިވަގުތު އޮތީ އަށް ވަނައިގައެވެ. އެއީ ހަތް މެޗުން 13 ޕޮއިންޓާއެކުގައެވެ. ހަ ވަނައިގައި އޮތް ޕީއެސްޖީއާއި ހަތްވަނައިގައި އޮތް ނިއުކާސަލްގެ އިތުރުން ނުވަ ވަނައިގައި އޮތް ބާސެލޯނާއާއި 10 ވަނައިގައި އޮތް ސްޕޯޓިން ލިސްބަން، 11 ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަދި އޭގެ ފަހަތުން އޮތް އެތުލެޓިކޯ މެޑްރިޑާއި އެޓަލާންޓާއަށްވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފައެވެ.
ނިއުކާސަލުން ރޭ ކުޅުނު މެޗުގައި ޕީއެސްވީ ކައިރިން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
ލިވަޕޫލްގެ މެޗަށް ރޭ މުހައްމަދު ސަލާހް އެނބުރި އައިސްފައިވާ އިރު، މެޗުގެ ފުރަތަމަ 11 އަށްވެސް އޭނާ ނުކުމެފައިވެއެވެ. އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކުރިން ކޯޗު އާނޭ ސްލޮޓާއި ސަލާހާ މައްސަލަ ޖެހުނު އިރު، މެޗުގެ ކުރިން އޭނާ ބުނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ރޭ ލިވަޕޫލް މެޗުގައި ގޯލްތައް ޖެހީ ޑޮމިނިކް ޒޮބޮސްލާއީއާއި ކޯޑީ ގަކްޕޯއެވެ. އަނެއް ގޯލަކީ ޖެރޮނީމޯ ރުލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ބާސާއިން ފަހަތުން އަރައި ސްލާވިއާ ޕްރާގް ކައިރިން 4-2 އިން ފަހަތުން އަރައި މޮޅުވި އިރު، ޕްރާގު ފުރަތަމަ ގޯލް ޖެހީ ވާސިލް ކުސޭޖެވެ. އެޓީމުގެ އަނެއް ގޯލް ރޮބާޓް ލެވަންޑޯސްކީ އަތުން ބައިކޮޅަށް ވަން އިރު، ބާސާއިން ނަތީޖާ އަނބުރާލީ ފާމިން ލޮޕޭޒްގެ ދެ ގޯލާއި، ޑެނީ އޮލްމޯ އަދި ލެވަންޑޯސްކީގެ ގޯލުންނެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު