ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ތ. ތިމަރަފުއްޓާއި ކ. ގާފަރު، ލ. އިސްދޫ އަދި އދ. މަހިބަދޫން އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގައި ރޭ ކުޅެފައި ވަނީ ހަތަރު އަތޮޅެއްގެ ފައިނަލް މެޗުތަކެވެ. ލ. އަތޮޅުގެ ފައިނަލް މެޗުގައި އެންމެފަހުގެ ޗެމްޕިއަން އިސްދޫން ތަށި ދިފާއުކުރީ، މިދިޔަ އަހަރުވެސް ފައިނަލުގައި ވާދަކުރި ގަމާ ވާދަކޮށް ޕެނަލްޓީގައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އިސްދޫން މެޗު ކާމިޔާބުކުރީ 7-6 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ގަމުންނެވެ. އަހުމަދު އަޖުވަދު ޖެހި ގޯލުން އެޓީމުން ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް، އިސްދުއަށް އެއްވަރުކޮށްދިނީ އަލީ ހުމޭޒެވެ.

ދެޓީމުންވެސް ޕެނަލްޓީގައި ކާމިޔާބުކޮށް ފެނިފައިވާ އިރު، އިސްދުއަށް ނާކާމިޔާބުވީ ހުމޭޒު ޖެހި ޕެނަލްޓީ އެކަންޏެވެ. އެ ޕެނަލްޓީ ބޭރަށް ދިޔަ އިރު، ގަމުގެ އަލީ ޝާމިސް (ތޮއްޕެ) ޖެހި ޕެނަލްޓީ އަމާޒުވީ މަތީ ދަނޑިއަށެވެ. އަދި އިސްދޫ ކީޕަރު ވިސާމް އަބްދުﷲ ވަނީ ގަމުގެ މުހައްމަދު އަކްމަލް ޖެހި ޕެނަލްޓީ ސޭވްކޮށްފައެވެ.

ލ. އަތޮޅުގެ ޓޮޕް ސްކޯރާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އިސްދޫގެ އަލީ މީސާގު އީސައެވެ.

އިސްދޫގެ މީސާގް --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ތ. އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށިން ހަވަނަ ފަހަރަށް ހޯދީ ރޭ ކިނބިދޫ ކައިރިން 2-1 އިން މޮޅުވެގެންނެވެ. ފޯރިގަދަކޮށް ފެނުނު މެޗުގައި ތިމަރަފުށީގެ ގޯލްތައް ޖެހީ އާދަމް ނާސިހު (އާދަންނާ) އާއި އަހުމަފު އަފްލާޒެވެ. ކިނބިދޫގެ ގޯލް ޖެހީ މުހައްމަދު ޝާފިއުއެވެ.

އެ އަތޮޅުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ކިނބިދޫގެ ޝާފިއު ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތިމަރަފުށީގެ އަފްލާޒެވެ.

ތިމަރަފުށިން އަތޮޅު ތަށްޓާއެކު --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މިދިޔަ އަހަރު ކ. އަތޮޅު ސެމީ ފައިނަލުން ކެޓި ގާފަރުން އެޓީމުގެ ހަތަރުވަނަ އަތޮޅު ތަށި ރޭ ޔަގީންކުރީ އެންމެފަހުގެ ޗެމްޕިއަން މާފުށި ކައިރިން 2-0 އިން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ގޯލްތައް ފެނިފައިވާ އިރު، ފުރަތަމަ ކޮޅުގައި ގާފަރަށް ލީޑު ނަގައިދިނީ ސާމިން މުހައްމަދު ނަސީރެވެ. އޭގެ ފަހުން ގާފަރުން ޖެހި ގޯލަކީ އަލީ މާއިސް (މައްޓު) ކާމިޔާބުކޮށްދިން ހިތްގައިމު ގޯލެކެވެ.

ކ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ގާފަރުގެ ސާމިންނެވެ. އެ އަތޮޅުން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންނަކީ މާފުށީގެ ހުސައިން ރިފާނާއި ދިއްފުށީގެ އަހުމަދު މާޒިންއެވެ.

މަހިބަދޫން މެދުކެނޑުމަކަށްފަހު އަތޮޅު ތަށި ހޯދީ ރޭ 5-2 އިން އޮމަދޫ ބަލިކޮށްގެންނެވެ. މަހިބަދޫގެ ގޯލްތައް ޖެހީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ޝުއައިދު ސައީދު، މުހައްމަދު އަފްލާމް އަލީ، އިބްރާހީމް ޝާތިރުގެ އިތުރުން އިސްމައީލް ނަޒީރެވެ. އޮމަދުއަށް ރޭގެ ފައިނަލުގައި ދެ ގޯލްވެސް ޖަހައިދިނީ އަބްދުﷲ ނާހިލްއެވެ.

އދ. އަތޮޅުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ދަނގެތީގެ އަހުމަދު ސުދައިސް އަލީއެވެ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އޮމަދޫގެ އަލީ ޝާޒް ހިލްމީއެވެ.

މަހިބަދޫ އަތޮޅު ތަށި އުފުލާލުމުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަދު ހަތް ފައިނަލެއް ކުރިއަށްދާނެއެވެ. އެއީ ހަވީރު ދ. އަތޮޅުގެ ފައިނަލުގައި މާއެނބޫދުއާއި ކުޑަހުވަދޫ ވާދަކުރާ ފައިނަލުގެ އިތުރުން ހަމަ އެވަގުތު ކުޅޭ ފ. އަތޮޅު ނިލަންދުއާއި މަގޫދޫ ވާދަކުރާ ފައިނަލާއި މިރޭ އޮންނަ މ، ޅ، ބ، ހދ އަދި ށ. އަތޮޅު ފައިނަލްތަކެވެ. މ. އަތޮޅު ފައިނަލުގައި މަޑުއްވަރި ނުކުންނާނީ ދިއްގަރާ ދެކޮޅަށެވެ. ޅ. އަތޮޅު ފައިނަލުގައި ނައިފަރާއި ކުރެންދޫ ވާދަކުރާ އިރު، ބ. އަތޮޅު ފައިނަލުގައި އޭދަފުށި ނުކުންނާނީ ދަރަނބޫދުއާ ދެކޮޅަށެވެ. ށ. އަތޮޅު ފައިނަލުގައި ކަނޑިތީމު ވާދަކުރާނީ ފޯކައިދުއާއެވެ.