ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅު ފައިނަލަށް ފުރަތަމަ ފަހަރަށް ކެލައާއި މާރަންދޫ ބަލިކުރި އިރު، ވ. އަތޮޅުން ކެޔޮދުއާއި ފުލިދުވެސް އަތޮޅު ފައިނަލް ޔަގީން ކޮށްފިއެވެ.
ހއ. އަތޮޅުގެ ފޯރިގަދަ ސެމީ ފައިނަލް ދެ މެޗު ރޭ ކުޅެފައިވާ އިރު، މާރަންދޫން ފުރަތަމަ ފައިނަލް ޔަގީންކުރީ ފިއްލަދޫ ކައިރިން 3-1 އިން މޮޅުވެގެންނެވެ. ފޯރިގަދަކޮށް ފެނުނު މެޗުގައި މާރަންދޫގެ ހުމައިދު ހުސައިން ދެ ގޯލް ޖެހި އިރު، އަނެއް ގޯލް ޖެހީ ޝަނީމް މޫސާއެވެ. މެޗުގައި ފިއްލަދޫގެ ގޯލް ޖެހީ މުހައްމަދު ޔާމީނެވެ.
މެޗުގެ ފަހުކޮޅުގައި ހޫނުވެ، ޔާމީނަށް ސީދާ ރަތެއް ދެއްކި އިރު، ފިއްލަދޫގެ މުހައްމަދު ސާމީއަށްވެސް މެޗުގައި ރަތް ކާޑު ދައްކާފައިވެއެވެ.
އެ އަތޮޅު އަނެއް ސެމީން މޮޅުވެ، ކެލާއިންވެސް ފުރަތަމަ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، އެޓީމުން މުރައިދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ކެލާގެ ގޯލްތައް ޖެހީ އަބްދުﷲ އިހުސާނާއި ގާސިމް އަތޫފެވެ. މުރައިދޫގެ ގޯލް ޖެހީ އަބްދުﷲ ހިޝާނެވެ.
ވ. އަތޮޅުން ތިން ޓީމު ވާދަކޮށްފައިވާ އިރު، އެ އަތޮޅު ފައިނަލަށް ދިޔަ ދެވަނަ ޓީމު ކަށަވަރުވީ ރޭ ކެޔޮދުއާއި ފެލިދޫ ވާދަކުރި މެޗުންނެވެ. ކެޔޮދޫން ކުރިން އަތޮޅު ފައިނަލް ޔަގީން ކޮށްފައިވާ އިރު، ރޭ އެޓީމުން ވާދަކުރީ ފެލިދުއާ ދެކޮޅަށެވެ. ފެލިދޫ ކައިރިން ކެޔޮދޫ 1-0 އިން މޮޅުވި އިރު، ކެޔޮދޫގެ ގޯލް ޖެހީ އަޒްޔާން އާދަމް ރަޝީދެވެ.
އެ ނަތީޖާއާއެކު ކެޔޮދުއަށް ދެ މޮޅާއެކު އެއްވަނަ ލިބުނު އިރު، ފުލިދުއަށް ދެވަނަ ލިބުނީ ޖެހި ގޯލްގެ ފަރަގުންނެވެ. ކެޓީ ފެލިދުއެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިރޭ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އޮންނާނީ ވަރުގަދަ ހަތަރު ފައިނަލެކެވެ. އެއީ ލ. އަތޮޅު ފައިނަލުގައި ގަމާއި އިސްދޫ ވާދަކުރާ މެޗާއި ކ. އަތޮޅު ފައިނަލުގައި ގާފަރާއި މާފުށި ވާދަކުރާ އަތޮޅު ފައިނަލުގެ އިތުރުން ތ. ތިމަރަފުއްޓާއި ކިނބިދޫ ވާދަކުރާ އަތޮޅު ފައިނަލްގެ އިތުރުން އދ. އަތޮޅު ފައިނަލުގައި މަހިބަދުއާއި އޮމަދޫ ވާދަކުރާ އަތޮޅު ފައިނަލެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް