ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ރ. އަތޮޅު ފައިނަލަށް މިދިޔަ އަހަރުގެވެސް ފައިނަލުގައި ވާދަކުރި އިނގުރައިދުއާއި ދުވާފަރުން ދަތުރުކޮށްފިއެވެ.
ރ. އަތޮޅު ލީގު ބުރުގެ ފަހު ދެ މެޗު ރޭ ކުޅެފައިވާ އިރު، އެ މެޗުތަކަށް ނުކުތް އިރު، އަލިފުއްޓާއި ދުވާފަރުގެ އިތުރުން އިނގުރައިދުއަށް ފައިނަލްގެ ފުރުސަތު އޮތެވެ. ދުވާފަރަށް އޮތީ ފައިނު ރަނގަޅު ސްކޯއަކަށް ބަލިކުރުމެވެ. އަނެއްކޮޅުން އިނގުރައިދުއަށް އޮތީ ތިން ގޯލްގެ ތަފާތަކުން އަލިފުށި ބަލިކުރަން ޖެހިފައެވެ.
އެ ޗެލެންޖާއެކު އިނގުރައިދޫން މެޗަށް ނުކުމެ، އަލިފުށި ބަލިކުރީ 4-1 އިންނެވެ. އިނގުރައިދޫގެ އަހުމަދު މަޝީދު ދެ ގޯލު ޖެހި އިރު، އަހުމަދު އައިހަމްވެސް ގޯލު ޖެހިއެވެ. އޭގެފަހުން އަލިފުށީގެ އާދަމް މަންސޫރު ގޯލެއް ޖަހައި އަލިފުއްޓަށް އުންމީދު ހޯދައިދިން ނަމަވެސް، އިނގުރައިދުއަށް އެންމެ ފަހުވަގުތު ގޯލު ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ.
އަނެއްކޮޅުން ދުވާފަރުން ފައިނަލް ޔަގީންކުރީ 7-1 އިން ފައިނު ބަލިކޮށްގެންނެވެ. ދުވާފަރުގެ އަބްދުﷲ ލޫތު އިބްރާހީމާއި މުހައްމަދު އިސާމް (ޝަންޓެ)، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިދިން އިރު، އަނެއް ގޯލްތައް ޖެހީ އިބްރާހީމް އަޒުމޫނާއި އިސްމާއީލް އަހުމަދު އަދި އަހުމަދު އީސައެވެ. ފައިނުގެ ގޯލް ޖެހީ ރިލްވާން ޝަރީފެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިރޭ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އޮންނާނީ ވަރުގަދަ ހަތަރު ފައިނަލެކެވެ. އެއީ ލ. އަތޮޅު ފައިނަލުގައި ގަމާއި އިސްދޫ ވާދަކުރާ މެޗާއި ކ. އަތޮޅު ފައިނަލުގައި ގާފަރާއި މާފުށި ވާދަކުރާ އަތޮޅު ފައިނަލުގެ އިތުރުން ތ. ތިމަރަފުއްޓާއި ކިނބިދޫ ވާދަކުރާ އަތޮޅު ފައިނަލްގެ އިތުރުން އދ. އަތޮޅު ފައިނަލުގައި މަހިބަދުއާއި އޮމަދޫ ވާދަކުރާ އަތޮޅު ފައިނަލެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް