ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ މ. އަތޮޅު ފައިނަލަށް މަޑުއްވަރިއާއި ދިއްގަރު ދަތުރުކުރި އިރު، ބ. އަތޮޅު ފައިނަލަށް އޭދަފުއްޓާއި ދަރަވަންދޫ ދަތުރު ކޮށްފިއެވެ.

މ. އަތޮޅުން ފަސް ޓީމު ވާދަކޮށްފައިވާ އިރު، ރޭގެ ފަހު ދެމެޗަށް ނުކުތް އިރު، ތިން ޓީމަށް އަތޮޅު ފައިނަލަށް ފުރުސަތު އޮތެވެ. އެއީ އެއްވަނައިގައި ތިން މެޗުން ހަތް ޕޮއިންޓާއެކު އޮތް މަޑުއްވަރިއާއި ދެވަނައިގައި ތިން މެޗުން ހަ ޕޮއިންޓާއެކު އޮތް ނާލާފުށި އަދި ތިން މެޗުން ހަތަރު ޕޮއިނޓާއެކު ތިންވަނައިގައި އޮތް ދިއްގަރަށެވެ.

ރޭ އެންމެފަހުގެ އަތޮޅު ޗެމްޕިއަން ދިއްގަރުން އަތޮޅު ފައިނަލް ޔަގީންކުރީ 6-0 އިން ކޮޅުފުށި ބަލިކޮށްގެންނެވެ. އެ މެޗުން ދިއްގަރު މޮޅުވި ނަމަވެސް ނާލާފުއްޓާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތް އިރު، ދިއްގަރަށް ކުރި ލިބުނީ ފައިދާ ގޯލުންނެވެ.

ދިއްގަރުގެ މުސްއަބު ބިން އަހުމަދު މެޗުގައި ދެ ގޯލް ޖެހި އިރު، އަނެއް ގޯލްތައް ޖެހީ ހުސައިން ފާރިޝްއާއި އިސްމާއީލް ޒަޔާން ސުލައިމާނާއި އައްމާރު ބިން އާސިފް އަދި އިކްރާމް ހުސައިނެވެ.

މަޑުއްވަރިއާއި ނާލާފުށި ރޭ އެއްވަރުވި އިރު، އެ މެޗުގައި މަޑުއްވަރީގެ ގޯލް ޖެހީ އީމާން އިސްމާއީލެވެ. ނާލާފުށީގެ ގޯލް ޖެހީ އަހުމަދު ރަފާހެވެ.

މަޑުއްވަރިން ލީގު ބުރުގެ އެއްވަނަ ހޯދީ ހަތަރު މެޗުން އަށް ޕޮއިންޓާއެކުގައެވެ.

މަޑުއްވަރިއާއި ނާލާފުށި ވާދަކުރި މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ބ. އަތޮޅުގެ ފައިނަލަށް ދާ ޓީމުތައް އިއްޔެ ކަށަވަރުވީ އޭދަފުއްޓާއި ފެހެންދޫގެ މެޗުންނެވެ. އެ މެޗު 1-1 އިން އެއްވަރުވި އިރު، ބ. އަތޮޅުން ވާދަކުރީ ތިން ޓީމެކެވެ. އޭދަފުއްޓަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދަރަވަންދޫން ފައިނަލަށް ދިޔައީ ދެމެޗުން ތިން ޕޮއިންޓާއެކުގައެވެ.

ފެހެންދުއަށް ދެ މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.

އިއްޔެ އޭދަފުށިން ކުޅުނު މެޗުގައި އެޓީމުގެ ގޯލް ޖެހީ އަލީ ނަސީމް (ދިއްލި)އެވެ. ފެހެންދޫގެ ގޯލް ޖެހީ ޒައިން އަހުމަދެވެ.

އޭދަފުއްޓާއި ފެހެންދޫ އިއްޔެ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އިމޭޖަސް އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިއަދު ހަވީރާއި މިރޭ އޮންނަ މެޗުތައް

16:00 އއ. ހިމަންދޫ - އއ. ބޮޑުފޮޅުދޫ

16:00 އއ. ތޮއްޑޫ - އއ. މާޅޮސް

20:00 ރ. ފައިނު - ރ. ދުވާފަރު

20:00 ރ. އަލިފުށި - ރ. އިނގުރައިދޫ

21:00 ނ. ވެލިދޫ - ނ. ހެނބަދޫ

21:00 ނ. މާޅެންދޫ - ނ. ހޮޅުދޫ

22:00 ހއ. ފިއްލަދޫ - ހއ. މާރަންދޫ (އަތޮޅު ސެމީ ފައިނަލް)

22:00 ހއ. މުރައިދޫ - ހއ. ކެލާ (އަތޮޅު ސެމީ ފައިނަލް)

23:00 ގއ. ކަނޑުހުޅުދޫ - ގއ. ދެއްވަދޫ (އަތޮޅު ފައިނަލް)

23:00 ވ. ކެޔޮދޫ - ވ. ފުލިދޫ