ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތާ ގުޅިގެން އެ ޖަމިއްޔާގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލުގެ މައްޗަށް ދައުލަތުންކުރި ހިޔާނާތުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އޭނާ ހަތަރު އަހަރު ޖަލަށްލުމަށް ކުރިމިނަލް ކޯޓުންކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ބައްސާމުގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުގައެވެ. ނަމަވެސް އެ އިސްތިއުނާފީ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނުނިންމައެވެ. އެ މައްސަލަ އޮތީ ހައިކޯޓުގެ "ހުށަހެޅިފައި" މަރުހަލާގައެވެ.
އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިން އަދި ހިޔާނާތުގެ ދައުވާ ދައުލަތުން ކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގައެވެ. އޭގެ ތެރެއިން ހިޔާނާތުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ބައްސާމް ހަތަރު އަަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ އަށްވަނަ ދުވަހުގައެވެ. މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ބައްސާމް ފަސް އަހަރަށް ޖަލަށްލުމަށާއި 154،200 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 30 ވަނަ ދުވަހުގައެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ބުނެފައިވަނީ ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ބޭނުމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޮލަރު ޖަމާކުރުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި 10،004 ޑޮލަރުގެ ޓްރާންސްފާ ކުރުމަށް ލިޔެ، 26 އޮގަސްޓް 2018 ގައި ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
"އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީ ނަމަވެސް، 9,999 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) އަށް ވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީ އާއި، ބައްސާމް އަދީލް ޖަލީލް އެފްއޭއެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީ އާއި، މި ފައިސާ މީނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ،" ބައްސާމަށް ހިޔާނާތުގެ ކުށުގެ ދައުވާ ކުރާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް