ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ރ. އަތޮޅު ލީގު ބުރުގައި އަލިފުށިން ދުވާފަރު ބަލިކުރި އިރު، އިނގުރައިދޫން ފައިނު ބަލިކޮށްފިއެވެ.

ރ. އަތޮޅުން މިފަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރަމުންދާ އިރު، އަލިފުށިން ވަނީ ދެވަނަ މޮޅެއް ހޯދައިފައެވެ. މިހާތަނަށް ކުޅުނު ދެ މެޗުންވެސް އަލިފުށި މޮޅުވެފައިވާ އިރު، އިއްޔެ ދުވާފަރު ބަލިކުރީ 2-1 އިންނެވެ.

މެޗުގައި އަލިފުށީގެ އިބްރާހީމް ފުރުގާން (ފުގޭ) ގެ އިތުރުން ދެން ގޯލް ޖެހީ އަހުމަދު ޒަލަފެވެ. ދުވާފަރުގެ ގޯލް ޖެހީ މުހައްމަދު ނޫހު އިބްރާހީމެވެ.

އެ އަތޮޅުގައި ރޭ އެންމެފަހުގެ ޗެމްޕިއަން ރ. އިނގުރައިދޫން ފުރަތަމަ މޮޅެއް ހޯދީ 6-2 އިން ފައިނު ބަލިކޮށްގެންނެވެ. އެ މެޗުގައި ދިއްގަރުގެ މުހައްމަދު ޖުމާން ދެ ގޯލް ޖެހި އިރު، އަލީ ހާފިޒް (ހާއްޕެ) އާއި މުހައްމަދު މަމްދޫހުގެ އިތުރުން އަހުމަދު މަޝީދާއި އަލީ ޝާފިއުވެސް ގޯލްތައް ޖެހިއެވެ.

ފައިނުގެ ގޯލްތައް ޖެހީ ރިލްވާން ޝަރީފާއި އައްފާން ބިން އަހުމަދެވެ.

އަލީ ހާފިޒް (ހާއްޕެ) ބޯޅައާއެކު މަސައްކަތް ކުރުން --- ފޮޓޯ/ އިމޭޖަސް އެމްވީ

ރ. އަތޮޅުގެ އަލިފުށިން އަތޮޅު ފައިނަލާ ގާތުގައި އޮތް އިރު، ދުވާފަރުން ފަހު މެޗުގައި ނުކުންނާނީ ފައިނާ ދެކޮޅަށެވެ. އިނގުރައިދޫން އެޓީމުގެ ފަހު މެޗުގައި އަލިފުއްޓާ ދެކޮޅަށް ނުކުންނަ އިރު، އިނގުރައިދުއަށް އެ މެޗުން މޮޅުވާން މަޖުބޫރެވެ.

އެހެންނަމަވެސް ދުވާފަރުން ފައިނު ކައިރިން ބަލިވެއްޖެނަމަ، އިނގުރައިދުއާއި ފައިނަށް ފުރުސަތު ބޮޑުވާނެއެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިއަދު ހަވީރު އޮންނަ މެޗުތައް

16:00 ވ. ފުލިދޫ - ވ. ކެޔޮދޫ

16:00 ސ. މަރަދޫ - ސ. ހިތަދޫ (އަތޮޅު ފައިނަލް)

މިރޭ އޮންނަ މެޗުތައް

20:00 ލ. އިސްދޫ - ލ. މުންޑޫ (އަތޮޅު ސެމީ ފައިނަލް)

20:00 ލ. މާވަށް - ލ. ގަން (އަތޮޅު ސެމީ ފައިނަލް)

21:00 ތ. ތިމަރަފުށި - ތ. ގާދިއްފުށި (އަތޮޅު ސެމީ ފައިނަލް)

21:00 ތ. ކިނބިދޫ - ތ. ހިރިލަންދޫ (އަތޮޅު ސެމީ ފައިނަލް)

22:00 އދ. މަންދޫ - އދ. މަހިބަދޫ (އަތޮޅު ސެމީ ފައިނަލް)

22:00 އދ. ދަނގެތި - އދ. އޮމަދޫ (އަތޮޅު ސެމީ ފައިނަލް)

23:00 ށ. ކަނޑިތީމު - ށ. މިލަންދޫ (އަތޮޅު ސެމީ ފައިނަލް)

23:00 ށ. ފުނަދޫ - ށ. ފީވަށް (އަތޮޅު ސެމީ ފައިނަލް)