ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅު ސެމީ ފައިނަލްގެ ފަހު ޖާގަ މާރަންދޫން ހޯދައިފިއެވެ.

މިއަހަރުގެ މުބާރާތުގައި ހއ. އަތޮޅުން 10 ޓީމު ގްރޫޕް ސްޓޭޖުގައި ދެ ގްރޫޕަކަށް ކުޅެފައިވާ އިރު، އިއްޔެ ފަހު ހަތަރު މެޗަށް ނުކުތް އިރު، އަތޮޅު ސެމީން ބާކީ އޮތީ އެންމެ ޖާގައެކެވެ. އެއީ މީގެ ކުރިން މުރައިދުއާއި ފިއްލަދޫ ގްރޫޕްގެ އެއްވަަނަތައް ޔަގީންކޮށްފައިވުމުގެ އިތުރުން ކެލައިން ގްރޫޕް އޭއިން އަތޮޅު ސެމީ ޔަގީން ކޮށްފައި އޮތުމުންނެވެ.

މުރައިދޫ ހިމެނުނު ގްރޫޕް ބީގެ ދެވަނަ ޔަގީން ކުރެވެން އޮތީ އިއްޔެގެ މެޗުތަކުން ކަމަށްވާ އިރު، އިއްޔެ މުރައިދޫ ނުކުތީ އެންމެފަހުގެ ޗެމްޕިއަން ވަށަފަރާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެ، ވަށަފަރަށް އަމިއްލަ ބާރުގައި ސެމީއަށް ދެވެން އޮތް ނަމަވެސް، އެ ޓީމު ވަނީ މުރައިދޫ ކައިރިން 2-1 އިން ބަލިވެފައެވެ.

އެ ވަގުތު އަނެއް ދަނޑުގައި މާރަންދޫން ކުޅުނު މެޗުގައި 5-1 އިން އުތީމު ބަލިކުރި އިރު، މާރަންދޫ މެޗު ނިމިގެން އެ ޓީމަށް އިންތިޒާރުވެސް ކުރަން ޖެހުނެވެ. އެއީ ވަށަފަރު އެއްވަރުކޮށްލައިގެންވެސް ސެމީއަށް ދެވެން އޮތުމުންނެވެ.

މުރައިދޫން ކުޅުނު ހަތަރު މެޗުންވެސް މޮޅުވި އިރު، އިއްޔެގެ މެޗުގައި ގޯލުތައް ޖެހީ އައިރޫން އަހުމަދު ރަޝީދެވެ. އަނެއްކޮޅުން ވަށަފަރުގެ ގޯލް އަބްދުﷲ ސިނާން ޖެހި އިރު، އެ ޓީމުގެ އަލީ ރިސްވާން އަހުމަދަށް ރަތް ކާޑުވެސް ދައްކާފައިވެއެވެ.

މާރަންދޫން ކުޅުނު މެޗުގައި އެ ޓީމުގެ ސަމްހާން އަބްދުލް ރަހުމާނާއި ހަމްދޫން އަހުމަދު ލަތީފް، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިދިން އިރު، އަނެއް ގޯލު ޖަހައިދިނީ މުހައްމަދު ހަމްދާން އަހުމަދެވެ.

އުތީމުގެ ހަމައެކަނި ގޯލު ޖެހީ އަބްދުﷲ މާއިދެވެ.

ހއ. އަތޮޅު އަނެއް ގްރޫޕްގެ އަތޮޅު ސެމީ ޖާގަތައް ޔަގީންވެފައި އޮތް އިރު، އިއްޔެ ފިއްލަދޫން އެ ޓީމުގެ 100 ޕަސެންޓް މޮޅުވުގެ ރެކޯޑު ދެމެހެއްޓީ 4-2 އިން ހޯރަފުށި ބަލިކޮށްގެންނެވެ. އެ މެޗުގައި ފިއްލަދޫގެ ކީޕަރެއްގެ ގޮތުގައި ފުރަތަމަ އަރައި މުހައްމަދު ހުސާމް ގޯލު ޖެހި އިރު، ފަހުން އައުޓްފީލްޑް ކުޅުންތެރިއެއްގެ ގޮތުގައިވެސް އޭނާ އިތުރު ގޯލެއް ޖެހިއެވެ. އަނެއް ދެ ގޯލު ޖެހީ އާދަމް އަޒުމީއާއި އިބްރާހީމް ފަޒީލެވެ.

ހޯރަފުށީގެ ގޯލުތައް ޖެހީ ޝަމްވީލް އިބްރާހީމާއި އަބްދުﷲ ރައުފާން މުހައްމަދެވެ.

އެ ގްރޫޕުގައި ކަޓާފައި އޮތް ތުރާކުނާއި ބާރަށް ވާދަކުރި މެޗު 3-2 ތުރާކުނު ކާމިޔާބުކުރި އިރު، ތުރާކުނުގެ ގޯލުތައް ޖެހީ މުހައްމަދު ސަމީހާއި އިބްރާހީމް ސިރާޖު އަދި އަހުމަދު ސިރާޖެވެ. ބާރަށުގެ މުހައްމަދު ޝަމާއިލް ގޯލް ޖެހި އިރު، އަނެއް ގޯލަކީ ތުރާކުުނުގެ ސަމީހް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ތުރާކުނާއި ބާރަށް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އިމޭޖަސް އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިއަދު ހަވީރު އޮންނަ މެޗުތައް

16:00 ނ. ވެލިދޫ - ނ. ހޮޅުދޫ

16:00 ރ. އަލިފުށި - ރ. ދުވާފަރު

17:00 ރ. އިނގުރައިދޫ - ރ. ފައިނު

17:00 ނ. ހެނބަދޫ - ނ. މާޅެންދޫ

މިރޭ އޮންނަ މެޗުތައް

20:00 ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ

20:00 ބ. ދަރަވަންދޫ - ބ. އޭދަފުށި

21:00 ކ. ގާފަރު - ކ. ކާށިދޫ (އަތޮޅު ސެމީ)

21:00 ކ. ދިއްފުށި - ކ. މާފުށި (އަތޮޅު ސެމީ)

22:00 އއ. މާޅޮސް - އއ. ހިމަންދޫ

22:00 އއ. ބޮޑުފޮޅުދޫ - އއ. މަތިވެރި

23:00 ގއ. ކަނޑުހުޅުދޫ - ގއ. ވިލިނގިލި (އަތޮޅު ސެމީ)

23:00 ގއ. ދެއްވަދޫ - ގއ. ގެމަނަފުށި (އަތޮޅު ސެމީ)