ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ލ. އަތޮޅު ސެމީ ފައިނަލަށް އެންމެފަހުގެ އަތޮޅު ޗެމްޕިއަން އިސްދުއާއި ރަނަރަޕް ގަމުގެ އިތުރުން މާވަށާއި މުންޑޫ ދަތުރު ކޮށްފިއެވެ.

ލ. އަތޮޅުން މިފަހަރު އަށް ޓީމަކުން ވާދަކުރަމުންދާ އިރު، އިއްޔެ ހަވީރު ކުޅެފައި ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އިސްދޫ ސެމީއަށް ދިޔައީ 4-2 އިން ދަނބިދޫ ބަލިކޮށްގެންނެވެ.

އިސްދޫގެ ގޯލްތައް މެޗުގައި ޖެހީ ހުސައިން އަފްހާނާއި ހޫދު އަހުމަދު ފަތުހީގެ އިތުރުން އަލީ މީސާގު އީސާ އަދި ލޫތު އަހުމަދު ފަތުހީއެވެ. ދަނބިދޫގެ މުހައްމަދު ޝާމިލް ގޯލެއް ޖަހާފައިވާ އިރު، އެޓީމުގެ އަނެއް ގޯލަކީ މީސާގު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އެ ގްރޫޕްގެ ދެވަނަ ގަމުން ހޯދީ ފޮނަދޫ ކައިރިން 2-0 އިން މޮޅުވެގެންނެވެ. ގަމުގެ ގޯލްތައް ޖެހީ ޒައިދާން އަބްދުﷲ އާއި މުހައްމަދު ޖިނާހެވެ.

ގަމުގެ އަހުމަދު ހަލީމް، ފޮނަދޫގެ އަފާޒް ކައިރިން ބޯޅައާއެކު މަސައްކަތް ކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

އަނެއް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އަތޮޅު ސެމީއަށް ދިޔައީ މާވަށެވެ. އެއީ އިއްޔެ ކުޅުނު މެޗުގައި ކުނަހަންދޫ ކައިރިން 2-0 އިން މޮޅުވެގެންނެވެ. މާވަށުގެ ގޯލްތައް ޖެހީ މުހައްމަދު ޝާއިރާއި މުހައްމަދު އިޔާން އާރިފެވެ.

އެ ގްރޫޕުގެ ދެވަނަ ހޯދި މުންޑުއާއި ކަލައިދޫ އިއްޔެ ކުޅުނު މެޗު 0-0 އިން ނިމިގެން ގޮސްފައިވާ އިރު، މުންޑުއާއި ކަލައިދުއަށްވެސް ތިން މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. މުންޑޫ އަތޮޅު ސެމީއަށް ދިޔައީ ފައިދާ ގޯލެއްގެ ތަފާތުންނެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މާދަމާ ހަވީރު އޮންނަ މެޗުތައް

16:00 ޅ. ނައިފަރު - ޅ. އޮޅުވެލިފުށި

16:00 ޅ. ހިންނަވަރު - ޅ. ކުރެންދޫ

17:00 ދ. ބަނޑިދޫ - ދ. މާއެނބޫދޫ

17:00 ބ. ފެހެންދޫ - ބ. ދަރަވަންދޫ

މާދަމާ ރޭ އޮންނަ މެޗުތައް

20:00 ތ. ތިމަރަފުށި - ތ. އޮމަދޫ

20:00 ތ. ވަންދޫ - ތ. ހިރިލަންދޫ

21:00 ތ. ކިނބިދޫ - ތ. ވިލުފުށި

21:00 ތ. ބުރުނި - ތ. ގާދިއްފުށި

22:00 އދ. އޮމަދޫ - އދ. ކުނބުރުދޫ

22:00 އދ. ހަންޏާމީދޫ - އދ. މަންދޫ

23:00 އދ. މަހިބަދޫ - އދ. ފެންފުށި

23:00 އދ. ދަނގެތި - އދ. މާމިގިލި