ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުކަމުގައި ހުރި، ސޮފްވާން މުހައްމަދުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި އެތުލީޓުން ތަމްރީނު ކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާއި، ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުންޏެވެ.
ދެހާސް ސައުވީސް ވަނަ އަހަރު ބޭއްވި ކާވާ މުބާރާތުގައި އަންހެން ޓީމަށް އިރުޝާދު ދިން ސޮފްވާންގެ މައްސަލައެއް ވީއޭއެމްގެ ފަސް މެމްބަރުންގެ ކޮމިޓީއަކުން ބަލަމުންދާކަން އެ އެސޯސިއޭޝަންގެ ރައީސް، މުހައްމަދު ލަތީފް ވަނީ މީގެ ކުރިން ކަށަވަރުކޮށްދެއްވައިފައެވެ. އެ މައްސަލައަކީ ކޮންކަހަލަ މައްސަލައެއް ކަމެއް އޭރު ރައީސް ހާމަކުރައްވާފައެއް ނުވެއެވެ.
އެ މައްސަލަ ބެލުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް ނަގައި، ވީއޭއެމް އެތެރޭގެ މައްސަލައެއްގެ ގޮތުގައި ބަލާފައިވާ އިރު، އެ ކޮމިޓީގެ ރިޕޯޓަށް ބިނާކޮށް ވީއޭއެމްއިން ވަނީ ސޮފްވާނަށް ފިޔަވަޅު އަޅައިފައެވެ.
އެގޮތުން ހެޑް ކޯޗުގެ ކަމުގެ މަގާމުން ސޮފްވާން ވަކިކުރުމަށާއި، އެފަދަ މަގާމަކަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އޭނާ އައްޔަން ނުކުރެވޭނެ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް ވީއޭއެމްއިން ނެރުނު ބަޔާނެއްގައި ވެއެވެ. އޭގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރު ވީއޭއެމްއިން އިންތިޒާމުކުރާ އެއްވެސް މުބާރާތެއްގައި، އެއްވެސް ހައިސިއްޔަތަކުން ސޮފްވާނަށް ބައިވެރިނުވެވޭނެ ގޮތަށް ނިންމާފައިވެސްވެއެވެ. އޭގެ އިތުރުން ވީއޭއެމްގެ ރެފްރީން ހަރަކާތްތެރިވާ މުބާރާތެއްގެ ޓީމެއްގެ އެއްވެސް މަގާމެއްގައިވެސް ނުހުރެވޭ ގޮތަށް ސޮފްވާނަށް ފިޔަވަޅު އަޅާފައިވާ އިރު، އެކްސްކޯއިންވެސް އޭނާ ވަކިކޮށް، އެކްސްކޯގެ މަގާމަކަށް ފަސް އަހަރު ދުވަސް ވަންދެން ކުރިމަތިނުލެވޭނެ ގޮތަސްވެސް ނިންމާފައިވެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 25 ވަނަ ދުވަހު "ވަން ސްޕޯޓްސް އެމްވީ"އަށް ވަރަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ސޮފްވާންގެ މައްޗަށް ކުރެވެނީ ގަދަކަމުން ޖިންސީ ގުޅުން ހިންގަން މަސައްކަތްކޮށް، އެކަމަށް ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުތަކެކެވެ. އެގޮތުން ވޮލީ އާއިލާގެ ފަރާތަކާއެކު ޖިންސީ ގުޅުން ހިންގުމުގެ ނިޔަތުގައި ބްލެކްމެއިލްކޮށް، އެހެން ބައެއް "ފޭވާސް" ކޮށްދޭން އެދި، އެކަމަށް މަސައްކަތް ކުރި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ސޮފްވާން އެކަމަށް މަސައްކަތްކުރި ފަރާތަކީ ކުޅުންތެރިއެއް ނޫންކަންވެސް އެނގިފައިވެއެވެ.
މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ އެކަމުގެ ހެކިތައްވެސް އެސޯސިއޭޝަނަށް ކޮމިޓީން ގެނެސްދީފައިވާ ކަމަށާއި، އެކަމުގައި ކުރިއަށް ދިޔުމަށް ފުލުހަށްވެސް މައްސަލަ ހުށަހަޅަން ނިންމާނެ ކަމަށެވެ.
ސޮފްވާންގެ މައްސަލަ ބެލުމަށްފަހު، ވީއޭއެމްއިން އެކުލަވާލި ކޮމިޓީން ވަނީ ރިޕޯޓިން ހަރުދަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް ފާހަގަކޮށްފައެވެ. އެކަމަށް އެކްސްކޯއިން މަސައްކަތް ކުރި ކަމަށް ވީއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ގައުމީ ޓީމުގެ ސްކޮޑަށް ކުޅުންތެރިން ހޮވާ އުސޫލު އިތުރަށް ހަރުދަނާކޮށް، އެ އުސޫލުގެ ތެރެއިން ނޫންގޮތަކަށް ގައުމީ ޓީމުގެ ސްކޮޑަށް ކުޅުންތެރިން ނުނެގުމާއި، ކުޅުންތެރިންނާއި އޮފިޝަލުންގެ ސުލޫކީ މިންގަނޑު އިތުރަށް މުރާޖާކޮށް، އެ މިންގަނޑު އޮފިޝަލުންނާއި ކުޅުންތެރިންނަށް އެންގުންވެސް ހިމެނެއެވެ.
އޭގެ އިތުރުން ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައާއި، ވީއޭއެމްގެ އެހެން ކޮމިޝަންތަކާއި އިދާރާތަކުގައި ހިނގާފާނެ ޖިންސީ ފުރައްސާރައިގެ އަމަލުތައް ރިޕޯޓުކުރާނެ އުސޫލެއް ގާއިމުކުރުމަށާއި، ވީއޭއެމް މެމްބާޝިޕް ކްލަބެއްގެ ހިންގާ ކޮމިޓީގައި ސޮފްވާން ހިމެނޭނަމަ، އެ ކުލަބެއްގެ ހިންގާ ކޮމިޓީން އޭނާ ވަކިކުރަންވެސް ވީއޭއެމްއިން ވަނީ އަންގައިފައެވެ. އަދި އެކަން ކްލަބުން ކޮމިޝަނާ އޮފް ސްޕޯޓްސްއިން ކަށަވަރުކޮށްގެން ނޫނީ، އެ ކްލަބަކަށް ދެން ވީއޭއެމްގެ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭނެ ކަމަށްވެސް ވަނީ ނިންމައިފައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް