ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އައްޑު އަތޮޅު ސެމީ ފައިނަލްގެ ފަހު ޖާގަ މީދޫން ހޯދި އިރު، ޅ. އަތޮޅުގައި ހިންވަރާއި ނައިފަރުވެސް ފެށުން ރަނގަޅު ކޮށްފިއެވެ.
މިއަހަރު މުބާރާތުގެ މެޗުތައް ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ އިރު، އައްޑު އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ދަނީ ދެ ގްރޫޕަކަށް ޓީމުތައް ބަހާލައިގެންނެވެ. އެއީ ގްރޫޕެއްގައި ތިން ޓީމު ހިމެނޭ ގޮތަށެވެ.
ރޭގެ މެޗުތަކަށް ނުކުތްއިރުވެސް ހިތަދުއާއި މަރަދޫގެ އިތުރުން ފޭދުއަށް އޮތީ އަތޮޅު ސެމީ ޔަގީންވެފައެވެ. އެ އަތޮޅު ސެމީގެ ފަހު ޖާގަ ރޭ ހޯދީ މީދޫންނެވެ. އެއީ ހިތަދުއާ 1-1 އިން އެއްވަރު ކޮށްގެންނެވެ. ހިތަދުއަށް ދެމެޗުން ހަތަރު ޕޮއިންޓާއެކު އެ ގްރޫޕްގެ އެއްވަނަ ޔަގީންވެފައިވާ އިރު، މީދުއަށް ދެވަނަ ލިބުނީ ދެމެޗުން ދެ ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގައި ހިތަދޫގެ ގޯލް އީމާން ނަޒީރު ޖެހި އިރު، މީދޫގެ ގޯލަކީމުހައްމަދު ސަބާހް މަންސޫރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އައްޑޫ އަނެއް ގްރޫޕްގެ ފަހު މެޗުގައި ރޭ ފޭދުއާއި މަރަދޫ އެއްވަރުވީ 2-2 އިންނެވެ. އެ ނަތީޖާއާއެކު ފައިދާ ގޯލްގެ ފަރަގުން އެއްވަނަ ލިބުނީ މަރަދުއަށެވެ. ފޭދުއަށް ގްރޫޕްގެ ދެވަނަ ލިބުނު އިރު، އެދެޓީމަށްވެސް ދެމެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.
ރޭގެ މެޗުގައި ފޭދޫގެ ދެ ގޯލް ޖަހައިދިނީ މުހައްމަދު ސަޔަމް ސައީދެވެ. މަރަދޫގެ ގޯލްތައް ޖަހައިދިނީ ހުސައިން ޝިއުސްއާއި ހަސަން ނޫރިޝްއެވެ.
މުބާރާތުގެ ޅ. އަތޮޅުގެ ކުޅުންވެސް ރޭ ފަށާފައިވާ އިރު، އެ އަތޮޅުން ވާދަކުރަނީ ހަތަރު ޓީމުންނެވެ. ނައިފަރުން ފެށުން ރަނގަޅުކުރީ އެންމެފަހުން ތިން އަހަރުގެ އަތޮޅު ޗެމްޕިއަން ކުރެންދޫ ކައިރިން 1-0 އިން މޮޅުވެގެންނެވެ.
މެޗުގައި ހަމައެކަނި ގޯލް ޖަހައިދިނީ ހުސައިން ފައިސަލްއެވެ.
އެ އަތޮޅުގައި ރޭ ހިންނަވަރުން އޮޅުވެލިފުށި ބަލިކުރީ 4-3 އިންނެވެ. އެމެޗުގައި ހިންނަވަރުގެ އަހުމަދު ޒިއާން މުހައްމަދާއި ހުސައިން މުހައްމަދު، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިދިން އިރު، އޮޅުވެލިފުށީގެ ގޯލްތައް ޖަހައިދިނީ މަފާޒް އަބްދުލް ޝަކޫރާއި މުހައްމަދު ސުހައިލް އަދި އިޔާޒް އިލްޔާސެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް