ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ލ. އަތޮޅު ގްރޫޕް ސްޓޭޖުގެ ފޯރި ގަދަވެއްޖެއެވެ.
ލ. އަތޮޅުން މިފަހަރު އަށް ޓީމަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި އެންމެފަހުގެ އަތޮޅު ޗެމްޕިއަން އިސްދޫން ކުޅުނު ދެވަނަ މެޗުގައި ރޭ ފޮނަދޫ ބަލިކުރީ 3-0 އިންނެވެ.
މިހާތަނަށް އިސްދޫން ކުޅުނު ދެމެޗުން ހަ ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމަށް އަތޮޅު ސެމީ ފައިނަލަށް ފުރުސަތު ބޮޑެވެ. ރޭ އިސްދޫގެ ގޯލްތައް ޖަހައިދިނީ ލޫތު އަހުމަދު ފަތުހީއާއި އަލީ އައްޝަމްގެ އިތުރުން އަލީ މީސާގް އީސާއެވެ.
އެ ގްރޫޕުގައި އިސްދޫ ކައިރިން ބަލިވި، ލ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ގަމުން ރޭ ޕްރެޝަރު މެޗަކަށް ނުކުމެ ދަނބިދޫ ބަލިކުރީ 2-0 އިންނެވެ. އަހުމަދު ހަލީމް (އަންމަޑޭ)ގެ ގޯލެއް ފެނިގެން ދިޔަ އިރު، އަނެއް ގޯލަކީ އަލީ ޝާމިސް (ތޮއްޕެ) ހުރަސްކޮށްލި ބޯޅައެއް ދަނބިދޫގެ މުހައްމަދު ޝާމިލް ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.
ގަމާއި ދަނބިދުއަށް ދެމެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ދަނބިދޫން ފަހު މެޗުގައި ނުކުންނާނީ އިސްދުއާ ދެކޮޅަށެވެ. ގަމުން ދެން ވާދަކުރަން ޖެހޭނީ މިހާތަނަށް ދެމެޗުން ޕޮއިންޓެއް ނުލިބި އޮތް ފޮނަދުއާ ދެކޮޅަށެވެ.
ގަމާއި ދަނބިދޫ އަދި އިސްދުއަށްވެސް ސެމީއަށް ރަނގަޅު ފުރުސަތެއް އޮތް އިރު، ފޮނަދުއަށް މިހާރު އަމިއްލަ ބާރެއް ނެތެވެ.
އެ އަތޮޅު ގްރޫޕް ބީ ފެންނަނީ އަދި އިތުރަށް ފޯރިގަދަކޮށެވެ. އެ ގްރޫޕްގެ ހަތަރު ޓީމަށްވެސް ދެމެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ޓީމުތަކުގެ ފަރަގަކީ ފައިދާ ގޯލްގެ ފަރަގެވެ.
ރޭ މުންޑޫން މާވަށް ބަލިކުރީ 4-1 އިންނެވެ. މެޗުގައި މުންޑޫގެ ގޯލްތައް ޖަހައިދިނީ ހުސައިން ލަޔާނާއި ހަމްދާން އަހުމަދު އަދި ހުސައިން ނިޝާފެވެ. ލަޔާން ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.
މާވަށުގެ ހަމައެކަނި ގޯލް މެޗުގައި ޖަހައިދިނީ އަހުމަދު ފަޒީލެވެ.
އެ ގްރޫޕުގައި ކަލައިދޫން ކުނަހަންދޫ ބަލިކުރީ 2-1 އިންނެވެ. ކަލައިދޫގެ ގޯލްތައް މެޗުގައި ޖެހީ އިބްރާހީމް ނާއިލާއި އަހުމަދު ފަރީޝްއެވެ. ކުނަހަންދޫގެ ހަމައެކަނި ގޯލް މެޗުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު މާއިޝްއެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް