ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގދ. އަތޮޅު ގްރޫޕް ސްޓޭޖުގައި ހޯދެއްޑުއާއި ވާދޫން ކުޅުނު ފުރަތަމަ މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ފޯރިއާއެކު ހުޅުމާލެ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނީ ގދ. އަތޮޅުގެ ދެމެޗެވެ.

އެ އަތޮޅުން ދެ ގްރޫޕަކަށް ޓީމުތައް ވާދަކުރަމުން އަންނަ އިރު، ޖުމުލަ ބައިވެރިވީ 6 ޓީމެވެ. އެހެންކަމުން ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ.

އެންމެފަހުން ހަތަރު އަހަރުވެސް އަތޮޅު ޗެމްޕިއަން ވާދޫން ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ މަޑަވެލި ބަލިކުރީ 3-2 އިންނެވެ. އެމެޗުގައި ވާދޫގެ ގޯލްތައް ޖަހައިދިނީ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) އާއި މުސައްނިފް މުހައްމަދުގެ އިތުރުން މުހައްމަދު އިޔާދު އަލީއެވެ. މަޑަވެލީގެ ދެ ގޯލްވެސް ޖަހައިދިނީ ޔައިޝް މުސްތަފާއެވެ.

ވާދޫ ހިމެނޭ ގްރޫޕްގައި މަޑަވެލިން ފުރަތަމަ ކުޅުނު މެޗުގައި ގައްދޫ ބަލިކުރި އިރު، ދެން ވާދުއަށް އޮތީ ގައްދުއާ ދެކޮޅަށެވެ. އެމެޗަށްފަހު ސެމީއަށް ދާ ޓީމުތައް ޔަގީންވާނެއެވެ.

ވާދޫން ގޯލް ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

އެ އަތޮޅު ގްރޫޕް ބީގައި ހޯދެއްޑޫން ކުޅުނު ފުރަތަމަ މެޗުގައި ރޭ ރަތަފަންދޫ ބަލިކުރީ 5-1 އިންނެވެ. ރަތަފަންދޫން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ފިޔޯރީއާ އެއްވަރުވެފައި އޮތުމުން އަދި ސެމީގެ ފުރުސަތެއް އެބައޮތެވެ. އެއީ ހޯޑެއްދޫން ފިޔޯރީއާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާއަށް ބަރޯސާ ވެގެންނެވެ.

ހޯދެއްޑޫ ފިޔޯރީ ކައިރިން ބަލިވި ނަމަވެސް، އެޓީމަށް ދެން ސެމީގެ ފުރުސަތެއް ނުގެއްލޭނެއެވެ. އެއީ ރަތަފަންދުއަށް ދެމެޗުން އެއް ޕޮއިންޓް ލިބިފައި އޮތުމުންނެވެ.

ރޭ ހޯދެއްޑޫގެ އުމުރުން 45 އަހަރު އާދަމް ލަރީފް (ރޮނާބެ) ހެޓްރިކް ފުރިހަމަ ކުރި އިރު، އެޓީމުގެ އަނެއް ގޯލްތައް ޖަހައިދިނީ އަހުމަދު އަޝްފާން މުހައްމަދު އަދި އަހުމަދު ޝާނިއު އަބްދުލްގަނީއެވެ. ރަތަފަންދޫގެ ގޯލް ޖެހީ އަލީ އުމައިދެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދާއި މިރޭވެސް ކުރިއަށްދާނެއެވެ.

މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަރަކާތްތެރިވާ އިރު، މުބާރާތުގެ އެންމެފަހުގެ އަޕްޑޭޓްތައް "ވަން"އިން ގެނެސްދެމުންދާނެއެވެ.