އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑުންވެސް ކުޅުނު މެޗުތަކުން އެއްވަރުވި އިރު، ޗެލްސީން އާ ކޯޗު ލިއަމް ރޮސެނިއާ ކުރިމަތީގައި ބަލިވެއްޖެއެވެ.
ލީގަށް ވާދަކުރާ ސިޓީއަށް ރޭ މާޔޫސީ ބައްޔަކާ ކުރިމަތިވީ ބްރައިޓަން ކައިރިންނެވެ. އަަމިއްލަ ދަނޑުގައި ސިޓީ އެއްވަރުވުމާއެކު އެޓީމަށް ވަނީ އެއްވަނައަށް އަރަން އިތުރު އުނދަގޫތަކަކާ ދިމާވެފައެވެ. މިހާތަނަށް ކުޅުނު 21 މެޗުން 43 ޕޮއިންޓް ސިޓީއަށް ލިބިފައިވާ އިރު، އެއްވަނައިގައި އާސެނަލް އޮތީ 20 މެޗުން 48 ޕޮއިންޓާއެކުގައެވެ.
މިއަހަރު ފެށުނުފަހުން ސިޓީން ހަ ޕޮއިންޓް ގެއްލުވާލާފައިވާ އިރު، ރޭގެ މެޗަށްވެސް ނުކުތީ ޑިފެންސިވް މައްސަލަތަކެއްގެ ތެރޭގައި އޮވެގެންނެވެ. ދެ ސެންޓަ ބެކުންނަށް ލިބުނު އަނިޔާގެ ސަބަބުން ގާޑިއޯލާ ވަނީ އުމުރުން 20 އަހަރުގެ މެކްސް އަލެންޔޭއަށް މެޗުން ފުރުސަތު ދީފައެވެ.
ފުރަތަމަ ކޮޅުގައި ރަނގަޅު ފުރުސަތުތަކެއް ހޯދި ސިޓީން ހާފު ނިމެން ދަނިކޮށް ލީޑު ނެގިއެވެ. އެއީ ޕެނަލްޓީއަކުން އާލިން ހާލަންޑެވެ.
އޭގެފަހުން ދެވަނަ ހާފުގައި ކައޯރޫ މިޓޯމާ ޖެހި ގޯލުން ބްރައިޓަން އެއްވަރު ކޮށްފައިވާ އިރު، ނިމެން ދަނިކޮށް ރަޔަން ޗެރްކީއާއި ހާލަންޑަށް ލިބުނު ފުރުސަތުތައްވި ބޭކާރެވެ.
ޔުނައިޓެޑުން ވަގުތީ ކޯޗު ޑެރެން ފްލެޗާގެ އިރުޝާދުގެ ދަށުން ރޭގެ މެޗަށް ނުކުމެ ބާންލީއާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ބާންލީ ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅުގައި އެޓީމުން ލީޑު ނެގީ އައިދެން ހެވެން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
ދެވަނަ ހާފުގައި ބެންޖަމިން ޝެސްކޯގެ ދެ ގޯލާއެކު ޔުނައިޓެޑުން ނަތީޖާ އަނބުރާލި ނަމަވެސް، ޖައިޑޮން އެންތަނީ ވަނީ 66 ވަނަ މިނެޓުގައި މެޗު އެއްވަރު ކޮށްފައެވެ.
ޗެލްސީގެ އާ ކޯޗު ރޮސެނިއާ ރޭގެ އެޓީމުން ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު ބަލަން ދަނޑުގައި އިން އިރު، އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި ޗެލްސީގެ މާކް ކުކުރޭޔާއަށް ރަތް ކާޑު ދައްކާފައިވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ރައުލް ހިމަނޭޒް ވަނީ ފުލަމްއަށް އެއްވަރު ކޮށްދީފައެވެ. އޭގެފަހުން 72 ވަނަ މިނެޓުގައި ލިއަމް ޑެލަޕް ޗެލްސީއަށް އެއްވަރު ކޮށްދިން ނަމަވެސް، ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ޗެލްސީ ކޮޅަށް ފުލަމްއިން އިތުރު ގޯލެއްވެސް ޖެހިއެވެ.
އެ ގޯލް ޖަހައިދިނީ ހެރީ ވިލްސަންއެވެ.
ރޭގެ ބައްޔާއެކު ޗެލްސީން އަށްވަނައަށް ވެއްޓިފައިވާ އިރު، އެޓީމަށް 21 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ. ހަތް ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 21 މެޗުން 32 ޕޮއިންޓާއެކުގައެވެ.
މުޙައްމަދު ޝަމްޢޫން
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު