ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅު، އަތޮޅު ބުރުގެ ފޯރިގަދަވަމުންދާ އިރު، މިއަދު ހަވީރު ކުޅުނު މެޗުތަކުން ވަށަފަރާއި މުރައިދޫގެ އިތުރުން ފިއްލަދޫވެސް މޮޅުވެއްޖެއެވެ.
ހއ. އަތޮޅުން މުބާރާތުގައި 10 ޓީމަކުން ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ މެޗުތައް ކުޅެނީ ދެ ގްރޫޕަކަށެވެ.
މިއަދު ހަވީރު ރެހެންދި ދަނޑުގައި ކުޅުނު މެޗުތަކަށް ބަލާ އިރު، ގްރޫޕް އޭގައި ފިއްލަދޫން ދެވަނަ މޮޅެއް ހޯދީ ތުރާކުނު ކައިރިން 2-1 އިން މޮޅުވެގެންނެވެ.
ފުރަަތަމަ ކުޅުނު މެޗުގައި ބާރަށް ބަލިކޮށްފައި އޮތް ފިއްލަދުއަށް މިއަދުގެ މެޗުގައި ގޯލްތައް ޖަހައިދިނީ އާދަމް ސަމާހާއި މުހައްމަދު ޔާމީނެވެ. ތުރާކުނުގެ ހަމައެކަނި ގޯލް ޖަހައިދިނީ މުހައްމަދު ސަމީހެވެ.
އެ ގްރޫޕުގައި ދެން ކުޅުނީ ފުރަތަމަ މެޗުން މޮޅުވެފައި އޮތް ކެލައާއި ހޯރަފުށްޓެވެ. ހޯރަފުއްޓަށް މިއަދުގެ މެޗަކީ ފުރަތަމަ މެޗެވެ. އެމެޗު ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ.
މެޗުގައި ހޯރަފުށީގެ އަބްދުﷲ ޔާމީން (ޔާނު) ދެ ގޯލް ޖަހައިދިން އިރު، އެޓީމުގެ އަނެއް ގޯލް ޖެހީ އަލީ އިމްރާން މުހައްމަދެވެ. ކެލާގެ ގޯލްތައް ޖަހައިދިނީ އަހުމަދު ވަހީދާއި ގާސިމް އަތޫފްގެ އިތުރުން އިބްރާހީމް ރިޝާލެވެ.
ހއ. އަތޮޅު ގްރޫޕް ބީގައި މުރައިދޫން ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ދިއްދޫ ބަލިކުރީ ފަހަތުން އަރައި، 3-1 އިންނެވެ. ދިއްދޫން ފުރަތަމަ ކުޅުނު މެޗުން މޮޅުވެފައި އޮތް އިރު، މިއަދުގެ މެޗުގައި ދިއްދޫގެ ގޯލް ޖެހީ އިބްރާހީމް ނަވާފް ސައީދެވެ. މުރައިދޫގެ ގޯލްތައް މެޗުގައި ޖެހީ ނަޒްމީން ހުސައިނާއި އުފާފް އަބްދުﷲއެވެ. ނަޒްމީން މެޗުގައި ދެ ގޯލް ޖެހިއެވެ.
މިދިޔަ އަހަރު އަތޮޅު ޗެމްޕިއަން ވަށަފަރުން ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި އޮތް އިރު، މިއަދުގެ މެޗަށް ނުކުމެ އުތީމު ބަލިކުރީ 4-0 އިންނެވެ. އުތީމު ވަނީ މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ.
ވަށަފަރުގެ އަހުމަދު މާއިޝް ރަޝީދު ހެޓްރިކް ފުރިހަމަ ކުރި އިރު، އަނެއް ގޯލް ޖެހީ އަލީ ޔަޒްދާން ރަޝީދެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.
މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަރަކާތްތެރިވާ އިރު، މުބާރާތުގެ އެންމެފަހުގެ އަޕްޑޭޓްތައް "ވަން"އިން ގެނެސްދެމުންދާނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް