ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ލ. އަތޮޅުގެ އަތޮޅު ބުރުގައި، އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން އިސްދޫން ގަން ބަލިކުރި އިރު، ދަނބިދުއާއި ކުނަހަންދޫ އަދި މާވަށުންވެސް ފެށުން ރަނގަޅު ކޮށްފިއެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ލ. އަތޮޅުން އަށް ޓީމު ވާދަކުރާ އިރު، މެޗުތައް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
އެ އަތޮޅުގެ ގްރޫޕް އޭގައި އެންމެފަހުން ފައިނަލުގައި ވާދަކުރި އިސްދުއާއި ގަމުން ފޯރިގަދަ މެޗެއް ކުޅެފައިވާ އިރު، އެމެޗު އިސްދޫން ކާމިޔާބުކުރީ 3-1 އިންނެވެ.
ގަމުން އަލީ ޝާމިސް (ތޮއްޕެ) ގެ ގޯލުން ލީޑު ނެގި ނަމަވެސް، އަލީ ހުމޭޒު ވަނީ މެޗު އެއްވަރު ކޮށްދީފައެވެ. އޭގެފަހުން ހަމަހަމަ ކުޅުމެއް ފެންނަމުން ގޮސް، އިސްދޫން މެޗުން މޮޅުވީ ފަހުވަގުތު ދެ ގޯލް ޖަހައިގެންނެވެ. އެ ގޯލްތައް ޖަހައިދިނީ އަލީ މީސާގު އީސާއާއި ހުސައިން އަފްހާނެވެ.
އެ ގްރޫޕުގައި މުބާރާތުގައި އަލަށް ވާދަކުރާ ފޮނަދޫ ކައިރިން ދަނބިދޫ މޮޅުވީ 7-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދަނބިދޫގެ އަހުމަދު ރުވާއު ހެޓްރިކް ފުރިހަމަ ކުރި އިރު، އެޓީމުގެ މުހައްމަދު މަފާޒާއި އަލީ އިރުފާދު (އިރުއްޕެ) އަދި މޫސާ ހާނިމްވެސް ގޯލް ޖެހިއެވެ. އޭގެ އިތުރުން ފޮނަދޫގެ އަހުމަދު އަސީލް އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.
ފޮނަދޫގެ ދެ ގޯލް ޖެހީ އަހުމަދު އަމަން އަލީއާއި އަހުމަދު އަލްތޯފް އަޒީމެވެ.
ލ. އަތޮޅު ގްރޫޕް ބީގައި ކަލައިދޫން މާވަށް ކައިރިން ބަލިވީ 1-0 އިންނެވެ. މާވަށުގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދު ފާރިސް ހަސަނެވެ.
އެ ގްރޫޕުގައި ކުނަހަންދުއާއި މުންޑޫ ވާދަކުރި މެޗު 3-1 އިން ކުނަހަންދޫން ކާމިޔާބުކުރި އިރު، މެޗުގައި ހިނގި ހަމަނުޖެހުމެއްގައި ރަތް ކާޑު ތަކެއްވެސް ފެނިގެން ދިޔައެވެ.
މުންޑޫގެ އޮފިޝަލަކާއި އަލީ ޒިޔާންގެ އިތުރުން އިބްރާހީމް ދައިސަމްއަށްވެސް ރަތް ކާޑު ދެއްކި އިރު، ކުނަހަންދޫގެ މުހައްމަދު އަޒުމޫނާއި ސަހީމް އަބްދުލް ގާދިރު (މެސީ)އަށްވެސް ރަތް ކާޑު ދައްކާފައިވެއެވެ.
ސަހީމް މެޗުގައި ދެ ގޯލް ޖަހާފައިވާ އިރު، ކުނަހަންދޫގެ އަނެއް ގޯލްޖެހީ އަހުމަދު އަހްނަފެވެ.
މުންޑޫގެ ހަމައެކަނި ގޯލް މެޗުގައި ޖެހީ އިބްރާހީމް ނަޒީލެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް މިއަދު ހަވީރާއި މާދަމާ ރޭވެސް ކުރިއަށްދާނެއެވެ.
މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަރަކާތްތެރިވާ އިރު، މުބާރާތުގެ އެންމެފަހުގެ އަޕްޑޭޓްތައް "ވަން"އިން ގެނެސްދެމުންދާނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް