ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އދ. އަތޮޅުގެ ފުރަތަމަ މެޗުތަކުން މަންދޫ އާއި ދަނގެތިންވެސް މޮޅުވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރު ފެށިގެން ކުރިއަށްދާ އިރު، އދ. އަތޮޅުން ވާދަކުރަމުން ދަނީ އަށް ޓީމަކުންނެވެ. އެ އަތޮޅުގެ ފުރަތަމަ މެޗުތައްވެސް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެމުންދާ އިރު، ރޭ މަހިބަދޫއާއި މާމިގިލި ބައްދަލުކުރަން އޮތް މެޗު ކުޅެވިފައެއް ނުވެއެވެ. އެމެޗަށް މާމިގިލި ހާޒިރުނުވުމުން މެޗު ލިބުނީ މަހިބަދުއަށެވެ. އެއީ އެ އަތޮޅު ގްރޫޕް ބީގެ މެޗެކެވެ.

އެ ގްރޫޕްގައި ދެން ކުޅުނީ ދަނގެއްޗާއި ފެންފުށި ވާދަކުރި މެޗެވެ. އެމެޗުގައި ދަނގެތީގެ ގޯލްތައް ޖެހީ އަހުމަދު ސުދައިސް އަލީއާއި މުހައްމަދު ނާއިމްގެ އިތުރުން އިހްސާން މަންސޫރެވެ. ނާއިމާއި ސުދައިސް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިފައެވެ.

ފެންފުށީގެ ގޯލްތައް މެޗުގައި ޖެހީ މުހައްމަދު އަލީއާއި އަހުމަދު އާމިރު އަދި މުހައްމަދު ޝަމްވީލެވެ. މުހައްމަދު އަލީ މެޗުގައި ދެ ގޯލް ޖެހިއެވެ.

އެ އަތޮޅު ގްރޫޕް އޭގައި އެންމެފަހުގެ އަތޮޅު ޗެމްޕިއަން މަންދޫން ކުނބުރުދޫ ބަލިކުރީ 3-1 އިންނެވެ. އެމެޗުގައި މަންދޫގެ ގޯލްތައް ޖެހީ އާދަން ޝިޔާން މުހައްމަދާއި އަހުމަދު ޖުމާނެވެ. ޝިޔާން މެޗުގައި ދެ ގޯލް ޖެހިއެވެ.

6 ޖެނުއަރީ 2026، ހުޅުމާލެ، މަންދޫއާއި ކުނބުރުދޫ ވާދަކުރި މެޗުގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ކުނބުރުދޫގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދު ސަމާހު މޫސާ ފަތުހީއެވެ.

އެ ގްރޫޕުގައ އޮމަދުއާއި ހަންޏާމީދޫ ވާދަކުރި މެޗު ނިމުނީ ގޯލެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް މިއަދު ހަވީރާއި މާދަމާ ރޭވެސް ކުރިއަށްދާނެއެވެ.

މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަރަކާތްތެރިވާ އިރު، މުބާރާތުގެ އެންމެފަހުގެ އަޕްޑޭޓްތައް "ވަން"އިން ގެނެސްދެމުންދާނެއެވެ.