ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އއ. އަތޮޅު، އަތޮޅު ބުރުގައި ތޮއްޑޫން ބޮޑުފޮޅުދޫ ބަލިކުރި އިރު، ކ. އަތޮޅުގެ ފުރަތަމަ މެޗުތަކުން ގާފަރާއި ގުޅިން މޮޅުވެއްޖެއެވެ.
މިއަދު ހަވީރު ޖުމުލަ ހަަތަރު މެޗު ކުޅެފައިވާ އިރު، ފަސް ޓީމުން ވާދަކުރާ އއ. އަތޮޅުގެ ލީގު ބުރުގައި މިއަދު ހަވީރު ތޮއްޑޫން ބޮޑުފޮޅުދޫ ބަލިކުރީ 2-1 އިންނެވެ.
އެެމެޗުގައި ތޮއްޑޫގެ ގޯލްތައް ޖެހީ އަލީ މަނާލް މުސްތަފާއާއި އަލީ ފަހުމީއެވެ. ބޮޑުފޮޅުދޫގެ ގޯލް ޖެހީ މުހައްމަދު ސިރުހާނެވެ.
ދެން މިއަދު ހަވީރު ކުޅުނީ ކ. އަތޮޅުގެ މެޗުތަކެވެ. އެ އަތޮޅުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެމުންދާ އިރު، ގްރޫޕް އޭގައި ހިމެނެނީ ހަތަރު ޓީމެވެ. ގްރޫޕް ބީގައި ވާދަކުރަނީ ތިން ޓީމެވެ.
ގާފަރުން ހިންމަފުއްޓާ ވާދަކޮށް، 5-1 އިން މޮޅުވި އިރު، ގާފަރުގެ ގޯލްތައް ޖަހައިދިނީ މުހައްމަދު ނިހާލް ނަޝީދާއި އިބްރާހީމް ރިމާހް، ޝަނާން ރަޝާދު އަދި ސާމިން މުހައްމަދު ނަސީރެވެ. ނިހާލް ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.
ހިންމަފުށީގެ ގޯލް ޖަހައިދިނީ ހުސައިން ނާފިޒެވެ.
އެ އަތޮޅު ގްރޫޕް އޭގައި، އެންމެފަހުން މުބާރާތުގެ ޗެމްޕިއަން ކާށިދޫން ކުޅުނު މެޗުގައި ދިއްފުއްޓާ އެއްވަރުވީ 2-2 އިންނެވެ.
ކާށިދޫގެ ގޯލްތައް ޖަހައިދިނީ އިސްމާއީލް ރަޔާނާއި އަކުމަލް މުހައްމަދެވެ. ދިއްފުށީގެ ދެ ގޯލްވެސް ޖެހީ އަހުމަދު މާޒިންއެވެ.
އެ ގްރޫޕުގައި ގުޅިން ގުރައިދޫ ބަލިކުރީ 1-0 އިންނެވެ. އެ މެޗުގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދު އަނޫފް އަހުމަދެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް މާދަމާ ހަވީރާއި މާދަމާ ރޭވެސް ކުރިއަށްދާނެއެވެ.
މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަރަކާތްތެރިވާ އިރު، މުބާރާތުގެ އެންމެފަހުގެ އަޕްޑޭޓްތައް "ވަން"އިން ގެނެސްދެމުންދާނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް