ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުންކޮށްގެން ހއ. ދިއްދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފިއެވެ.
ދިއްދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްްއޭސީއެލް)އިން މިރޭ ބުނީ ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ކަމަށެވެ.
ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަދު ހަވީރު ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މަޝްރޫއު ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މިނިސްޓަރުގެ އަރިހުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު، ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު އަދި ދިއްދޫގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޭސީއެލުން ބުނީ ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެމްއޭސީއެލް އިން ގެނެސްފައިވަނީ "ލީވް އެރިކްސަން" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ކަމަށެވެ.
އެ ޑްރެޖަރަކީ އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ ޑްރަޖަރެއް ކަމަށާއި، އެ ޑްރެޖަރަކީ ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ.
މުހައްމަދު އިޝާން
ހއ. ދިއްދޫ
ހއ. ދިއްދޫ
ހއ. ދިއްދޫ
ހއ. ދިއްދޫ