ދިއްދޫން ދިވެހި ޕްރިމިއާ ލީގުގެ ކޮންމެ ޓީމަކާ ދެކޮޅަށް ކުޅޭއިރުވެސް ތަފާތު ހިތްވަރެއް ދައްކާނެ ކަމަށް ކޯޗު މޫސާ އިބްރާހިމް (މުސްތަޓޭ) ބުނެފިއެވެ.
ދިއްދުއަކީ މިފަހަރު ލީގުގައި ވާދަކުރާ އަތޮޅު ތެރޭގެ ޓީމުތަކުގެ ތެރެއިން އެއް ޓީމެވެ. އެޓީމުން ވަނީ ފުރަތަމަ ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބު ކައިރިން 1-0 އިން މޮޅުވެފައެވެ. ދެވަނަ މެޗުގައި މިއަދު ނުކުންނަނީ ރާއްޖޭގެ އެންމެ ތާރީހީ އެއް ކްލަބު، އަދި މިވަގުތު އެންމެ ވަރުގަދަ އެއް ކްލަބު ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
"ފުރަތަމަ މެޗުގެ ނަތީޖާ އެއީ ވިކްޓްރީ ކަހަލަ ތާރީހީ ކްލަބަކާ ދެކޮޅަށް ނުކުންނައިރު ނަތީޖާ ވަރަށް މުހިއްމު ނަތީޖާއަކަށްވެފައި މިއޮންނަނީ. އެއީ ރަށުން ބޭރުގައި އަވޭގައި ޕޮއިންޓް ހޯދިފައި އޮތުން އެއީ ވަރަށް މުހިއްމު ކަމެއް. ދެން ވިކްޓްރީއަކީ އަބަދުވެސް އަޅުގަނޑު ފުޓުބޯޅައިގައި އަޑުއަހާ، ތާރީހީ އެތައް ކާމިޔާބީއެއް ހޯދާފައިވާ ކްލަބެއް. އެކަހަލަ ކްލަބަކާ ދެކޮޅަށް ނުކުންނައިރު ދިއްދުއަށް އޮންނާނެ ޕްރެޝަރު. ހާއްސަކޮށް މިހާރު ވިކްޓްރީގެ ސްކޮޑު އެކުލަވާލެވިފައި އޮތް ގޮތުން ހުނަވެރި އެތައް ކުޅުންތެރިންނެއް އެބަ ފެނޭ ވިކްޓްރީ ސްކޮޑުން. ދެން އެ ހުރި ކޯޗަކީ (މޯހަން) އަކީ އަޅުގަނޑުގެ ކޯޗިން ކެރިއަރުގައި ވަރަށް ބައިވެރި އެހީތެރިކަން ފޯރުކޮށްދީފައިވާ ކޯޗެއް. އެހެންވީމަ އަޅުގަނޑަށްވެސް އެހާ ފަސޭހަ ނުވާނެ. އަޅުގަނޑަށްވެސް މިއީ އެހާ ފަސޭހައެއް ނުވާނެ. އެހެން ނަމަވެސް ދިއްދޫން ދިވެހި ފުޓުބޯޅައަށް ތަފާތު ހިތްވަރެއް ދައްކާނެ،" މުސްތަޓޭ ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
މުސްތަޓޭ ބުނީ ނަތީޖާއަކީ މެޗުގެ އޮއިވަރުން ބަދަލުތަކެއް އައިސްދާނެ ކަމެއް ކަމަށާއި، ދިއްދުއަށް އޮތް ޗެލެންޖަކީ ޕްރެކްޓިސްއަށް ކުޅުންތެރިން ނުލިބުން ކަމަށެވެ.
"އަޅުގަނޑުމެންނަށް މި އޮތް އެންމެ ބޮޑު ޗެލެންޖަކީ ދިއްދޫގެ ގިނަ ކުޅުންތެރިންތަކެއް މިއުޅެނީ ރިސޯޓުގައި. އެހެންވީމަ ޕްރި މެޗު ވާމްއަޕް ދުވަހަށް މި ކުޅުންތެރިން ލިބެނީ. ދެން ޓެކްނިކަލީ ކުރެވެން އޮންނަ ހުރިހާ ކަމެއް އެބަކުރަން. އެއީ ވިކްޓްރީ މެޗު އަހަރެމެން ކޯޗިން ޓީމުން މިހާރު ވާނީ ބަލާފައި. ދިއްދޫގެ ކައުންސިލް މުބާރާތުގައި ކުޅެފައި ތިބި ގިނަ ކުޅުންތެރިންތަކެއް އެބަތިބި ވިކްޓްރީގެ ސްކޮޑުގައި. އެހެންވީމަ ދިއްދޫގެ ދަނޑުގައި އެކުޅުންތެރިން ކުޅެފައި އޮތީމަ، އެ ފައިދާ އެބަލިބޭ،" މުސްތަޓޭ ބުންޏެވެ.
ދިއްދުއާއި ވިކްޓްރީ ވާދަކުރާ މެޗު އޮތީ މިއަދު ހަވީރު ގައުމީ ދަނޑުގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް